ރިޕޯޓް

ރައުދާގެ ގޮތް ނޭނގޭ މަރު: ޖަވާބުތައް ހުއްޓެނީ އެއްދިމާލަކަށް

  • ފުލުހުންގެ ތަހުގީގުން ސުވާލުތަކަށް ޖަވާބު ލިބިއްޖެ
  • އެ މަރުގައި މީހަކަށް ތުހުމަތު ކުރަން ހެއްކެއް ނެތް
  • މުޅި މައްސަލަ އެކީ ސާފުވާނީ ތަހުގީގު ނިމުމުން

މޮޑެލްއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ރައުދާ އާތިފް ކުއްލިއަކަށް މަރުވި ހަބަރަކީ ގިނަ ބަޔަކު ސިއްސުވާލި ބޮޑު ހަބަރެކެވެ. އެވާހަކަ ގަބޫލު ކުރަން ގިނަ ބަޔަކަށް އުނދަގޫވެސްވި އެވެ. އަދި ރައުދާ މަރުވެފައި ހުއްޓާ ފެނުނީ ދަންޖެހިގެން ކަމަށް ބުނި ނަމަވެސް އެކަން ވެސް ގަބޫލެއް ނުކުރެވުނެވެ. އެއޮތް ރީތި ދެ ލޮލުގެ ވެރިޔާ އަދި ފޮޓޯތަކުގައި އަބަދު ހިނިތުންވެ ހުންނަ ރައުދާ އަމިއްލައަށް މަރުވެދާނެ ކަމަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވުނެވެ. -- ރައުދާ މަރުވި ގޮތުގެ ތަހުގީގު އަދި ނުނިމެ އެވެ --

ރައުދާގެ މަރާ ގުޅިގެން ގިނަ ސުވާލުތަކެއް ފެންމަތިވެގެން އައީ ވެސް އޭނާއަކީ އަމިއްލައަށް މަރުވެދާނެ ކުއްޖެއް ކަމަށް އާއިލާއަށް ވެސް އަދި އެކުވެރިންނަށް ވެސް ގަބޫލުނުކުރެވޭތީ އެވެ. ރައުދާގެ މަރާއެކު އޭނާ ކިޔަވަމުން ގެންދިޔަ ބަންގްލަދޭޝްގެ ރާޖްޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްއާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ފެންމަތިވެގެން ދިޔަ އެވެ. އެގޮތުން އެ ކޮލެޖަކީ ހައްދުފަހަނައަޅާފައިވާ ޖަމާއަތެއްގެ ނުފޫޒުގެ ދަށުގައި އޮތް ކަމުގެ އަޑުތައް ފެންމަތިވެގެންދިޔަ އެވެ. ހަމައެއާއެކު ރައުދާގެ ކޮޓަރި ތެރޭގައި މާރާމާރީއެއް ނުވަތަ ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ ނިޝާންތަކެއް ތިލަވި އެވެ. އެނދުގައި ރެނދެއްލާފައިވާއިރު، އަލަމާރީގެ ބިއްލޫރިގަނޑު ވެސް ވަނީ ތެޅިފަ އެވެ.

ރައުދާ ބުރުގާނާޅައި، ގަޔަށް ބާރު ހެނދުން ލާތީ ނުރުހުންވެ ރައުދާ މަރާލީ ކަމަށް ބުނެ ހައްދުފަހަނައަޅާފައިވާ މީހުންގެ ބޮލުގައި އޭނާގެ މަރުގެ ތުހުމަތު އެއް ބަޔަކު އަޅުވާއިރު އަނެއް ބައެއްގެ އިނގިލި ދިއްކޮށްފައިވަނީ ރައުދާ ދަންޖެހިފައި ހުއްޓާ ފުރަތަމަ ފެނުނު އޭނާގެ އެކުވެރިޔާ ސީރަތު ޕަރްވީން މުހައްމަދަށެވެ. ހަސަދަވެރިކަމުގައި ރައުދާ މަރާލީ ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ. ސީރަތަށް ރައުދާގެ އާއިލާއިން ވެސް ތުހުމަތުކުރެ އެވެ. ސީރަތާ ދެކޮޅަށް ހެކިތަކެއް ހުރިކަން ވެސް އާއިލާއިން ވަނީ ފާހަގަކޮށް އެކަން ކޯޓުގައި ވެސް ފާހަގަކޮށްފަ އެވެ.

