ހަބަރު

ގާސިމްގެ ދައުވާ ގާނޫނީ އިމުގެ ތެރެއިން ނުހިންގޭނެ: ވަކީލް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ގާނޫނީ އިމުގެ ތެރެއިން ނުހިންގޭނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، ގާސިމް ހައްޔަރުކުރުމަށް ފުލުހުން ގެންގުޅުނު އިޖުރާތުތަކަކީ ގާނޫނާ ގަވާއިދާ ހިލާފް އިޖުރާތުތަކެއް ކަމަށް ހައިކޯޓުން ނިންމާފައިވުމުން އެމަނިކުފާނު ހައްޔަރުކުރުމަށްފަހު، އޭގެ ފަހުން ތަރުތީބުވެގެން އައި އެންމެހައި ކަންތައްތަކަކީ ބާތިލް ކަންތައްތައް ކަމަށެވެ. ގާސިމް އިބްރާހީމްގެ މައްޗަށް ހިންގާ ތިން ޝަރީއަތަކީ ވެސް ބާތިލް އިޖުރާތުތަކެއްގެ މައްޗަށް ހިންގާ ޝަރީއަތްތަކެއް ކަމަށެވެ.

"ގާސިމްގެ މައްޗަށް ކޮށްފައިވަނީ ހައްގު ދައުވާއެއް ނޫން، އެ ދައުވާ ގާނޫނު އިމުގެ ތެރެއިން ނުހިންގޭނެ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދަން ސިޔާސީ ވެރިން ދައްކާ ވާހަކަތަކަކީ ކުށެއް ކަމަށް ދެކުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ކަން ހިނގާ އުސޫލު ނޫން ކަމަށެވެ. ސިޔާސީ ޕާޓީއަކުން ތްރީލައިން ވިޕެއް ނެރެ، އެ ގޮތަށް ވޯޓު ނުދޭ ޕާޓީ މެންބަރުންނާ މެދު ޕާޓީން ފިޔަވަޅުއަޅާނެ ކަމަށް ބުނުމަކީ ކުށަކަށް ނުވާނެ ކަމަށެވެ.

ގާސިމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ދިމާކޮށް މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވައި އެކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ އެވެ.

ހަނުހުރުމަކީ ކުށުގެ ތުހުމަތުން ބަރީއަވާން ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި، އެ ހައްގު ނިގުޅައި ނުގަނެވޭނޭ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. ފޯނުގެ ޕިން ނުދިނުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި، ކޯޓު އަމުރަށް ތަބާ ނުވުމުގެ ބަހަނާ އާއި، އިއުތިރާފް ބަޔާން ނުދިނުމުގެ ބަހަނާ ދައްކައިގެން ދައުވާ ކުރުމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ހިސާން ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާކޮށްފައިވަނީ އޭނާގެ ފޯނު ފުލުހުން އެންގުމުން ހުޅުވައިދީފައިނުވާ ކަމަށް ބުނެ އެވެ.