ރިޕޯޓް

އެސްއީޒެޑް މަޝްރޫއުތައް؛ ރާއްޖެ ބަދަލުކޮށްލާނެ!

ރާއްޖެ ތަރައްގީ ކުރުމަށް އެކި ސަރުކާރުގެ ސިޔާސަތު ތަފާތެވެ. އާބާދީތައް އެއްފަސްކޮށްގެން ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުމެއް ވެސް ގެންގުޅުނެވެ. އެކަމަކު އެކަމަށް ހިނގާ ހަރަދު ރާއްޖެއާ ނުބައްދަލުވުމުން އެ މަޝްރޫއު އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުގެންދެވުނެވެ. އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތު އެއްފަރާތް ކޮށްލައި ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލައިގެން ތަރައްގީ ކުރުމުގެ ވިސްނުމެއް ވެސް ގެންގުޅުނެވެ. އެކަމެއް ވެސް ވާ ގޮތެއް ނުވި އެވެ. މި ހުރިހާ ސިޔާސަތެއް ނާކާމިޔާބުވީ އެކަމަށް ބޭނުންވާ އުމުރާނީ ވަސީލަތްތައް ގާއިމް ކުރުމަށް ރާއްޖޭގައި މާލީ ތަނަވަސްކަމާއި ވަސީލަތްތައް ވެސް ނެތިގެންނެވެ. އެއީ ރާއްޖެ އަށް އެކަނި ހިއްލައިލެވޭނެ ވަރުގެ ބުރައަކަށް ނުވަނީ އެވެ.

އެކަމަށް މި ސަރުކާރުން ގެންގުޅޭ ފޯމިއުލާ އަކީ ހާއްސަ އިގްތިސާދީ ސަރަހައްދުތައް ނޫނީ އެސްއީޒެޑެވެ. އެ މަޝްރޫއުތައް ފެށުމަށް ސަރުކާރުން މި ވަނީ ފޫގަޅާލައިފަ އެވެ. އޭގެ ފުރަތަމަ މަޝްރޫއު، ދުބާއީގެ ޑީޕީ ވޯލްޑް އިން ތިލަފުށީގައި ތަރައްގީ ކުރުމަށް، މިހާރު އޮތީ ނިންމައިފަ އެވެ. މާލޭގެ މައި ވިޔަފާރި ބަނދަރާ އެކު ތިލަފުށީގައި ފްރީ ޑްރޭޑް ޒޯނެއް ގާއިމް ކުރާނެ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ ހާއްސަ އިގްތިސާދީ ސަރަހައްދުތަކަކީ ރާއްޖޭގައި މިއަދު ބޮޑު ބަހުސަކަށް ވިޔަސް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ކާމިޔާބު ކަމާ އެކު ހިންގާ މޮޑެލްއެކެވެ. ބައެއް ފަހަރު ކާމިޔާބެވެ. އަނެއް ބައި ފަހަރު ހިތި ތަޖުރިބާ ވެސް ކުރަން ޖެހިފައި އެބަ ހުއްޓެވެ. ހިތި ތަޖުރިބާ ކުރަން ޖެހުނީ އެ މަޝްރޫއުތައް ރަނގަޅަށް މެނޭޖް ނުކުރެވުމުންނެވެ.

ހާއްސަ އިގްތިސާދީ ސަރަހައްދުތަކަކީ ބޮޑެތި އިނާޔަތްތަކާ އެކު ބޭރުގެ އިންވެސްޓަރުން ރާއްޖެ އައިސް ވިޔަފާރިކުރެވޭ ގޮތަށް ތަރައްގީ ކުރާނެ ސިނާއީ ބޮޑެތި ސަރަހައްދުތަކެކެވެ. ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކުރި އިގްތިސާދީ ހާއްސަ ސަރަހައްދުތަކުގެ ގާނޫނުގައިވާ ގޮތުގައި އޮފްޝޯ ފައިނޭންސާއި ޓެކްނޮލޮޖީ އާއި ޓޫރިޒަމް، ތައުލީމް އަދި ރީއެކްސްޕޯޓް ކުރުމާއި ތަކެތި އުފެއްދުމުގެ ވިޔަފާރިތަކަށް ހާއްސަ ޒޯންތަކެއް އުފެއްދުމުގެ ބާރު ލިބެ އެވެ.

