ހަބަރު

ގާސިމްގެ ބަންދާމެދު މާދަމާ ހައިކޯޓުން ގޮތެއް ނިންމަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް 15 ދުވަހަށް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު މައްސަލާގައި މާދަމާ ހައިކޯޓުން ގޮތެއް ނިންމުމަށް ތާވަލުކޮށްފި އެވެ.

ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ތުހުމަތުގަ އާއި ގާނޫނީ ސަރުކާރު ވައްޓާލަން ރާވަމުންދާ ކަމުގެ ތުހުމަތައް ހައްޔަރުކޮށްފައިވާ ގާސިމްގެ ބަންދަށް 15 ދުވަސް ޖެހި މައްސަލަ އެމަނިކުފާނު ވަނީ ހައިކޯޓުން އިސްތިއުނާފުކޮށްފަ އެވެ. އިއްޔެ އެ މައްސަލާގެ އަޑުއެހުންތައް ފަށައި އިއްޔެ ވަނީ އަޑުއެހުންތައް ނިންމާވެސް ލާފަ އެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ މާދަމާ މެންދުރުފަހު 1:30 އަށް އެ މައްސަލާގައި ހުކުމް އިއްވުމަށް އަޑުއެހުމެއް ތާވަލުކޮށްފައިވާ ކަމަށެވެ. މިފަދަ މައްސަލަތައް ހައިކޯޓުގައި ކުރިއަށް ގެންދަނީ ނޫސްވެރިންނާއި އާންމުނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓާއާ ދިމާކޮށް ގާސިމް، މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމަށް ތުހުމަތުކޮށް އެމަނިކުފާނުގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް ކޮށް ޝަރީއަތް ވެސް ފަށާފަ އެވެ.

މި މައްސަލައާ ގުޅިގެން ވެސް ގާސިމް ހައްޔަރުކޮށް ބަންދަށް ހަ ދުވަސް ޖަހާފައިވެ އެވެ. ނަމަވެސް އެފަހަރު ގާސިމް ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައި، އެމަނިކުފާނު ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ. އެގޮތަށް އަމުރުކުރީ، ގާސިމް ހައްޔަރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނާ ހިލާފަށް ކަމަށްވާތީ އެވެ. އޭރު ގާސިމް ހައްޔަރުކުރީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށްނުކޮށެވެ.

ފަހުން ގާސިމް ހައްޔަރުކުރީ ޕްރޮސެކިއުޓާ ޖެނެރަލުން އެދުނު އަމުރެއްގެ ދަށުންނެވެ. ނަމަވެސް ގާސިމްގެ ގާނޫނީ ޓީމުން ވަނީ މިފަހަރު ވެސް ގާސިމްގެ ބަންދު ޖަހާފައިވަނީ އިމްތިޔާޒު ގާނޫނާ ހިލާފަށް ކަމަށް ބުނެ، ހައިކޯޓުގައި ވަކާލާތުކޮށްފަ އެވެ. އެއީ ބަންދު އިތުރުކުރުމަށް ވެސް ކޯޓުގައި އެދެން ޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލުން ކަމަށް ބުނެ އެވެ.