ހަބަރު

ޔާމީންގެ މަރާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލީ މައްސަލާގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފި އެވެ.

ޔާމީން ދިރިއުޅޭ ގެ ކައިރީގައި ހުންނަ ގެއަކުން މިއަދު ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫއަށް ނިސްބަތްވާ މުހައްމަދު ދިފްރާނެވެ. އޭނާ މިއަދު ފަތިހުގެ ވަގުތެއްގައި ހައްޔަރުކުރިއިރު މެންދުރު ވަނީ އޭނާ ދިރިއުޅޭ ގެ، މ. އަފްސާނާ ވެސް ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށްފަ އެވެ.

އެ ގެ ބަލާ ފާސްކުރުމަށް ނެރެފައިވާ ކޯޓް އަމުރުގައި ބުނެފައިވަނީ، ޔާމީން ރަޝީދުގެ ފަހަތުން ފާރާލައި، އޭނާ ދިރިއުޅޭ މ. ސްޕެޓިއުލާ ތެރެއަށް ވަނުމުން އޭނާ ހިފަހައްްޓައި އޭނާއަށް ތޫނު ހަތިޔާރުން ހަމަލާ ދިނުމުގެ ސަބަބުން ޔާމީން ރަޝީދު މަރުވެފައިވާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމަށް އެ ގެ ބަލާ ފާސްކުރުމަށް ބޭނުންވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ކުރަން ބޭނުންނުވާ ކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް އޭނާއަކީ އެކަމުގައި ކޮން ގޮތަކުން ބައިވެރިވި މީހެއް ކަމެއް އަދި އޭނާއަށް ކުރަނީ ކޮން ތުހުމަތެއް ކަމެއް ސާފެއް ނުވެ އެވެ. ފުލުހުން މީގެކުރިން ވަނީ ޔާމީން ރަޝީދަށް ހަމަލާދިން ދެ މީހުންގެ ފޮޓޯ އާންމުކޮށްފަ އެވެ. އެ ދެ މީހުން ހައްޔަރުކުރެވިފައިވާ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރީގަ އެވެ. އޭނާއަށް ވަނީ ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފަ އެވެ. އެ ރަހްމުކުޑަ އަމަލު ގިނަ ބަޔަކު ދަނީ ކުށްވެރިކޮށް، ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ.