ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް އެކަހެރިކުރަން އަމުރު ކުރައްވާފައި ނުވާނެ ކަމަށެވެ. އަބްދުﷲ ގާޒީ އަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ނިންމައި އެ ގާޒީއާ މެދު ފިޔަވަޅު އަޅަން ޑިފެންސް މިނިސްޓަރަށް އެންގެވި ނަމަވެސް އެއީ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުން ކަމަށް ވިދާޅުވެ ނަޝީދު ވަނީ މިސާލެއް ޖައްސަވައިފަ އެވެ. ކޯޓަށް ދެއްވި ބަޔާނުގައި ނަޝީދު ވިދާޅުވީ ދައުލަތުގެ މާލިއްޔާ އިތުރު ކުރުމަށް ރައީސް އެންގެވުމުން ފިނޭންސް މިނިސްޓަރު ސިފައިން ނެރެގެން ބޭންކުތައް ލޫޓުވައިގެން އެކަން ކުރަން ނުޖެހޭނެ ކަމަށެވެ. މިކަމާ ބެހޭ ހުރިހާ ވާހަކަޔަކުން އުފެދޭ ސުވާލަށް މިހާތަނަށް ޖަވާބެއް ނުލިބެ އެވެ. އެއީ ގާނޫނުގައި ބުނާ ގޮތަށް އަބްދުﷲ ގާޒީ ހައްޔަރުކުރަން މަސައްކަތްކުރިތޯ އެވެ؟ ސިފައިން ފޮނުވައިގެން ގާޒީ ދަމާހަލާފައި ގެންދަން ޖެހުނީ ގާނޫނީ އިމުގެ ތެރެއިން އެއްވެސް ކަމެއް ނުކުރެވުމުން ހެއްޔެވެ؟
ރައީސް ނަޝީދު ކޯޓަށް ދެއްވި ބަޔާނަށް ބަލާއިރު އަބްދުﷲ ގާޒީގެ މައްޗަށް ތުހުމަތު ކުރެވެނީ "ކޮންޓްރެކްޓް ކިލިން" ގައި ބައިވެރިވުމެވެ. އެ ވިދާޅުވަނީ މީހެއްގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ހުރި މީހެއްގެ ތަހުގީގު ނުނިމި ދިގުލައިގެން ދާން ފެށުމުން އެ މީހާ ދޫކޮށްލިތާ ދެތިން ދުވަސް ފަހުން އެހެން މީހަކު މެރި މައްސަލައެއް ފެންމަތިވެފައި ވުމެވެ. އެ މީހަކީ ގ.ކޯޒީ އިބްރާހިމް ޝަހުމް އާދަމް އެވެ.
ޝަހުމް ދޫކޮށްލީ އޭނާގެ ތަހުގީގު ނިންމުމަށް އައިޖީއެމްއެޗުން ލިބެންޖެހޭ ޑޮކިއުމަންޓެއް ހޯދަން ފުލުހުން މަސައްކަތްކުރާތާ ހަތަރު މަސް ދުވަސް ވީއިރު ވެސް އެ ޑޮކިއުމަންޓް ނުލިބުނު ކަމަށް އެ މައްސަލަ ތަހުގީގުކުރާ ފުލުހުން ކޯޓުގައި ބުނުމުންނެވެ. އަޅުގަނޑު ހާޒިރުވެ އިން ޝަރީއަތުގެ އެ މަޖިލީހުގައި ގާޒީ ވިދާޅުވީ ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހާގެ ހައްގުތަކެއް ވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ. ތުހުމަތުގައި ހުރި މީހާ އެހާ ގިނަ ދުވަހު ބަންދުގައި ހުންނަން ޖެހި އެ މީހާގެ ހައްގު ގެއްލޭ މައްސަލާގައި ޒިންމާވާނީ ފުލުހުންތޯ ނުވަތަ އޭރުގެ ހެލްތު މިނިސްޓަރު އައިމިނަތު ޖަމީލްތޯ ގާޒީ އެއްސެވި އެވެ. ކޯޓުގައި ތިބި ފުލުހުން ތިބީ އިސްދަށަށް ޖަހާލައިގެން، ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ. އޭގެ ދެތިން ދުވަސް ފަހުން ފުުލުހުން ޝަހުމް ހޯދަން ފެށީ އަނެއްކާވެސް މަރެއްގެ މައްސަލައިގަ އެވެ. ނަޝީދު ތުހުމަތުކުރެއްވީ އެ މަރުގައި އަބްދުﷲ ގާޒީގެ ބައިވެރިވުމެއް ވެސް އޮވެދާނެ ކަމަށެވެ.
