ހަބަރު

މާދިއްގަރު ފަަޅު ވިލާ އަތުން ނެގީ ރަނގަޅަށް ކަމަށް ހައިކޯޓު ހުކުމްކޮށްފި

ވިލާ ގުރޫޕަށް ދޫކޮށްފައިވާ ކ. މާދިއްގަރު ފަަޅު އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ކ. މާދިއްގަރު ފަޅު ކުއްޔަށް ދިނުމަށްޓަކައި ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު، 12 ޑިސެމްބަރު 2013 ގައި ކުރެވިފައިވާ އެމެންޑަޑް އެންޑް ރީ -ސްޓޭޓެޑް ލީޒް އެގްރިމަންޓް އުވާލެވިފައިވާތީ ވިލާ ހޮލިޑޭއިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވައްދާފަ އެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިންމީ، އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓް އުވާލެވިފައިވަނީ ކ. މާދިއްގަރުފަޅާ ކ. ކަނުހުރާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، 12 ޑިސެމްބަރު 2013 ގައި ކުރެވުނު 'ސެޓްލްމަންޓް އެގްރިމަންޓް' އުވާލި އުވާލުން އަސާސް އަކަށް ބަލައިގެންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިލާ ހޮލިޑޭސްއަށް އަންގާފައިވާ އެންގުމަކީ އެމެންޑަޑް އެންޑް ރީ -ސްޓޭޓެޑް ލީޒް އެގްރިމަންޓާ ހިލާފް ބާތިލް އެންގުމެއްކަމަށް ކަނޑައަޅަ އެވެ.

މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އެއްބަސްވާ ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ އެ ހުކުމް ބާތިލުކުރައްވާ ކަމަށެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ.

ކ. މާދިއްގަރު ފަޅާއި ކ. ކަނުހުރާ ފަޅު ވިލާއަށް ދީފައި ވަނީ ސަރުކާރުން އެކުންފުންޏަށް ދިނުމަށް އެއްބަސްވި ހދ. ހަނިމާދޫގެ ބިމުގެ މައްސަލައާ ގުޅިގެން 9.2 މިލިއަން ރުފިޔާ ވިލާއަށް ދެއްކުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެފައިސާ ސަރުކާރަށް ދެއްކެން ނެތުމުންނެވެ. ހަނިމާދޫ ބިމަކީ 2007 ވަނަ އަހަރު މ. ވިލާ ފާތިމަތު ތަސްލީމާއަށް ދޫކޮށްފައިވާ ބިމެކެވެ. ފަހުން އެ ބިމުގެ ހައްގުތައް ވަނީ ވިލާ ހޮލިޑޭއަށް ބަދަލުކޮށްފަ އެވެ.

އޭގެފަހުން ތަސްލީމާ އާއި ސަރުކާރާ ދެމެދު ވަނީ ސެޓެލްމެންޓް އެއްބަސްވުމެއް ހަދާފަ އެވެ. އެ އެއްބަސްވުން ހެދީ ވިލާގެ ފަރާތުން ފާހަގަކުރައްވާފައިވާ ގޮތުގައި، ލ. ކައްދޫއިން އަލީ އިބްރާހިމް ކިޔާ މީހަކަށް ދޫކުރި ބިމެއްގެ މައްސަލާގައި ދައުލަތަށް 9.7 މިލިއަން ރުފިޔާ ދައްކަން ޖެހުމުންނެވެ. ހަނިމާދޫ ބިމުގެ މައްސަލާގައި ތަސްލީމާ ދައުވާކޮށް އެ މައްސަލާގައި ޝަރުއީ މަރުހަލާތައް ނިމިއްޖެނަމަ އެފަދަ ބޮޑު އަދަދެއް ތަސްލީމާއަށް ވެސް ދައްކަން ޖެހިދާނެ ކަމަށް ދައުލަތަށް ލަފާކުރެވުމުންނެވެ.

ސެޓެލްމެންޓް އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އާއި ތަސްލީމާއާ ދެމެދު ކޮންސެޝަންސްތަކެއް ދިނުމަށް އެއްބަސްވެފައިވާ ކަމަށް މިއަދު ހައިކޯޓުން ކުރި ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެ އެއްބަސްވުމުގައި ވަނީ ހަނިމާދޫގެ ޕްލޮޓް އަދި ލޭންޑްއާ ގުޅިގެން އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ތަސްލީމާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ނިންމާފައިވާ ނިންމުން އިސްތިއުނާފު ނުކުރުމަށް ވެސް ބުނެފައިވެ އެވެ. އެއްބަސްވުމުގެ ދަށުން މިނިސްޓްރީން ތަސްލީމާއަށް ފޯރުކޮށްދޭން ޖެހޭ ކޮންސެޝަންސްތަކެއް ފޯރުކޮށްދިންކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފަ އެވެ.

މި އެއްބަސްވުން ބާތިލުކޮށްފައިވަނީ ވިލާ ގުރޫޕްގެ އެހެން ކުންފުންޏެއް ކަމަށްވާ ވިލާ ޝިޕިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ވޯލްޑް ލިންކް ޓްރެވެލް (ޑަބްލިއުއެލްޓީ)އިން ދައުލަތާ ދެކޮޅަށް ދައުވާއެއް ކުރުމުންނެވެ. ދައުލަތުން ބުނަނީ އެއީ، ވެފައިވާ ސެޓެލްމެންޓް އެއްބަސްވުމުގެ މަގުސަދާ ހިލާފު ކަމެއް ކަމަށެވެ.

ހައިކޯޓު ހުކުމުގައި ބުނެފައިވަނީ، ޑަބްލިއުއެލްޓީއަކީ ވިލާ ޝިޕިން ހިއްސާވާ ކުންފުންޏެއް ކަމާމެދު ވިލާ ހޮލިޑޭއިން އިންކާރު ކޮށްފައިނުވާ ކަމަށާއި އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާކުރުމަކީ މިނިސްޓްރީ އާއި ތަސްލީމާއާ ދެމެދު ވެވުނު ސެޓެލްމެންޓް އެއްބަސްވުމުގެ މައިގަނޑު މަގުސަދާ ހިލާފު ކަމެއް ކަމަށެވެ.

އެއްބަސްވުމުގެ މައިގަނޑު މަގުސަދާ ހިލާފުވުމަކީ އެގްރިމަންޓް އުވާލެވިދާނެ ހާލަތެއްކަމަށް އެގްރިމަންޓްގައި ބަޔާންކޮށްފައި ނެތްނަމަވެސް، މި ހާލަތަކީ އެގްރިމަންޓްގައި ބަޔާންކޮށްފައިނުވާ އިސްތިސްނާ ހާލަތެއްކަމަށް ބަލަންޖެހޭ ހިނދު، އެގްރިމަންޓްގެ މައިގަނޑު މަގްސަދު ނެތިގޮސްފައިވާ މި ހާލަތުގައި، ޓޫރިޒަމް މިނިސްޓްރީން އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓް އުވާލާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލަކާ ހިލާފަށްކަމަށް ނުފެންނަ ކަމަށް ހުކުމުގައިވެ އެވެ.