ހަބަރު

ވިހަލަގޮނޑިއެއް ކެވިގެން ކުއްޖަކު މަރުވެއްޖެ

ހދ. ފިނޭގައި ވިހަލަގޮނޑިއެއް ކޭ ކުއްޖަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ. ވިހަލަގޮނޑިއަކީ ފަތްޕިލާވެލީގެ ތެރޭގައި ހިމެނޭ ވެލެއްގެ ގޮނޑިއެކެވެ. އޭގެ ވިހަނުފިލުވައި ކައިފިނަމަ ވިހަވާނެ އެވެ.

ވިހަލަގޮނޑިއެއް ކެވިގެން ކުއްޖާ ވިހަވެ، ހޮނޑުލާތީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ފާތިމަތު ހަސަން ވިދާޅުވީ، ކުއްޖާ އެ ހޮސްޕިޓަލަށް ގެނައިއިރު ހޮނޑުލަމުން ދިޔަ ކަމަށާއި ގެނައިއިރު ވެސް ހާލު ސީރިއަސް ކަމަށެވެ. އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލި ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ހަތަރު އަހަރުގެ އެ ކުއްޖާ ވަނީ މާލެ ގެނައުމުގެ މަގުމަތީގައި ފްލައިޓް ތެރޭގައި މަރުވެފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެ ކުއްޖާ މަރުވީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ.