ރިޕޯޓް

އެއާޕޯޓްގެ މަސައްކަތް ފެށުމަށް އިމާރާތްތައް ބަދަލުކުރުން އެމްޓީސީސީ އަށް

Mar 30, 2015

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި އާ ޓާމިނަލް ހެދުމުގެ ގޮތުން ބައެއް އިމާރާތްތައް އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

އެމްޓީސީސީގެ ޗީފް އެކްޒެކެޓިވް އޮފިސަރު (ސީއީއޯ) އަބްދުރައްޒާގު ހަލީމް ވިދާޅުވީ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ފެށުމުގެ ގޮތުން އެ ކުންފުންޏަށް ބައެއް މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށާއި، އަމަލީ މަސައްކަތް 14 ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

"ބައެއް އިމާރާތްތައް އެބަހުރި ރިލޮކޭޓް ކުރަން. މި މަސައްކަތް ހަވާލު ކުރެވުމާ އެކު ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ،" ރައްޒާގު ވިދާޅުވި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އާ ޓާމިނަލްގެ މަސައްކަތް ކުރަނީ ޖަޕާންގެ ތައިސޭ ކުންފުނިންނެވެ. އަދި މި މަސައްކަތައް ފައިނޭންސް ކުރާނީ  ޖޭޕެކުންނެވެ. ކޮންސަލްޓަންޓަކީ ސިންގަޕޫރުގެ ޗަންޖީ އެވެ.