ހަބަރު

ގާސިމް ބަންދުކުރުމަށް ވެސް އަމުރެއް ނުނެރުނު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ފެށި ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެދިނުމަށް މިއަދު ދައުލަތުން ކުރިމިނަލް ކޯޓުގައި އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ. މި ތިން ދައުވާގެ ޝަރީއަތް ވެސް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. އެހެންކަމުން މައްސަލާގެ މާބޮޑު ތަފްސީލެއް ނުލިބެ އެވެ.

ގާސިމްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހެއްޓެން ނެތް ކަމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އިއްޔެ ހައިކޯޓުން ވަނީ އެމަނިކުފާނު މީގެކުރިން ހައްޔަރުކުރީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ކަނޑައަޅާފަ އެވެ.

ގާސިމް ހައްޔަރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)އާ ހިލާފަށެވެ. އެ ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސިކިއުޓާ ޖެނެރަލަށް ފެނިއްޖެނަމަ އެވެ.

މިކަމާ ގުޅިގެން ފުލުހުންނަށާއި ޕީޖީއަށް ގާނޫނީ ބޭފުޅުން ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުން ވެސް އަދި ޕީޖީއިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިއަދު ކުރިއަށް ގެންދިޔަ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވެސް ދައުލަތުން އެދުނެވެ. ނަމަވެސް އެ އަމުރު ވެސް ނެރެދީފައެއް ނުވެ އެވެ.