ހަބަރު

ފުލުހަށް ހާޒިރުވާން އަނެއްކާވެސް ގާސިމަށް އަންގައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވައިފި އެވެ. މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން އެމަނިކުފާނު ފުލުހަށް ހާޒިރުކުރި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ، މިއަދު ހަވީރު 4:00 ށް ފުލުހަށް ހާޒިރުވުމަށް ގާސިމް އިބްރާހިމަށް އަންގާފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

ވަކި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތައް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގާސިމްގެ މައްޗަށް މިހާރު ވަނީ ތިން ދައުވާއެއްކޮށް، ޝަރީއަތް ފަށާފަ އެވެ. އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.

މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ ގާސިމްގެ ގެކޮޅާއި ބައެއް އޮފީސްތައް ބަލައި ފާސްކޮށް އެމަނިކުފާނުގެ ފޯނު ހިފަހައްޓާފަ އެވެ.

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ އަމަލުތަކެއް ކުރަމުންދާ ތުހުމަތުކުރެވޭ ކަމަށާއި ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަން އަމާންކަން ގެއްލުވާލަން މަސައްކަތް ކުރާ ކަމަށް ބުނެ ގާސިމްގެ މައްޗަށް ތުހުމަތުތަކެއް ކުރެ އެވެ. މި މައްސަލަތަކުގައި ވެސް ގާސިމަށް ދައުވާ ކުރާނެ ކަމަށް ބެލެވެ އެވެ.