އެސްއީޒެޑްތައް ބަލަހައްޓާ ބޯޑު، "ބޯޑް އޮފް އިންވެސްޓްމަންޓް"ގެ ޗެއާމަން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި، އެސްއީޒެޑްތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ވެސް ދޭނީ އެ ތަންތަނުގައި އުމްރާނީ ތަރައްގީ އަށް ވަރަށް ވަރުގަދައަށް އިންވެސްޓް ކުރާނެ ކުންފުނިތަކަށެވެ. އެގޮތުން އެއާޕޯޓާއި ޕޯޓްތަކާއި މަގުތަކާއި ބްރިޖްތައް ހެދުމަށް އެތައް ބިލިއަން ޑޮލަރެއް ހޭދަކުރަން ތައްޔާރަށް ތިބި ބިލިއަން ޑޮލަރުގެ އިންވެސްޓަރުންނަށް އެ ފުރުސަތު ދެއްވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.

"ބޮޑެތި އިންފްރާސްޓްރަކްޗާތައް ހަދާ ކުންފުނިތަކުން އެ ތަންތަން ހިންގޭނެ ގޮތް ވެސް ހަދާނެ. އެ މީހުން އެ އަންނަނީ ރާއްޖެ އަށް ސަކަރާތް ޖަހާކަށް ނޫން. އެ މީހުންގެ ފަހަތުން އެއަށް ވުރެ ވަރުގަދަ އިންވެސްޓްމަންޓްތައް އަންނާނީ އަޅުގަނޑުމެންގެ އަތުގައި ނެތް ރާއްޖެ ތަރައްގީ ކުރަން މި ބޭނުންވާ އިންފްރާސްޓްރަކްޗާ ހެދޭކަށް. ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް،" އަދީބު ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީ ކުރުމުގެ މޮޑެލްތައް މީގެ ކުރިން ނާކާމިޔާބުވީ، އެކަމަށް ކުރަން ޖެހޭ ހަރަދުތައް އިންތިހާ އަށް ބޮޑުވެ ބަޖެޓްގައި ތަންނެތުމުންނެވެ. ބަޖެޓްގެ ގާތްގަނޑަކަށް 80 ޕަސެންޓް ދަނީ ދައުލަތުގެ އިދާރީ ހަރަދުތަކަށެވެ. ކެޕިޓަލް ހަރަދުތަކަށް ބަޖެޓްގައި އޮންނަނީ މަދު އެތިކޮޅެކެވެ.

ކޮންމެ އަހަރަހެއް ނިމުމާ ހިސާބަށް އަންނަ އިރު ރަށު ކައުންސިލްތަކާއި މަޖިލީހުގެ މެންބަރުންގެ ކިބައިން އަޑުއިވެނީ ރަށުގެ ބަނދަރު ނެތުމާއި ނަރުދަމާ ނުހެދޭ ވާހަކަ އެވެ. އަތޮޅުތަކުގެ ތަރައްގީ އަށް ޕީއެސްއައިޕީގެ ބޮޑެތި މަޝްރޫއުތަކެއް ބަޖެޓްގައި ހުރި ނަމަވެސް އޭގެ ގިނަ މަޝްރޫއުތައް ހުންނަނީ ހާސިލް ނުކުރެވިފަ އެވެ. އެއީ ލިބޭ އާމްދަނީ ދެކޮޅު ނުޖެހި، ބަޖެޓް ޑެފިސިޓްވުމުގެ މައްސަލަ ވެސް ބޮޑު ބޮލުގަ ރިހުމަކަށް ވެފައި ވާތީ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި އެސްއީޒެޑްތަކަކީ އަތޮޅުތަކުގެ ތަރައްގީގެ މުޅިން އާ ނާރެހަކަށް ރާއްޖެ ގެނެސްދޭނެ ކަމެކެވެ. އެސްއީޒެޑްތަކުގެ ބޮޑު ބައެއް އަތޮޅުތަކަށް އަމާޒުވެގެން އަންނަ އިރު، އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި ނިޔުޅިގެން އަންނަ ވިޔަފާރިތައް އެތަކެއް ހާސް ގުނައެއް އިތުރުވެގެން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ. އެ ސަރަހައްދުތަކުގައި އުފެދޭ ބިޔަ މަޝްރޫއުތަކާ އެކު އެ މަޝްރޫއުތަކަށް އެހީތެރިވުމަށް އެތައް ކުދި ވިޔަފާރިތަކެއް އުފެދޭނެ ކަމަށް ސައީދު ދެކެވަޑައިގަންނަވަ އެވެ.

