ހަބަރު

ގާސިމްގެ ޝަރީއަތް ސިއްރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓްގައި ފަށާ ޝަރީއަތުގެ އަޑުއެހުންތައް އާންމުންނާއި ނޫސްވެރިންނަށް ނުވަދެެވޭ ގޮތަށް ސިއްރުކޮށްފި އެވެ. އެ ޝަރީއަތް ސިއްރުކުރި ސަބަބެއް ކޯޓަކުން އަދި ނުބުނެ އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ ޝަރީއަތް ސިއްރުކުރި އިރު ގާސިމްގެ ގާނޫނީ ޓީމްގައި ހިމެނޭ ހިސާން ހުސެން އާއި އަހްމަދު ޝަފީގު ވެސް ގާސިމްގެ ޝަރީއަތަށް ވަނުން ވަނީ މަނާކޮށްފަ އެވެ. އެދެ ވަކީލުން ޝަރީއަތަށް ވަނުން މަނާ ކުރީ، އެބޭފުޅުން ވިދާޅުވި ގޮތުގައި ގާސިމްގެ ޝަރީއަތާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓްގެ ތަސައްވަރު ހުތުރުވާނެ ގޮތަށް އެބޭފުޅުން ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެ އެވެ.

ގާސިމްގެ މައްޗަށް ދައުވާކޮށް މިއަދު ޝަރީއަތް ފަށާފައިވާއިރު ގާސިމް ވަނީ މީގެކުރިން ހައްޔަރުކޮށް ހަ ދުވަހަށް ބަންދުކޮށްފަ އެވެ. ނަމަވެސް އިއްޔެ ހައިކޯޓުން ވަނީ ގާސިމް ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެމަނިކުފާނު މިނިވަންކަން ކުރުމަށް ހުކުމް ކޮށްފަ އެވެ.

ގާސިމް ހައްޔަރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)އާ ހިލާފަށް ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އެ ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސިކިއުޓާ ޖެނެރަލަށް ފެނިއްޖެނަމަ އެވެ.