ހަބަރު

ވިލާ އިން 37 މިލިއަން ޑޮލަރު ހޯދަން މީރާއިން ދައުވާކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގުރޫޕްގެ ދެ ކުންފުންޏެއްގެ އަތުން ދައުލަތަށް 37.5 މިލިއަން ޑޮލަރު ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

މީރާއިން ސިވިލް ކޯޓުގައި ދައުވާކޮށްފައިވަނީ ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް އާއި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީއާ ދެކޮޅަށެވެ. މީރާއިން އެދިފައިވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ އަތުން 18.9 މިލިއަން ޑޮލަރު ހޯދައިދިނުމަށެވެ. އަދި ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސްގެ އަތުން 18.6 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ. އެއީ، އެ ދެ ކުންފުންޏަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކެއްގެ ކުއްޔާއި ޖޫރިމަނާ ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ އަތުން ހޯދާ ފައިސާއަކީ ތ. އެލާގެ ކުއްޔާއި ޖޫރިމަނާ އެވެ. އަނެއް ކުންފުނީގެ އަތުން ހޯދާ ފައިސާއަކީ ކ. ބޮލިދުއްފަރު ފަރާއި ކ. ވާވެއްދިފަޅުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ އެވެ.

ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސްއާ ދެކޮޅަށް މީރާއިން ދައުވާކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީއާ ދެކޮޅަށް ދައުވާކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.

އެއްބަސްވުމާ ހިލާފުވެގެން ކަމަށް ބުނެ 2015 ވަނަ އަހަރު އެ ރަށްތަކުގެ އެއްބަސްވުން ވަނީ ޓޫރިޒަމް މިނިސްޓްރީން ބާތިލުކޮށްފަ އެވެ. އެލާ އާއި ބޮލިދުއްފަރު ފަރާއި ވާވެއްދިފަޅު ދައުލަތަށް އަނބުރާ ނެގީ ރަނގަޅަށް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.