ހަބަރު

ގާސިމް ހައްޔަރުކުރި މީހުން ޒިންމާ ނެގުމަށް އެމްޑީޕީއިން ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް އިއްޔެ ހައިކޯޓުން ކަނޑައަޅާފައިވާތީ އެމަނިކުފާނު ހައްޔަރުކުރުމުގައި ބައިވެރިވި ފަރާތްތައް ޒިންމާ ނެގުމަށް އިދިކޮޅު، އެމްޑީޕީއިން މިއަދު ގޮވާލައިފި އެވެ.

ގާސިމް އިބްރާހީމް މި މަހުގެ ހަވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށް ހައިކޯޓުން ހުކުމްކޮށް އެމަނިކުފާނު އިއްޔެ މިނިވަންކޮށްފައިވާއިރު ހަމަ އިއްޔެ ވަނީ އެމަނިކުފާނުގެ މައްޗަށް ތިން ދައުވާއެއް އުފުލައި ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. މައްސަލާގެ ޝަރީއަތް މިއަދު ވަނީ ފަށާފަ އެވެ.

އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މައްސަލަ ތަހުގީގުކުރުމަށް ކަމަށް ބުނެ ގާނޫނީ ހަމަތަކުގެ ބޭރުން ގާސިމް ހައްޔަރުކޮށް ގާނޫނާ ހިލާފް ބަންދެއްގައި ބަހައްޓައިގެން ނެގި ބަޔާންތަކަކަށް ބިނާކޮށް އެމަނިކުފާނުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ ދައުވާތައް އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރެލަށް ގޮވާލާ ކަމަށެވެ. އަދި ނުހައްގުން އެމަނިކުފާނު ޖަލުގައި ހައްޔަރުކޮށް ބެހެއްޓުމުގައި ބައިވެރިވި އެންމެހައި ފަރާތްތައް އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ދެކޭ ކަމަށް އެމްޑީޕީއިން ބުންޏެވެ.

ގާސިމް ހައްޔަރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)އާ ހިލާފަށެވެ. އެ ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސިކިއުޓާ ޖެނެރަލަށް ފެނިއްޖެނަމަ އެވެ.

މިކަމާ ގުޅިގެން ފުލުހުންނަށާއި ޕީޖީއަށް ގާނޫނީ ބޭފުޅުން ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުން ވެސް އަދި ޕީޖީއިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެމްޑީޕީއިން ބުނީ، ސިޔާސީ ލީޑަރުންނަށާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މިހާރު ކުރަމުން އަންނަ ދައުވާތަކަކީ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގައި ނެގުމަށް ރޭވި، ހަމަޖެހިފައިވާ އިތުބާރު ނެތްކަމުގެ ވޯޓުތަކާ ގުޅިގެން އެކަމަށް ހުރަސްއެޅުމަށް ރޭވިގެން ކުރެވޭ ކަމެއް ކަމަށެވެ. ޑިމޮކްރަސީ ނެތިކޮށްލުމަށް މުވައްސަސާތައް ކިލަނބުކޮށް، ސިޔާސީ ޕާޓީތަކުގެ ބާރު ކަނޑުވައި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ބިރު ދައްކައިގެން މުޅި ދައުލަތް ގަޑުބަޑުވެދިއުމަށް ޖާގަ ނުދެވޭނެ ކަމަށް ވެސް ބުންޏެވެ.