ރައުދާގެ އިންސްޓަގްރާމުން ސީރަތު އަންފޮލޯކުރި ވާހަކަތަކެއް ފެންމަތިވެގެން ދިޔުމާއެކު ސީރަތަށް ކުރެވެން ފެށި ތުހުމަތުތައް ގިނަވެގެން ދިޔަ އެވެ. އަދި ރައުދާގެ ޖޫސްތައްޓަށް ނިދާ ބޭސްތަކެއް ސީރަތު އެޅިކަމުގެ ވާހަކަތަކެއް ވެސް މީޑިއާގައި ފެތުރުނެވެ. ރައުދާގެ އިންސްޓަގްރާމަކީ މި މައްސަލާގައި އެތައް ދިމާލަށް ގެންދިޔަ ކަމެކެވެ. އިންސްޓަގްރާމް މިހާރު ޑީއެކްޓިވޭޓް ކޮށްފައިވާއިރު އެ އެކައުންޓްގެ އެކްސެސް ބަޔަކު އަތުގައި އޮތުމަކީ ވެސް ފުލުހުން ކަންބޮޑުވެ މައްސަލަ އިތުރަށް ތަހުގީގު ކުރާ ކަމެކެވެ.

ޒާތީ ސަބަބުތަކެއް ސަބަބުން ނުވަތަ ހައްދުފަހަނައަޅާ ދިޔުމުގެ ވިސްނުމުގެ ސަބަބުން ރައުދާ މަރާލީ ކަމަށް ތުހުމަތުތަކެއް ކުރެވޭއިރު ދިވެހި ފުލުހުންގެ މަސައްކަތުން ރައުދާގެ ފޯނު ހުޅުވުމުން މައްސަލާގައި އިތުރު ކުރިއެއް ވަނީ ފަޅާފަ އެވެ. އެކަމުގެ ތެރެއަށް އޭނާގެ ލޯބިވެރިޔާގެ ނަން ގުޅިގެން ދިޔަ އެވެ. ލޯބިވެރިޔާއާ މައްސަލަ ޖެހި، ހޫނު ޒުވާބެއް ހިނގާފައިވާ ބަންގްލަދޭޝްގެ ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

ރައުދާގެ މަރާ ގުޅޭ ގޮތުން ފެންމަތި ކުރާ ގިނަ ސުވާލުތަކާއި މަރުގެ ތުހުމަތުތައް އެކި ދިމާލަށްދާއިރު ދިވެހި ފުލުހުން އިއްޔެ ބުނެފައިވަނީ މައްސަލަ ވަކި ދިމާލަކަށް ފޯކަަސް ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އެ ދިމާލަށް އެ މަރުގެ ތުހުމަތު ގެންދަންޖެހޭ ސަބަބުތަކެއް ފުލުހުންނަށް ފާހަގަނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ރައުދާގެ މަރުގެ ސީރަތަށް ކުރެވޭނެ އެއްވެސް ނިޝާނެއް އަދި ހެއްކެއް ވެސް ފާހަގަކުރެވިފައިނުވާ ކަމަށް ރައުދާގެ މަރާ ގުޅިގެން އެކަން ބެލުމަށް އެ ގައުމަށް ވަޑައިގަތް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް މުހައްމަދު ރިޔާޒު އިއްޔެ ވިދާޅުވި އެވެ. ރިޔާޒު ވަނީ ސީރަތާ ބައްދަލުކޮށް ސުވާލު ވެސް ކޮށްފަ އެވެ. ސީރަތުގެ ފޯނު ވެސް ބަލާފައިވެ އެވެ. ސީރަތުގެ ފޯނުން ވެސް އަދި ރައުދާގެ ފޯނުން ވެސް އެފަދަ އެއްވެސް ކަމެއް ފެނިފައެއް ނުވެ އެވެ. ނަމަވެސް ކްލާހެއް މިސްވި މައްސަލާގައި ދެމީހުންގެ ދެމެދު މައްސަލައެއް ޖެހުނުކަން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް ހަމައެކަނި އެކަމަކީ މަރަކާ ގުޅުވޭނެ ސަބަބެއް ކަމެއް ގަބޫލެއް ކުރެވޭނެ ހެތްކެއް ފުލުހުންނަކަށް ނުފެނުނެވެ. ސީރަތަށް އަމާޒުވެފައިވާ ތުހުމަތުތަކާއި ފާޑުކިޔުންތަކުގައި އެއްވެސް ހަގީގަތެއް ނެތްނަމަ ސީރިތަށް ވެސް ލިބެމުން އެ ދަނީ ވަރަށް ބޮޑު ދެރައެކެވެ. ވަރަށް ބޮޑު ބަދުނާމެކެވެ.

