ހަބަރު

އަބްދުﷲ ރިޔާޒު ބަންދުކުރަން އަމުރެއް ނެރެ ނުދިން

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން މިއަދު ޝަރީއަތުގައި އެދުނު ނަމަވެސް އެ އަމުރު އަދި ނެރެދެވެން ނެތް ކަމަށް ގާޒީ ވިދާޅުވެއްޖެ އެވެ.

ރިޔާޒުގެ މައްޗަށް އުފުލާފައިވާ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އަލީ އިގްބާލް ވަނީ އެ މައްސަލަ ނިމެންދެން ރިޔާޒު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދިފަ އެވެ. އެގޮތަށް އެދިފައިވަނީ މައްސަލައަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭތީ ކަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ ކަމެއް ރިޔާޒު ކުރައްވާފައިވާ ކަމެއް އެނގިފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ. ރިޔާޒު ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ، މިހާރު ކުރިއަށްދާ ޝަރީއަތަކީ ވެސް ރިޔާޒު ތަހުގީގަށް އެއްބާރުލުން ނުދިމުގެ ސަބަބުން ހިންގަން ޖެހިފައިވާ ޝަރީއަތެއް ކަމަށާއި އެހެންކަމުން އެކަންކަމަށް ބަލައި، ރިޔާޒު ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ. އަދި އެކަމަށް ފުލުހުން ވެސް ޕީޖީގައި އެދިފައިވާ ކަމަށެވެ.

ރިޔާޒުގެ ދިފާއީ ވަކީލް އަލީ ޒާހިރު ވިދާޅުވީ، ރިޔާޒު ތަހުގީގަށް އެއްބާރުލުން ދެއްވި ކަމަށާއި މައްސަލައަށް ނުފޫޒު ވެސް ފޯރުވާފައިނުވާނެ ކަމަށެވެ. ރިޔާޒު މިހާތަނަށް މައްސަލައަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ދައުލަތުން ވެސް އެއްބަސްވާއިރު ނުފޫޒު ފޮރުވަފާނެ ކަމަށް ބަންދުކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. އަދި ތަހުގީގަށް ރިޔާޒު އެއްބާރުލުން ނުދެއްވާ ކަމަށް ދައުލަތު ވިދާޅުވި ނަމަވެސް ޝަރީއަތުގައި މިހާރު ހިނގަމުންދާ މައްސަލައަކީ ތަހުގީގު ނިމިފައިވާ މައްސަލައެއްކަން ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން އެ މައްސަލާގައި ބަންދު އަމުރެއް ނެރެވޭނެ ސަބަބެއް ވެސް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ރިޔާތް ކުރައްވާ މައްސަލަ ބައްލަވާ ގާޒީ، އަހުމަދު ސަތީރު ވިދާޅުވީ، މި މައްސަލާގައި ރިޔާޒު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އަދި ނެތް ކަމަށެވެ. އެއީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ދައުލަތުން ބުނި ނަމަވެސް އެފަދަ ކަމެއް މިހާތަނަށް ފެނިފައިނުވާކަން ދައުލަތުން ވެސް ބުނެފައިވާ ކަމަށެވެ.

ރިޔާޒުގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާއަށް އިއުތިރާފްވެއްޖެނަމަ އަދަބު ކުޑަވާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް ރިޔާޒު ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެ ކުށުގެ އަދަބެއްގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ރިޔާޒު ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތަކަށް އެދިލައްވާފަ އެވެ. އެހެންކަމުން މި މައްސަލާގައި އަޑުއެހުމެއް ދެން ތާވަލުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހަށެވެ.

ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އޭނާގެ ފޯނު ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައިވާ މައުލޫމާތު ސާފުކުރުމަށް ފޯނު އަންލޮކްކޮށް ހުޅުވައިދިނުމަށް އެދުމުން އެކަން ކޮށްފައިވާ ކަމަށެވެ.