ހަބަރު

ޖަމިއްޔާތަކުގައި އިތުރަށް ބައިވެރިވެ ރާއްޖޭގެ އަޑު ގަދަކުރާނަން: ރައީސް

ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަކީ އަމާޒެއް ކަމަށާއި އެކަމަށް މަސައްކަތްތައް ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. ބައިނަލްއަގްވާމީ ޖަމިއްޔާތުގައި އިތުރަށް ބައިވެރިވެ، ރާއްޖޭގެ އަޑު ގަދަކުރުމަށް މަސައްކަތް ކުރައްވަން ރައީސް ވައުދުވެ ވަޑައިގަތެވެ.

"އަދު ދިވެހިރާއްޖެ މި މަސައްކަތް ކުރަނީ މިފަދަ ޖަމިއްޔާތަކުގައި އިތުރަށް ބައިވެރިވެގެން އަޅުގަނޑުމެންގެ އަޑު އުފުލޭނެ ގޮތެއް ހެދުމަށްޓަކައި، މި ސަބަބަށްޓަކައި އދ.ގެ ނޮން ޕާމަނަންޓް މެންބަޝިޕް ހޯދުމަށްޓަކައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" ސަފީރުންގެ މަހާސިންތާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ދިވެހި ދައުލަތް ހަސަދަވެރިވާ އެއްވެސް ދައުލަތެއް ނޯންނާނެ ކަމަށެވެ. ދިވެހި ދައުލަތަކީ ގައުމުގެ އިސްތިގުލާލަށާއި ދާހިލީ ކަންކަމަށް އިހުތިރާމްކުރާ ގައުމުތަކާ އެކު ދިވެހި ދައުލަތުން ގާތް ގުޅުމެއް ބާއްވާނެ ކަމަސް ރައީސް ވިދާޅުވި އެވެ. އދ.ގެ ހުރިހާ ދައުލަތްތަކީ ރާއްޖެއާ ގާތް އެކުވެރި ދައުލަތްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކޮންމެ ދައުލަތެއްގެ ވެސް އިސްތިގުލާލާއި ކާރާމަތަށް އެހެން ދައުލަތްތަކުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށް، އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެން ވެސް އަދި ދުނިޔޭގެ އެހެން ދައުލަތްތަކުން ވެސް ބައިވެރިވާ ޖަމިއްޔާތަކަކީ ރޫލް ބޭސްޑް އިންސްޓިޓިއުޝަންތަކަކަށްވުން،" ރައީސް ވިދާޅުވި އެވެ. "ވަކި އިމްތިޔާޒްތަކެއްގެ ދަށުން ވަކި ގައުމުތަކާމެދު ފިޔަވަޅު އެޅުމަކީ ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމެއް ނޫން،"

ރާއްޖެއިން ޖަމިއްޔާއެއްގައި ބައިވެރިވާނަމަ އެ ޖަމިއްޔާގެ އުސޫލުތަކާއި އެ ޖަމިއްޔާގެ ކަންކަން ނިމުމުގައި ހުންނަ ހަރުދަނާ ކަންކަން އެނގެން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، އެފަދަ ޖަމިއްޔާތަކުގައި ރާއްޖޭގެ އަޑު އުފުލާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އދ.އަކީ އެކި ފަންތީގެ ގައުމުތައް ބައިވެރިވާ ޖަމިއްޔާއެއް ކަމަށާއި ކޮންމެ ގައުމެއްގައި ވެސް އަމިއްލަ އުސޫލުތަކާއި ގޮތްތައް ހުންނާނެ ކަމަށެވެ. އެކަންކަމަށް އެހެން ގައުމުތަކުން އިހްތިރާމްކުރަން ޖެހޭނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ. މިއަދުގެ މުޖުތަމައު ކުރިއަރައިގެން ގޮސް، ޑިމޮކްރަސީ ހަރުދަނާވެގެން ދަނީ ވެސް އެބަޔަކު ގަބޫލުކުރާ އުސޫލުތައް އެބައެއްގެ ތެރޭގައި ތަންފީޒުވެގެންދާތީ ކަމަށެވެ. އެކަންކަން ކުރުމުގައި ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހްތިރާމްކުރަންޖެހޭ ހާލަތްތައް އަންނާނެ ކަމަށާއި ނަމަވެސް ބައެއް ހާލަތްތަކުގައި ބައިނަލްއަގްވާމީ ގާނޫނުތަކަށް އަމަލުކުރުމަށް ދަތިވާނެ ކަމަށެވެ. އެއީ އިސްލާމީ ގައުމުކަށްވެފައި އެހެން ގައުމުތަކަށް ފަސޭހަކަންކަން ރާއްޖެއަށް އުނދަގޫވެދާނެ ކަމަށެވެ. އެކަމަށް އެހެން ގައުމުތަކުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެނީ ކަންކަން ނިންމުމުގައި އެއްވެސް ބަޔަކު އަނެއް ބަޔެއްގެ ދާހިލީ ކަންކަމާ ނުބެހެން، ކަންކަން ނިންމުމުގައި ކޮންމެ ދައުލަތަކީ ވެސް އަމިއްލައަށް ކަންކަން ނިންމުމުގެ ސިޔާދަތީ ބާރު އޮންނަ ދައުލަތްތަކެއް ހިމެނޭ އދ. އަކަށްވުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އދ.ގެ ބޭރުން ޖަމިއްޔާތައް ހަދާއިރު އެ ޖަމިއްޔާތަކުން ވެސް ގައުމުތަކުގެ ދާހިލީ ކަންކަމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަކީ އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވިދާޅުވި އެވެ. ހިތްދަތިކަމާއެކު ކޮމަންވެލްތުން ރާއްޖެ ވަކިވީ ވެސް އެކަންކަން ޔަގީންކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ބޭރު ގައުމުތަކުގެ އެހީ އިންތިހާއަށް ބޭނުންވާ ކަމަށެވެ. އަދި އެފަދަ އެހީތައް ހޯދުމުގައި ބޭރުގައި ރާއްޖެ ތަމްސީލް ކުރައްވަން ތިއްބެވި ސަފީރުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރަށް ރާއްޖެއިން ކަންކަމުގައި އަމަލު ކުރަނީ އެންމެހާ ދިވެހި ރައްޔިތުންގެ ހައްގުގައި ބޭރުގެ ފަރާތްތަކަށް ބުނެދިނުމަކީ ސަފީރުންގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެފަދަ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.