ހަބަރު

މާނެންފުއްޓާއި ގަޒީރާ ދައުލަތަށް ނެގީ ރަނގަޅަށް ކަމަށް ހުކުމްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގުރޫޕަށް ދޫކޮށްފައިވާ އިތުރު ދެ ރަށެއް ދައުލަތަށް ނެގީ ވެސް ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހައިކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ ގދ. ގަޒީރާ އާއި ރ. މާނެންފުށި ދައުލަތަށް ނެގީ ރަނގަޅަށް ކަމަށެވެ. އެގޮތަށް ހައިކޯޓުން ހުކުމްކުރީ އެ ދެ ރަށް ދައުލަތަށް ނަގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފުކުރުމުންނެވެ. ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރީ 2015 ވަނަ އަހަރު ތެރޭގަ އެވެ.

ގދ. ގަޒީރާއަކީ ވިލާގެ ކުންފުންޏެއް ކަމަށްވާ ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ރަށެކެވެ. މާނެންފުށި ދޫކުރީ ވިލާގެ މާނެންފުށި ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ދެ ރަށް ދިނުމަށްޓަކައި ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު، 12 ޑިސެމްބަރު 2013 ގައި ކުރެވިފައިވާ އެމެންޑަޑް އެންޑް ރީ -ސްޓޭޓެޑް ލީޒް އެގްރިމަންޓް އުވާލެވިފައިވާތީ ވިލާ ހޮލިޑޭއިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވައްދާފަ އެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިންމީ، އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓް އުވާލެވިފައިވަނީ ގަޒީރާ އާއި މާނެންފުށި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، 12 ޑިސެމްބަރު 2013 ގައި ކުރެވުނު 'ސެޓްލްމަންޓް އެގްރިމަންޓް' އުވާލި އުވާލުން އަސާސް އަކަށް ބަލައިގެންކަމަށް ޓޫރިޒަމް މިނިސްޓްރީން އެ ދެ ކުންފުންޏަށް އަންގާފައިވާ އެންގުމަކީ އެމެންޑަޑް އެންޑް ރީ -ސްޓޭޓެޑް ލީޒް އެގްރިމަންޓާ ހިލާފް ބާތިލް އެންގުމެއްކަމަށް ކަނޑައަޅަ އެވެ.

މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އެއްބަސްވާ ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ އެ ހުކުމް ބާތިލުކުރައްވާ ކަމަށެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ.

ދެ ރަށުގެ އެއްބަސްވުން މިނިސްޓްރީން އުވާލާފައިވަނީ، ވިލާ ގުރޫޕްގެ އެހެން ކުންފުންޏެއް ކަމަށްވާ ވިލާ ޝިޕިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ވޯލްޑް ލިންކް ޓްރެވެލް (ޑަބްލިއުއެލްޓީ)އިން ދައުލަތާ ދެކޮޅަށް ދައުވާއެއް ކުރުމުންނެވެ. ދައުލަތުން ބުނަނީ އެއީ، ވެފައިވާ ސެޓެލްމެންޓް އެއްބަސްވުމުގެ މަގުސަދާ ހިލާފު ކަމެއް ކަމަށެވެ.

ހައިކޯޓު ހުކުމުގައި ބުނެފައިވަނީ، ޑަބްލިއުއެލްޓީއަކީ ވިލާ ޝިޕިން ހިއްސާވާ ކުންފުންޏެއް ކަމާމެދު އެ ދެ ކުންފުނި އިންކާރު ކޮށްފައިނުވާ ކަމަށާއި އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާކުރުމަކީ މިނިސްޓްރީ އާއި ތަސްލީމާއާ ދެމެދު ވެވުނު ސެޓެލްމެންޓް އެއްބަސްވުމުގެ މައިގަނޑު މަގުސަދާ ހިލާފު ކަމެއް ކަމަށެވެ.

އެއްބަސްވުމުގެ މައިގަނޑު މަގުސަދާ ހިލާފުވުމަކީ އެގްރިމަންޓް އުވާލެވިދާނެ ހާލަތެއްކަމަށް އެގްރިމަންޓްގައި ބަޔާންކޮށްފައި ނެތްނަމަވެސް، މި ހާލަތަކީ އެގްރިމަންޓްގައި ބަޔާންކޮށްފައިނުވާ އިސްތިސްނާ ހާލަތެއްކަމަށް ބަލަންޖެހޭ ހިނދު، އެގްރިމަންޓްގެ މައިގަނޑު މަގްސަދު ނެތިގޮސްފައިވާ މި ހާލަތުގައި، ޓޫރިޒަމް މިނިސްޓްރީން އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓް އުވާލާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލަކާ ހިލާފަށްކަމަށް ނުފެންނަ ކަމަށް ހުކުމުގައިވެ އެވެ.

އެ ދެ ރަށް ދައުލަތަށް ނެގީ ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ހުކުމްކުރި ވިލާ ހޮލިޑޭއަށް ދޫކުރި މާދިއްގަރު ފަަޅު ވެސް ދައުލަތަށް ނަގާފައިވަނީ ރަނގަޅަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.