ހަބަރު

ގާސިމްގެ ބަންދަށް ހައިކޯޓުން ތާއީދުކޮށްފި

ކުރިމިނަލް ކޯޓް އަމުރެއްގެ ދަށުން ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދަށް ހައިކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ. ހައިކޯޓުން ކްރިމިނަލް ކޯޓްގެ އަމުރަށް ތާއީދު ކުރީ އެ މައްސަލަ ގާސިމްގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާފް ކުރުމުން މިއަދު އެ ކޯޓްގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

ގާސިމް 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ މިިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އަންނަ ހުކުރު ދުވަހު އެ މުއްދަތު ހަމަވާނެ އެވެ. ގާސިމްގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ސަރުކާރު ވައްޓާލަން ރޭވުމާއި ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތެވެ. ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ގާސިމްގެ މައްޗަށް ދައުލަތުން މިހާރު ވެސް ދައުވާ އުފުލައި އޭނާގެ ޝަރީއަތް ކްރިމިނަލް ކޯޓްގައި ދަނީ ހިނގަމުންނެވެ.

ގާސިމް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން މިއަދު ތާއިދުކޮށް ކުރި ހުކުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތިން ކަމެކެވެ. އެއީ، ހައްޔަރު އަމުރު ނެރޭ ގާޒީއަކު، އެ އަމުރުގެ ގާނޫނީ ހައިސިއްޔަތާއި އަމުރު ނެރެފައިވަނީ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ތޯ މުރާޖާކޮށް އަލުން ބެލުމަކީ ގާނޫނީ ގޮތުން މައްސަލައެއް އޮތް ކަމެއް ކަމަށް ނުފެންނަ ކަމަށެވެ.

ގާސިމް ހައްޔަރުކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން އެދުނު އެދުމަކާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ނެރުއްވި އަމުރެއްގެ ދަށުންނެވެ. ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރައްވާފައިވަނީ ވެސް ގާޒީ ބާރީ އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާ ހިނގަނީ ފުރަތަމަ ހައްޔަރު އަމުރު ނެރޭ ހިސާބަށް އެކަނި ކަމަށެވެ. އެހެންކަމުން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން އެދުނު އެދުމަކަށް ހައްޔަރު އަމުރު ނެރެފައިވާތީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހިނގާ އިޖުރާއުތަކަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ދައުރެއް އޮތުން ލާޒިމުނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ގާސިމް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވާ އިހްތިޔާރު ގާނޫނީ ގޮތުން ރަނގަޅަށް ބޭނުންކުރައްވައިގެން ކަމަށެވެ. އެހެންކަމުން ގާސިމްގެ ބަންދު އިތުރުކުރުމުގައި ގާނޫނާ ހިލާފު ކަމެއް ހިނގާފައިނުވާ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމަވާފަ އެވެ.