ހަބަރު

އެއްވުން ރޫޅާލައި ހަސަން ލަތީފް ހައްޔަރުކޮށްފި

އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަނިކޮށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހަސަން ލަތީފް ހައްޔަރުނުކުރާ ކަމަށާއި ގާނޫނާ ހިލާފު އެއްވުމެއް ހުއްޓުވީ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ބައިގަޑިއިރެއްހާ އިރު ބެހެއްޓުމަށްފަހު މިހާރު ހަސަން ލަތީފް ވަނީ ދޫކޮށްލާފަ އެވެ.

އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކްނޫޒްގައި ކުރިއަށް ގެންދިޔަ ޖަލްސާތައް މަގުތަކުގައި ބާއްވަން ވަނީ ފަށައިފަ އެވެ. އެގޮތުން މިރޭ އެ އެއްވުން ބޭއްވީ ސޯސަން މަގުން އެމްޑީޕީ އޮފީސް ކުރިމަތީގަ އެވެ.

އަޑުގަދަކުރާ ބޭނުން ކޮށްގެން ކުރިއަށް ގެންދިޔަ އެ އެއްވުން ހުއްޓުވައި، ހަސަން ލަތީފް ގެންދިޔުމުން އެ ސަރަހައްދުގައި އެއްވި ތިބި މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ނަމަވެސް މިހާރު ފުލުހުން ވަނީ އެ ސަރަހައްދުން މީހުން ފޮނުވާލާފަ އެވެ.