މޯލްޑިވިއަން އައިޑޮލް

އައްފާން އެނބުރި އައިސް ބައިވެރިންނަށް ޗެލެންޖެއް!

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ ޖަޖުގެ ގޮނޑި ދޫކޮށް ދިޔަ ޖަޖު އިސްމާއީލް އައްފާން މިރޭ ވަނީ އެނބުރި ޝޯއާ ގުޅިފަ އެވެ. ބައިވެެރިންގެ ހުށަހެޅުންތަކާމެދު ހިތްހަމަ ނުޖެހި ރުޅިގަދަވެ ޝޯ ދޫކޮށްލި އައްފާން އެނބުރި އައީ ބައިވެރިންނަށް ޗެލެންޖެއް ވެސް ހިފައިގެންނެވެ.

ޝޯއަށް އެނބުރި އައިސް އައްފާން ބުނީ، އެއްވެސް ޖަޖެއްގެ ޖަޖުކުރުމާމެދު އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ބައިވެރިންނަށް އަނގަ ބަހުން މެސެޖެއް ދިނުމުގެ ބަދަލުގައި ބޭނުންވީ އަމަލުން ދައްކަން ކަމަށެވެ. ބައިވެރިންގެ ހުށަހެޅުންތައް ވަރުގަދަ ކުރާނެ ކަމުގެ އުއްމީދުގައި އައްފާން އައީ، "އައްފާން ޗޮއިސް" އާއެކު އެވެ.

އައްފާންގެ ކޯޗްކަން ކޮށްދީ، ބައިވެރިން މިރޭ ހުށަހަޅައިދޭ ލަވަތަކީ ރީތި ލަވަތަކަކަށް ވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތެވެ. ޝޯ ބެލުމައިގެން ކުރިއަށް ދާށެވެ.

އައްފާން ޝޯއަށް އެނބުރި އައުމަކީ ހަމަ ގައިމު ވެސް އައިޑޮލްގެ ސަޕޯޓަރުންނަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. އައިޑޮލްގެ އެންމެ ކުޅަދާނަ އެއް ޖަޖު އައްފާން ޝޯ ދޫކޮށް ދިޔުމުން މާޔޫސްކޮށްލި އެންމެން މިހާރު ތިބީ އުފަލުން ފޮޅިފަ އެވެ. އައްފާންއާ ގުޅޭ ގޮތުން ޓްވީޓްތައް ވެސް ކުރަމުން ގެންދާށެވެ.