ހަބަރު

ޔޮޓް ޓުއާޒް އިން ތިން މިލިއަން ޑޮލަރު ހޯދަން މީރާއިން ދައުވާކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްގެ އަތުން ތިން މިލިއަން ޑޮލަރު ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

ތިން މިލިއަން ޑޮލަރު ހޯދުމަށް މީރާއިން ދައުވާކޮށްފައިވާއިރު އެ ކުންފުންޏަށް ދޫކުރި ހއ. ބީނާފުށްޓާއި އެ ރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖުރިމަނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނީގެ އެކައުންޓް ވަނީ މީރާއިން ފްރީޒްކޮށްފަ އެވެ. އެކަން ކޮށްފައިވަނީ އެ އިދާރާގައި އޮންނަ އެންފޯސްމަންޓް ޕޮލިސީގެ ދަށުންނެވެ.

ބީނާފުށްޓާއި ކަނޑާލި ފިނޮޅު ޔޮޓް ޓުއާޒް އަތުން ދައުލަތަށް ނެގީ، ކުލި ނުދައްކާ ކަމަށް ބުނެ އެވެ. ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ބީނާފުށްޓާއި ކަނޑާލި ފިނޮޅު ދައުލަތަށް އަނބުރާ ނެގީ ރަނގަޅަށް ކަމަށް ހުކުމް ކޮށްފަ އެވެ.

ޔޮޓް ޓުއާޒްއާ ދެކޮޅަށް މީރާއިން ދައުވާކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކުރުމާ ގުޅިގެން ކުރީގެ މެންބަރު ޖާބިރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފައްޓަވާފަ އެވެ. އަދި ސަރުކާރަށް ތާއިދެއް ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ. ވަރަށް ފަހުން ޖާބިރު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ.

މިހާރު ލަންކާގައި ހުންނެވި ޖާބިރުގެ ކުންފުންޏާ ދެކޮޅަށް މީރާއިން ދައުވާކޮށްފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ދެ ކުންފުންޏެއްގެ އަތުން 37.5 މިލިއަން ޑޮލަރު ހޯދުމަށް ވެސް މިދިޔަ މަހުގެ ތެރޭގައި މީރާއިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.