ނަމަވެސް އަބްދުﷲ ގާޒީއާ ބެހޭ ޝަކުވާތައް ސަރުކާރުގެ ތެރެއިން މަތިމައްޗަށް އަންނަން ފެށީ ގައުމީ ޕާޓީގެ ނައިބު ލީޑަރަކަށް އޭރު ހުންނެވި މިހާރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ސާބިތު ނުހިފޭ ވާހަކަ ދައްކަވާ ކަމުގެ ތުހުމަތުގައި ފުލުހުން އެކި ފަހަރުމަތިން ހައްޔަރު ކުރުމުން ވެސް ޖަމީލް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނުދިން ހިސާބުންކަން ސާފުކޮށް އެނގެ އެވެ. ގާޒީގެ އަމުރަށް ދޫކޮށްލި މީހެއްގެ ފަރާތުން މަރުގެ މައްސަލައެއް ފެންމަތިވުމަކީ ގާޒީ އަށް ތުހުމަތުކުރަންވީ ކަމެއްތޯ ނުވަތަ މިހާރުގެ ބަހުރުވައިން ނަމަ ސިޔާސީ ޓާގެޓަށް ވެފައި ހުރި ގާޒީއަކު ފްރޭމްކުރަން ބަޔަކު ކުރި ކަމެއްތޯ ބައެއް މީހުން ސުވާލުކޮށްފާނެ އެވެ. ހަގީގަތް ކޮންމެ ގޮތަކަށް އޮތް ނަމަވެސް ގާޒީ ސިފައިން އަތްދަށަށް ގެންދަންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟
ފަނޑިޔާރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި އަމުރަކާ ގުޅިިގެން ނުވަތަ ކުރި ހުކުމަކާ ގުޅިގެން ގާނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފު ކުރުމުގެ އުސޫލުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ސްލޫކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާންވެގެންވާ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބުނެ އެވެ. އެކަމަކު މީގެ މާނަ އަކީ ގާޒީއަކު ކުށެެއް ކުރި ކަމަށް ތުހުމަތު ކުރެވޭ ނަމަ ހައްޔަރު ނުކުރެވޭ ވާހަކައެއް ނޫނެވެ. ފަނޑިޔާރަކު ހައްޔަރުކުރަން ވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށް ވުރެ މަތީ ކޯޓެއްގެ އަމުރަކަށް ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި އެބަ އޮތެވެ. އެ އަމުރަށް އެދެން ޖެހެނީ ޕްރޮސިކިއުޓާ ޖެނެރަލް އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރަން ބޭނުންވާ ނަމަ ޕްރޮސިކިއުޓާ ޖެނެރަލް ޖެހިވަޑައިގަންނަވާނީ ހައި ކޯޓުގެ އަމުރެއް ހޯދާށެވެ. އެފަދަ އަމުރެއް ހޯދަން ފުލުހުން އަދި ސިފައިން ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައި ނެތްކަން ވަނީ ހޯދި ހޯދުންތަކުުން ކަށަވަރުވެފަ އެވެ. އެފަދަ އަމުރެއް ހޯދުމާ ބެހޭ އެއްވެސް މަޝްވަރާއެއް ޕްރޮސިކިއުޓާ ޖެނެރަލްއާ އެކު އެއްވެސް މުއައްސަސާއަކުން ކޮށްފައެއް ނުވެ އެވެ. އަމުރެއް ހޯދަން އެއްވެސް ވަރަކަށް މަސައްކަތް ނުކޮށް، އެއީ ލިބޭނެ އަމުރެއް ނޫން ކަމަށް ނިންމާފައިވާ ނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. ޖެނުއަރީ 16، 2012 ވަނަ ދުވަހުގެ ރޭ ގާޒީ ހައްޔަރުކުރުމާ އެކު އޭރުގެ ޕްރޮސިކިއުޓާ ޖެނެރަލް ކަންބޮޑުވުން ފާޅުކުރައްވައި، އެކަން ކުރީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ އެކަމުގައި ޝާމިލުވާ އެންމެންގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވީ ގާޒީއަކު ހައްޔަރުކުރާ ނަމަ އެކަމުގެ މެދުވެރިއަކަށް ވާންޖެހޭ ޕްރޮސިކިއުޓާ ޖެނެރަލް ގާތުން ހޭވެސް އަހާނުލައި ހުރިހާ ކަމެއް ނިންމާލުމުންނެވެ.
