ހަބަރު

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅޭ ކޮންޓެންޓް ނުފޮނުވުމަށް އެދެފި

Apr 25, 2017
2

އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޔާމިން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އެޅޭނެ ފަދަ ކޮންޓެންޓް ބްރޮޑްކާސްޓް ނުކުރުމަށް ބްރޮޑްކާސްޓިން ކޮމިޝަނުން އެންމެހާ ބްރޮޑްކާސްޓަރުންނަށް މިރޭ އަންގައިފި އެވެ.

ފުލުހުން ނެރުނު ބަޔާނާ ހަވާލާދީ ބްރޮޑްކާސްޓިން ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭނެފަދަ ނުވަތަ އާންމުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދުތަކަށާއި އަބުރުރައްކާތެރިކޮށްދިނުމުގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް ގެ އިމުގެ ތެރެއިން މަސައްކަތްކުރުމަށް ސަމާލުކަން ދިނުމަށް އެ ބަޔާނުގައި ބްރޮޑްކޮމް އިން ވަނީ އެންމެހާ ބްރޮޑްކާސްޓަރުންނަށް ގޮވާލައިފަ އެވެ.

ބްރޮޑްކޮމް އިން އެހެން ބުނި އިރު ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އެޅޭ ފަދަ މައުލޫމާތުތައް ނުފެތުރުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.