ހަބަރު

ބަންދުގެ މުއްދަތަށް ގާސިމް މާދަމާ ކޯޓަށް ގެންދަނީ

ބޮޑެތި ތުހުމަތުތަކެއްކޮށް ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދު އިތުރުކުރުމާ މެދު ގޮތެއް ނިންމަން މާދަމާ ކުރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރަން ހަމަޖެހިއްޖެ އެވެ.

ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަަށް ބާއްވާ އަޑުއެހުން އޮންނާނީ މާދަމާ ހަވީރު 4:30 ގައި ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވި އެވެ. ފުރަތަމަ ގާސިމްގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ. އެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން ވަނީ ބަންދަށް ތާއިދުކޮށްފަ އެވެ. ނަމަވެސް އެކަން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ދާނެ ކަމަށް ގާސިމްގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.

ގާސިމް ހައްޔަރުކުރި ކޯޓު އަމުރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއެކު ކަމަށް 10 އޭޕްރީލް 2017 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާއި ގުޅިގެން މަޖިލީހުގެ ރައީސް މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ގާސިމް މަޖިލީހުގެ އެކި މެންބަރުންނަށް އެކި ގޮތްގޮތުން ނުފޫޒުފޯރުގައި ގާނޫނާއި ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި، ސަލާމަތީބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށް ރައްޔިތުންގެ މެދުގައި ފިތުނައާއި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ވަނީ އެ ކޯޓު އަމުރުގައި ތުހުމަތުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓާއާ ދިމާކޮށް ގާސިމް، މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމަށް ތުހުމަތުކޮށް އެމަނިކުފާނުގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް ކޮށް ޝަރީއަތް ވެސް ފަށާފަ އެވެ.