ހަބަރު

ހިސާން އަދި ޝަފީގު ކުރިމިނަލް ކޯޓުން ސަސްޕެންޑްކޮށްފި

ޖުމްހޫރީ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ހިސާން ހުސެއިން އަދި ވަކީލް އަހްމަދު ޝަފީގު ކުރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ވަނުން މަނާކޮށް ސަސްޕެންޑްކޮށްފި އެވެ.

އެ ދެ ވަކީލުން ސަސްޕެންޑްކޮށްފައިވާކަން ކޯޓުން އަންގާފައިވަނީ މިއަދު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ ޝަރީއަތަށް ވަނުމަށް ކޯޓަށް ވަޑައިގެންނެވުމުންނެވެެ.

ކޯޓުން ނިކުމެވަޑައިގެން ހިސާން ވިދާޅުވީ، ގާސިމް އިބްރާހިމްގެ މައްސަލާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ދައްކަވާފައިވާ ވާހަކަތަކެއްގެ ސަބަބުން ކަމަށެވެ. އެ ވާހަކަތަކަކީ ކުރިމިނަލް ކޯޓުގެ ތަސައްވުރު ގޯސްވެދާނެ ފަދަ ވާހަކަތަކެއް ކަމަށް ކޯޓުން ބުނެފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ. ރޭ ހިސާން ވަނީ މާދަމާ ގާސިމަށް "ވާނުމާ ޖަހާނެ" ކަމަށް ވިދާޅުވެފަ އެވެ.

"ވާނުވާގެ މާނައަކީ ޝަރީއަތް ފެށުމަށް ފަހު އިންނަވާ ގާޒީ ޖައްސަވާނެ އަމުރެއް، އެ އަމުރުގައި އޮންނާނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފީމޭ. ދެން ޝަރީއަތް ފެށިގެން ނިމޭނެ ދުވަހެއް މާތްކަލާނގެ ދެނެވޮޑިގެންވާނީ،" ހިސާން ރޭ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ކުރިމިނަލް ކޯޓުގެ ބަހެއް ނުލިބެ އެވެ.