ވިޔަފާރި

އެންމެ ސެލްފީއަކުން ވެސް 40،000 ރުފިޔާގެ ގިފްޓް ވޯޗާއެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އީވޯ ހޯމްއިން ފަށައިފި އެވެ. މި ޕްރޮމޯޝަނަކީ އީވޯ ހޯމްއަށް ހަތަރު އަހަރު ފުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

އީވޯގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު، ރިޒްމާ ރަޝީދު ވިދާޅުވީ، އީވޯ ހޯމްއަށް ހަތަރު އަހަރު ފުރުމުގެ އުފަލުގައި ކުރިއަށް ގެންދާ ޕްރޮމޯޝަން މިރޭއިން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ރޭގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. އީވޯ ހޯމްގެ އަހަރީ ދުވަހަކީ 20 އޭޕްރީލެވެ.

ރިޒްމާ ވިދާޅުވީ، ޕްރޮމޯޝަން ކުރިއަށްދާއިރު ފުރަތަމަ އީވޯ ހޯމްއިން ވިޔަފާރިކުރާ 44 ކަސްޓަމަރުންނަށް 25 ޕަސެންޓްގެ ޑިސްކައުންޓާއި ގިފްޓް ޕެކެއް ލިބޭނެ ކަމަށެވެ. އަދި ދެވަނަ އިނާމެއްގެ ގޮތުގައި އީވޯ ހޯމް ޝޯ ރޫމްގައި ބަހައްޓާފައިވާ ޑިސްޕްލޭއާއެކު ސެލްފީއެއް ނަގައި ފޭސްބުކްގައި ޕޯސްޓްކޮށް އެންމެ ގިނަ ލައިކްސް ލިބޭ ސެލްފީއަކަށް 40،000 ރުފިޔާ ލިބޭނެ ކަމަށް ރިޒްމާ ވިދާޅުވި އެވެ. އެ ވައުޗާއަކީ އީވޯގެ ހަތަރު އައުޓްލެޓްގައި ވެސް ބޭނުންކުރެވޭ ވައުޗަރެކެވެ.

ތިންވަނަ އިނާމެއްގެ ގޮތުގައި، ޕްރޮމޯޝަން ފަށާ ފަހުން އެ ތަނުން ވިޔަފާރިކުރާ 45 ވަނަ ކަސްޓަމަރުން ފެށިގެން ޕްރޮމޯޝަން ނިމެންދެން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ފަސް ޕަސެންޓްގެ ޓޮޕްއަޕް ވައުޗާއެއް ވެސް ލިބޭނެ އެވެ. ރިޒްމާ ވިދާޅުވީ، އެ ވައުޗާއަކީ އީވޯގެ ރޯދަ މަހު ކުރިއަށް ގެންދާ ޕްރޮމޯޝަންގައި އިންނަ ޑިސްކައުންޓްގެ އިތުރަށް ޓޮޕްއަޕްކުރަން ދޭ ވައުޗާއެއް ކަމަށެވެ.

"ޕްރޮމޯޝަން ކުރިއަށްދާއިރު ލައިވް ކުކިން އިވެންޓްތައް ވެސް ކުރިއަށް ދާނެ، އެއީ ކޮންމެ ރެއަކު ވެސް 8:00 ން 10:00 ށް،" ރިޒްމާ ވިދާޅުވި އެވެ.

ރިޒްމާ ވިދާޅުވީ، އީވޯގެ ޑިމާންޑް ދުވަހެއް ދުވަހަކުން ބޮޑުވަމުންދާ ކަމަށެވެ. އީވޯ ހޯމް ހުޅުވިއިރު ވެސް މީހުން ބޭނުންވެފައި ތިބީ ފެންވަރު ރަނގަޅު ނުވަތަ ގިނަ ދުވަހަށް ދެމިގެންދާފަދަ ޕްރޮޑަކްޓްސްތަކެއް ކަމަށާއި އެފަދަ ޕްރޮޑަކްޓްސްތަކެއް އީވޯއިން ފޯރުކޮށްދެމުންދާ ކަމަށެވެ.

އީވޯ ހޯމްއަކީ ޔޫރަޕުގެ މަޝްހޫރު ބްރޭންޑްތައް ވިއްކުން އަންނަ މަގުބޫލް ފިހާރައެކެވެ. މި ވިޔަފާރީގެ ދަށުން މިހާރު މާލޭގައި ތިން ފިހާރައެއް ހިންގަ އެވެ. އެއީ ފްލޯރިން އާއި ތަށިމުޅި އަދި ކާޕެޓު ވިއްކުމަށް "އީވޯ ފްލޯރިން" އާއި އައުޓްޑޯ ފަރުނީޗަރާއި ފާހާނާ އަދި ބަދިގެ އަށް ބޭނުންވާ ސާމާނު ވިއްކުމަށް "އީވޯ ސޮލިއުޝަންސް" ފިހާރަ އެވެ. "އީވޯ ސާފެސަސް"ގެ ނަމުގައި ހުޅުމާލޭގައި ފެކްޓްރީ ވެސް ހިންގަ އެވެ. އަދި އައްޑޫ ސިޓީގައި ވެސް އީވޯގެ ޝޯ ރޫމްއެއް ހިންގަ އެވެ.