ދިވެހި ފުލުހުން ހޯދި ހޯދުންތަކުން މިކަމުގައި ސީރަތުގެ އަތެއް ނެތް ކަމަށް ބުރަވެވޭއިރު، ހައްދުފަހަނައަޅާފައިވާ ބައެއްގެ ޖެއްސުންކުރުން ނުވަތަ އެމީހުންގެ ބިރުވެރިކަން ދިވެހި ދަރިވަރަކަށް ކުރިމަތިވެފައިނުވާކަން އެ ކޮލެޖްގައި ވޭތުވެދިޔަ ތިން އަހަރު ދުވަހު ކިޔަވަމުން އަންނަ ދަރިވަރުން ވެސް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމުން އެ ތުހުމަތުތަކާމެދު ދިވެހި ފުލުހުން ދެކޭ ގޮތް ވެސް އެނގެ އެވެ.

ރައުދާގެ ދިރިއުޅޭ ކޮޓަރިއަކީ ވަރަށް ކުޑަކުޑަ ކޮޓަރިއެކެވެ. އެ ކޮޓަރީގަ ހުރެ ދައްކާ ވާހަކަ ވެސް ބޭރަށް އަޑު އިވެ އެވެ. އެފަދަ ތަނެއްގައި އެނދު ބިންދައިގެންދާވަރު ހަމަނުޖެހުމެއް ހިނގިނަމަ އެކަމުގެ އަޑު އިވޭނެ މީހުން ވެސް ކޮލެޖްގައި އުޅޭނެ އެވެ. ނަމަވެސް އެފަދަ މީހެއް ދިމަލެއް ނުވެ އެވެ. ރިޔާޒު އިއްޔެ ވިދާޅުވީ، އެ ކޮޓަރީގައި ހުރި އެނދުގައި ރެނދެއް ހުރި ކަމަށާއި ނަމަވެސް އެއީ މާކުރިން ވެސް އެ އެނދުގައި ހުރި ރެނދެއް ކަމަށެވެ. އެކަން ރައުދާ އާއިލާގެ މެންބަރަކާ ވެސް އޭނާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހަމައެހެންމެ، އަލަމާރި ބިއްލޫރިގަނޑު ވެސް ތަޅައިގެން ގޮސްފައިވަނީ ހާދިސާގެ މާކުރިންކަން އެނގިފައިވާ ކަމަށެވެ. ހަމައެހެންމެ ގެއްލިފައިވަނީ ހަމައެކަނި އެ ރޭގެ ސީސީޓީވީ ފްޓޭޖްތައް ނޫންކަން ވެސް އިއްޔެ ފުލުހުން ހާމަކުރި މައުލޫމާތުން އެނގެ އެވެ. ކޮލެޖްގެ ބައެއް ކެމެރާތަކުގައި މައްސަލަ ޖެހިފައިވާތާ ގިނަ ދުވަސްތަކެއްވެފައިވާކަން ފާހަގަކުރެވޭ ކަމަށާއި އެގޮތުން ގާލްސް ހޮސްޓެލްގެ ކެމެރާ ވެސް ވަނީ މައްސަލަ ޖެހިފަ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ދިވެހި ފުލުހުން ހިންގި ތަހުގީގުން ފާހަގަވި ކަންކަމަށް ބެލުމަށްފަހު ފުލުހުން އެއްބަސްވާ އެއްބަސްވުމަކީ ރައުދާގެ މަރުގައި އަދާޔާ ހިލާފު ކަމެއް ނެތް ކަމަށެވެ. ނަމަވެސް އަމިއްލައަށް ދަންޖެހިގެން މަރުވި ކަމުގެ ނިޝާންތައް ހުރި ކަމެވެ. ރައުދާގެ ހެދުމާއި ސްކާފުން ސޮނި ވެސް ފެނިފައިވާ ކަމަށާއި އެއީ ދަންޖެހޭ މީހުންގެ އަނގައިގެން އާންމުކޮށް އަންނަ ސޮންޏެއްކަން ރިޔާޒު ފާހަގަކުރި އެވެ. މީގެއިތުރުން ރައުދާގެ ކަރުގެ ހިފާފައިވާ ކަމަށް އޭނާގެ އާއިލާއިން ވަރަށް ބޮޑަށް ތުހުމަތުކުރެ އެވެ. އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލާގައި ވެސް ބުނެފައިވަނީ ރައުދާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި އޭނާގެ ކަރުގައި ހިފާ މަރާލާފައިވާ ކަމަށެވެ. ނަމަވެސް ދިވެހި ފުލުހުން ވަނީ އެފަދަ ކަމެއް ފާހަގަނުވާ ކަމަށް ބުނެފަ އެވެ. އެގޮތުން ރައުދާ ދަންޖެހިފައި ހުރީ ދެ ސްކާފެއް ގުޅުވައިގެން ގޮއްޖައިގެން ކަމަށާއި އެ ސްކާފްގައި ދަގަނޑު ބޯޅަތަކެއް ކަހަލަ އެއްޗެއް ހުރިކަން ފާހަގަވި ކަމަށް ރިޔާޒު ވިދާޅުވި އެވެ. އެހެންކަމުން ރައުދާގެ ކަރުގައި ހުރި ނިޝާންތަކަކީ އޭގެ ނިޝާންތައް ކަމަށް ބެލެވޭ ކަމަށެވެ.