ގާޒީ ހައްޔަރު ކުރުމަށް އެންމެ ފުރަަތަމަ އަމުރު އައީ ފުލުހުންނަށެވެ. އެކަމަކު ފުލުހުންގެ އޭރުގެ ވެރިންގެ ބައްދަލުވުމަކުން ނިންމީ އެއީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ގާނޫނާ ހިލާފް އަމަލެއް ކަމަށެވެ. އަބްދުﷲ ގާޒީއާ ހެދި ފުލުހުންނަށް އެއްވެސް ކަމެއް ނުކުރެވޭ ކަަމަށް ބުނެ ފުުލުހުންގެ ބައެއް ވެރިން ގާޒީ ހައްޔަރުކުރަން ބޭނުންވި ނަމަވެސް ގިނަ މީހުން އެކަމާ ދެކޮޅު ހެދުމުން އެންމެފަހުން އެކަން ނަގުލުވީ ސިފައިންނަށެވެ.
ލަފާކުރެވެނީ އޭރު ކޯޓުތަކުން ކުރި އަމުރަށް ތަބާވެ ގާޒީ ދޫކޮށްލި ނަމަ ނަޝީދުގެ ވެރިކަން ވެސް ދައުރުގެ މެދުތެރެއިން ނުވެއްޓޭނެ ކަމަށެވެ. އަދި ކޯޓު އަމުރުތަކަށް ތަބާ ނުވުމުން، ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެގޮތް ބޭނުންވެގެން ކަމަށް ބުނަން ބާރު ލިބެ އެވެ. ގާނޫނާ ހިލާފަށް ގާޒީއާ މެދު އަމަލު ކުރަން ނާންގަވަން ކަމަށް ނަޝީދު ވިދާޅުވި ބަސްފުޅު މި ހިސާބުން ނަފީވެ އެވެ. އެއީ ގާޒީ ހައްޔަރުކުރި ގާނޫނާ ހިލާފަށް ކަމަށް އެންމެ މަތީ ދެ ކޯޓުން ވެސް އޭރު ކަނޑައަޅައި އެކަން އެންގީމާ ވެސް ސިފައިންގެ ކޮމާންޑަ އިން ޗީފް އެކަމަށް ބީރު ކަންފަތެއް ދެއްވުމުންނެވެ. އޭރު ވެސް ސިފައިންގެ މައްޗަށް ރައީސްގެ ބާރު ނުހިނގަނީ ކަމަށްވާ ނަމަ އެއީ އަދި މާ ސީރިއަސް ތަހުގީގަކާއި ޝަރީއަތެއް ހިންގަން ޖެހޭ ކަމެކެވެ.
ކޯޓުތަކުގެ އަމުރުތަކަށް ތަބާނުވެ ރައީސް މނަޝީދުގެ ސަރުކާރުންނާއި ގައުމީ ދިފާއީ ބާރުން ގަދަ ދައްކަމުން ގެންދާތާ 22 ވަނަ އަށްވީ ދުވަހު، ފެބްރުއަރީ 7، 2013 ގައި ނަޝީދުގެ ވެރިކަން ވެއްޓުނީ އޭރުުގެ އިދިކޮޅު ފަރާތްތަކުން ކުރި ސިލްސިލާ މުޒާހަރާ އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ އެކު ވަރުގަދަވެގެން ދިއުމުންނެވެ.
ގާޒީއަކު ހައްޔަރުކުރާ ނަމަ އަމަލުކުރަންވީ ގޮތް ސާފުކޮށް ފެންނަން އޮއްވައި އެެއިން ކަމެއް ކުރަން މަސައްކަތް ވެސް ކުރުމަކާ ނުލައި ގާޒީ ހައްޔަރު ކުރުމަކީ ހެދި ގޯހެވެ. ގާޒީ ހައްޔަރު ކުރުމަކީ ނަޝީދު ހެއްދެވި ގޯހެއްކަން ނަޝީދަށް ތާއީދުކުރާ އެތައް ބަޔަކު ވެސް ގަބޫލުކުރެ އެވެ. އެކަމަކު ގާނޫނީ އިމުގެ ތެރެއިން އެކަން ކުރަން މަސައްކަތްކޮށް އެކަން ނުވެގެން ސިފައިން ނެރެ ގާޒީ ހައްޔަރުކުރި ނަމަވެސް ދިފާއުގައި ބުނެލާނެ ބަހެއް ނަމަވެސް އޮތީހެވެ.