ފިނިޕޭޖް

އައްފާންއާއެކު އައިޑޮލްގެ ބައިވެރިން ވިދާލައިފި

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއްގެ ޖަޖުގެ ގޮނޑި ދޫކޮށް ދިޔަ ޖަޖު އިސްމާއިލް އައްފާން މިވަނީ އެނބުރި ޝޯއާ ގުޅިފަ އެވެ. ބައިވެެރިންގެ ހުށަހެޅުންތަކާމެދު ހިތްހަމަ ނުޖެހިގެން، ރުޅިގަދަވެ ޝޯ ދޫކޮށްލި އައްފާން އެނބުރި އައީ ބައިވެރިންނަށް ޗެލެންޖެއް ވެސް ހިފައިގެންނެވެ.

ޝޯއަށް އެނބުރި އައިސް އައްފާން ބުނީ، އެއްވެސް ޖަޖެއްގެ ޖަޖުކުރުމާމެދު އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ބައިވެރިންނަށް އަނގަ ބަހުން މެސެޖެއް ދިނުމުގެ ބަދަލުގައި ބޭނުންވީ އަމަލުން ދައްކަން ކަމަށް އައްފާން ބުންޏެވެ. ބައިވެރިންގެ ހުށަހެޅުންތައް ވަރުގަދަކުރާނެ ކަމުގެ އުއްމީދުގައި އައްފާން އައީ، "އައްފާން ޗޮއިސް"އާއެކު އެވެ.

ރޭ ކޮންމެ ބައިވެރިޔަކު ވެސް ދެ ލަވަ ހުށަހަޅައިދިންއިރު ފުރަތަމަ ލަވައަކީ އައްފާންގެ ހޮވުމެވެ. އެގޮތުން މުހައްމަދު ތަސްނީން (ބޮބް) ހުށަހަޅައިދިނީ ކިޔާފައިވަނީ ޒީރޯ ޑިގްރީގެ "މިސްކިތު ނެގި ވަކަރު" އެވެ. އެ ހުށަހެޅުން ހުށަހަޅައިދީ ބޮބް ވަނީ އައްފާން ކޮޅަށް ތެދުވާވަރު ކޮށްފަ އެވެ. އުނޫޝާ އަދި އިއްބެގެ ފަރާތުން ވެސް ރަނގަޅު ކޮމެންޓްތަކެއް ލިބުނެވެ.

ޝަމްވީލް މުހައްމަދު ހުށަހަޅައިދީފައިވަނީ "ހިތް އަދު ރޮނީއޭ ނުދާށޭ" އެވެ. އެ ލަވައާއެކު ޝަމްވީލްއާ ވަނީ ރަނގަޅު ކޮމެންޓްތަކެއް އަދި ރަނގަޅު ކުރަންވީ ބައެއް ކަންކަން ފާހަގަކޮށް ޖަޖުން ކޮމެންޓްކޮށްފަ އެވެ. އިބްރާހިމް ވަހީދު (ބޮޑުބެ) ހުށަހަޅައިދިނީ ފަތޯގެ "ރޯލީމާ" އެވެ. ބޮޑުބެގެ ލަވައަށް ވެސް ޖަޖުން ދިނީ ޝަމްވީލްއަށް ދިން ފަދަ ކޮމެންޓްތަކެކެވެ.

ހިތްގައިމު މަޑުމައިތިލި ލަވައެއް ކަމަށްވާ "ފެންނާތީ ބަލަންޏާ މޫނު" އެ ލަވަ ހުށަހަޅައިދިނީ ހަމޫދު އަހުމަދު އެވެ. ޕްރެކްޓިސްގައި ހުށެހެޅި ހުށަހެޅުމަށް ފުރިހަމަ ނޫން ކަން އައްފާން ފާހަގަކުރިއިރު އެހެން ޖަޖުންނަށް ހަމޫދުގެ ހުށަހެޅުން ކަމުދިޔަ އެވެ. އަބްދުﷲ ހިޝާން ހުށަހަޅައިދީ ވަރަށް މަގުބޫލް ލަވައެއް ކަމަށްވާ "އޭ މަލާ" އެވެ. ހިޝާންގެ ލަވައަށް ވެސް ރަނގަޅު ކޮމެންޓްތަކެއް އަދި ރަނގަޅު ކުރަންވީ ބައެއް ކަންކަން ފާހަގަކޮށް ޖަޖުން ކޮމެންޓްކޮށްފައިވެ އެވެ.

ބައިވެރިން ދެން ލަވަ ހުށަހަޅައިދީފައިވަނީ "އެކޯސްޓިކް" ތީމަށެވެ. އެ ތީމަށް ފުރަތަމަ ލަވަ ހުށަހަޅައިދިނީ ބޮޑުބެ އެވެ. ބޮޑުބެ ހުށަހަޅައިދިނީ ހުޒާމްގެ އެންމެ މޮޅު އެއް ލަވަ ކަމަށްވާ "ތަދާ ވޭނުގާ" އެވެ. ބޮޑުބެގެ މި ލަވަ ރަނގަޅު އަދި ނުރަނގަޅު ކޮމެންޓްތައް ވެސް ޖަޖުންގެ ފަރާތުން ލިބުނެވެ. ހިޝާން ދެވަނައަށް ހުށަހަޅައިދިނީ އަލީ ރަމީޒުގެ "އަދު މިވީ ކީއްހެ" އެވެ. ހިޝާންގެ ނޭވާލުމުގައި ކުޑަ މައްސަލައެއް އުޅުނު ނަމަވެސް ޖަޖުންނަށް މި ލަވަ ވަރަށް ރީތިވި އެވެ.

ދެން ފެނިގެން ދިޔައީ ވެސް އަލީ ރަމީޒުގެ ލަވައެކެވެ. ޝަމްވީލް ހުށަހަޅައިދިނީ "ދޭ ހަނދާނަކީ" އެ ލަވަ އެވެ. "ފާޅުގައި ބުނާނަމޭ" މި ހިތްގައިމު ލަވަ ރޭ ހުށަހަޅައިދިނީ ބޮބް އެވެ. މި ދެ ހުށަހެޅުމަށް ވެސް ޖަޖުންގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް ލިބިފައިވެ އެވެ. އެންމެ ފަހު ހުށަހެޅުމަކަށް ރޭ ފެނިގެން ދިޔައީ ހަމޫދުގެ ހުށަހެޅުމެވެ. ހަމޫދު ހުށަހަޅައިދިނީ، "ރައިވަރެއް ހެދީމާ" އެވެ. އެ ލަވައާއެކު އައްފާން ކޮޅަށް ތެދުވި އެވެ. އުނޫޝާގެ ގައިން ހީބިހި ނަގައިގެން ދިޔައިރު އިއްބެއަށް ވެސް އެންމެ ރީތި އެއް ލަވައަށް އެ ލަވަވި އެވެ.

މިހާރު ބޯޅަ އޮތީ ބެލުންތެރިންގެ އަތުގަ އެވެ. ޖަޖުން އެވަނީ މާކްސް ދީފަ އެވެ. އެންމެ ލޯބިވާ ބައިވެރިން ސަލާމަތް ކުރުމަށް ވޯޓުކުރަމުން ގެންދާށެވެ. މިއަދުގެ 3:00 އާ ހަމައަށް ވޯޓު ކުރެވޭނެ އެވެ. ކޮންމެ ނަންބަރަކު ވެސް ކުރެވޭނީ 50 އެސްއެމްއެސް އެވެ. ތިން ރުފިޔާ އެސްއެމްއެސްއަކަށް ޗާޖްކުރާނެ އެވެ.