ރައުދާގެ މަރުގެ ތަހުގީގު ހިނގަމުންދާތީ، ދިވެހި ފުލުހުން އެ މަރާ ގުޅޭ ގޮތުން ވަކި ގޮތެއް ކަނޑައަޅާފައިނުވީ ނަމަވެސް ފުލުހުންނަށް ފާހަގަވި ކަންކަމުން ދޭހަވަނީ ރައުދާ އަމިއްލައަށް މަރުވި ކަމަށެވެ. ނަމަވެސް އާއިލާއިން އެކަން ގަބޫލެއް ނުކުރެ އެވެ. ޕޯސްޓްމޯޓަމް ރިޕޯޓްގައި އެހެން ބުނުމުން ވެސް އާއިލާ އެ ގަބޫލެއް ނުކުރެ އެވެ. އާއިލާއިން ބުނަނީ ރައުދާ އަމިއްލައަށް މަރުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ރައުދާއަކީ ހުވަފެންތަކަކާއެކު ދިރިއުޅެމުންދާ ޒުވާން ކުއްޖެއް ކަމަށެވެ. އަމިއްލައަށް މަރުވާން ޖެހޭފަދަ ކަމެއް އުޅޭ ކަމުގެ ވާހަކަ އާއިލާއާ ހިއްސާކޮށްފައިވެސް ނުވާ ކަމަށެވެ.

ރައުދާގެ މަރާ ގުޅިގެން ފެޅި ތުހުމަތުގެ ކުރިތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ފަރާތުން ޖަވާބު ނުލިބެނީ އެންމެ ކުރިއަކަށެވެ. އެއީ އޭނާގެ ލޯބިވެރިޔާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށެވެ. ބަންގްލަދޭޝްގެ ފުލުހުން ރައުދާ އާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު ޒުވާބެއް ހިނގާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް ދިވެހި ފުލުހުން އިއްޔެ ބުނީ އެއީ ވަރަށް ޒާތީ މައުލޫމާތަށް ވާތީ އެކަމުގެ މާބޮޑު ތަފްސީލެއް ނުދޭނެ ކަމަށެވެ. ނަމަވެސް ރައުދާގެ ފޯނުން ފެނުނު ބައެއް ކަންކަމުގެ ސަބަބުން ދިވެހި ފުލުހުން މީހެއްގެ ބަޔާން ނަގާފައިވާނެ ކަމަށް ބުންޏެވެ. އެއީ ކާކު ކަމެއް ނުބުނެ އެވެ. ރައުދާ އާއި ލޯބިވެރިޔާއާމެދު މިފަދަ މައްސަލައެއް ޖެހިފައިވާކަން އާއިލާއަށް ނޭނގި އޮތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ދިވެހި ފުލުހުންނަށް ފާހަގަވި ކަންކަން އާންމުކުރި ނަމަވެސް މައްސަލަ ވަކި ކޮޅެއްގައި އަދި ނުޖެއްސޭނެ އެވެ. ބަންގްލަދޭޝްގެ ފުލުހުންގެ ފުރިހަމަ ތަހުގީގު އަދި ދަނީ ކުރިއަށެވެ. ރައުދާގެ އާއިލާއިން ބައެއް ހެކިތަކާއެކު ބަންގްލަދޭޝްގެ ކޯޓަކަށް ހުށަހެޅި މައްސަލާގައި އެ އާއިލާއިން އެދުނު ގޮތަށް ފުލުހުންގެ މައްޗަށް ވަނީ އަމުރު ވެސް ނެރެފަ އެވެ. ރައުދާގެ ވަރަށް ޒާތީ މައުލޫމާތުތައް ވެސް މީޑިއާއަށް ތިލަވަމުން ދިޔަ ނަމަވެސް މަރުގެ އެންމެ އަޑިއަށް ދެވޭނީ ކޯޓުން އެންގި ގޮތަށް ފުލުހުން ހިންގާ ތަހުގީގު ކުރިއަށްދާ މިންވަރަކުންނެވެ. -- ރައުދާއަށް ހެޔޮ ރަހުމަތް ލައްވާށި --