"ސަޕްލައި ދޯނިތަކާއި އެހެން ވެސް އެކި އެކި ހިދުމަތްތައް ދޭ ވިޔަފާރިތަކަށް ބޫސްޓެއް އަންނާނީ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މަރުވުމެއް ނޫން. މިއީ އެފަދަ އެތައް ކާމިޔާބު އާ ވިޔަފާރިތަކެއްގެ ފެށުން. މީގެ ތެރެއިން އަތޮޅުތަކަށް ބޮޑެތި ތަރައްގީތަކެއް އަންނާނީ. އެތަންތަނުގައި ތަރައްގީ އަށް އޮތް ގޮންޖެހުން އިންފްރާސްޓްރަކްޗާ ނެތުމުގެ މައްސަލަ އަށް ހައްލު އަންނާނީ،" ސައީދު ވިދާޅުވި އެވެ.

އެސްއީޒެޑްގެ ގާނޫނުން އިންވެސްޓްމަންޓް ބޯޑަށް ބޮޑެތި ބާރުތަކެއް ލިބެ އެވެ. ޒޯންތައް ކަނޑައެޅުމާއި އެތަންތަނަށް ދޭނެ އިނާޔަތްތައް އެކި މުއްދަތުތަކަށް ދިނުމާއި އުނި އިތުރު ގެނައުމުގެ ބާރު ވެސް ސަރުކާރަށް ލިބެނީ މި ބޯޑްގެ ތެރެއިންނެވެ. އަދީބު ވިދާޅުވި ގޮތުގައި އެއް ދިމާލެއްގައި ޒޯންތަކާ ގުޅޭ ބާރުތައް ހުރުމަކީ އިންވެސްޓަރުން އިތުބާރު ގެނެސްދޭނެ ކަމެކެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެއީ މައްސަލަތައް މަދު އިންވެސްޓްމަންޓް ނިޒާމަކަށް ވާނީ އޭރުންނެވެ. އެ ބޯޑުގައި ރައީސް ހުސް މިނިސްޓަރުން ހިމެނުއްވީ ވެސް ވީހާ ވެސް އަވަހަށް އެސްއީޒެޑާ ގުޅޭ ނިންމުންތައް ނިންމުމުގެ މަގުސަދުގައި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އިންވެސްޓަރު ބޭނުން ވާނީ އޭނާގެ އިންވެސްޓްމަންޓަކާ ގުޅުން ހުރި ކަމެއް އަވަހަށް ނިންމަން. އެ ބޯޑުގައި ކޮންމެ ޕާޓީއަކުން މީހަކު އިނދެގެން ކަންތައްތައް ކުރޭތޯއެއް ނުބަލާނެ. އެ މީހުން ބޭނުން ވާނީ ނިންމުންތައް މައްސަލަތައް މަދު އަވަސްގޮތެއްގައި ނިމެން. އެ ބޯޑު ބޮޑުވެގެން ގޮސް އެންމެ ފަހުން ސިޔާސީ އެއްޗަކަށް ވީމައި އޭގެން އިންވެސްޓަރުންގެ ބާރެއް ނޯންނާނެ. އެކަމަކު މި ގާނޫނުގައި މިހިރަ ބާރުތަކަކީ އިންވެސްޓަރުންނަށް އެ މީހުންގެ އިންވެސްޓްމަންޓްތަކާ މެދު އިތުބާރު ގެނެސްދޭނެ ބާރުތަކެއް،" އަދީބު ވިދާޅުވި އެވެ.

