ހަބަރު

ގާސިމް ބަންދުކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހަ ދުވަހަށް ބަންދުކުރުމަށް މިދިޔަ ހުކުރު ދުވަހު ކުރިމިނަލް ކޯޓުން ކުރި އުމުރު އިސްތިއުނާފު ކުރުމަށް ހުށަހަޅައިފި އެވެ. ވަކީލުންގެ ޓީމުން ބުނެފައިވާ ގޮތުގައި ބަންދު އިސްތިއުނާފުކުރަނީ، ގާސިމާ ދެކޮޅަށް ފުލުހުންގެ އަތުގައި އެއްވެސް ހެއްކެއް ނެތުމުންނެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ، ގާސިމް ބަންދުކުރުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މިއަދު ހެނދުނު ހުށަހަޅާފައިވާ ކަމަށެވެ.

ގާސިމް ހައްޔަރު ކުރީ މަޖިލީހުގެ މެންބަރުން ރިޝްވަތި ދިނުމުގެ ތުހުމަތާއި ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ހަރަކާތްތައް ހިންގާ ކަމުގެ ތުހުމަތުގަ އެވެ. އަދި އެ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލަން އުޅުނުކަމުގެ ތުހުމަތު ވެސް ފުލުހުން ވަނީ ގާސިމްގެ މައްޗަށް ކޮށްފަ އެވެ.

ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވެފައިވަނީ ގާސިމް ހައްޔަރުކޮށްފައިވަނީ އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށާއި ހައްޔަރުކުރީ ހެކި ނައްތާލުމަށާއި ފޮރުވުމަށް މަސައްކަތްކޮށް ގައުމަށް ނުރައްކާތެރި ވެދާނެ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ. ނަމަވެސް ފުލުހުންގެ އަތުގައި ގާސިމްއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތްކަން ހިސާން ފާހަގަކުރެއްވި އެވެ. ނެތް ހެއްކަކަށް ނުފޫޒު ފޮރުވައި ނުވަތަ ނެތް ހެއްކެއް ފޮރުވާނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރިމިނަލް ކޯޓުން ވެސް ވަނީ ހަ ދުވަހުގެ ތެރޭގައި ގާސިމްއާ ދެކޮޅަށް ހެކި ހުށަހެޅުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.

ގާސިމް ހައްޔަރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)އާ ހިލާފަށް ކަމަށް ބައެއް މަޖިލިސް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެ ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސިކިއުޓާ ޖެނެރަލަށް ފެނިއްޖެނަމަ އެވެ.