އެ ޒޯންތަކާ ގުޅޭ ކަންކަން ސިޔާސީ ވެގެން ނުދިޔުމަށް ޓަކައި އެ ގާނޫނުގައި ހުރި ބާރުތައް ސަރުކާރަށް މުހިންމު ކަމަށް އަދީބު ވިދާޅުވި އެވެ. މީގެ ކުރިން ރާއްޖެ އައި ބޮޑެތި އިންވެސްޓަރުންނަށް ހުރަސް އެޅީ ސިޔާސީ ގޮތުން، "ކޮރަޕްޝަނާއި"، "ފަސާދައިގެ" ތުހުމަތު އަޅުވައި މަޖިިލީހުގެ ތެރެއިން ކޮންމެވެސް ގޮތަކަށް އެކަމަށް ހުރަަސް އަޅައިގެންނެވެ. އެ ތަޖުރިބާ ދެވަނަ ފަހަރަށް ކުރުމަށް އިންވެސްޓަރުން ރާއްޖޭގެ ކިބައިން ނޭދެ އެވެ.

އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވާ ގޮތުން އެސްއީޒެޑްތަކުން ގައުމަށް ފައިދާ ކުރާނީ ދުރު ވިސްނުންތަކެއް ރޭވިގެންނެވެ. ތަރަައްގީގެ ވަރުގަދަ ޕްލޭނެއް ސަރުކާރުގައި އޮވެގެންނެވެ. އެތަނުގެ ވަޒީީފާތަކަކީ ދިވެހިންނަށް ލިބޭ އޭގެ މަންފާ ހުރިހާ ދިވެހިންނަށް ލިބޭ އެއްޗަކަށް ވެގެން ނޫނީ އެސްއީޒެޑްތަކުން ފޮނިކަން ދިވެހިންނަކަށް ނުލިބޭނެ އެވެ.

"މިއީ ރައްޔިތުންނަށް ނުވަދެވޭ ގޮތަށް ނަރުދާ ޖަހައިފައި ހުންނަތަނެއް ނޫން. ޒޯނޭ ބުނީމާ އެހެން ހީކޮށްގެން މި އުޅެނީ. އެހެނެއް ނޫން އެކަން އޮތީ. އެއީ ރައްޔިތުންގެ ތެރެއިން ތަރައްގީއެއް. އަޅުގަނޑުމެން މިދެނީ އެބޭފުޅުންނަށް ތަރައްގީ ކުރަން. އެތަނުގައި ރައްޔިތުން އުޅެމުން އަންނަ އިރުވެސް އެތަނެއް ތަރައްގީވެގެން ދާނެ،" އަދީބު ވިދާޅުވި އެވެ.

ދެން އޮތީ އެ ޒޯންތަކުން ނިކުމެދާނެ އިޖްތިމާއީ މައްސަލަތަކެވެ. އެއީ ކިތަންމެ ވަރަށް ހިފަހައްޓަން އުޅުނަސް އުނދަގޫކަމަށް ނުވާނެ އެވެ. އަދީބު ވިދާޅުވީ އެސްއީޒެޑަށް އަންނަ ކޮންމެ ވިޔަފާރިއަކީ ވެސް ސާފު ވިޔަފާރިއެއްކަން ކަށަވަރު ކުރާނެ ކަމަށެވެ. އެ ވިޔަފާރިއެއްގެ ސަބަބުން ރާއްޖޭގެ ދީނާއި ސަގާފާތާ ނުގުޅޭ ކަމަކަށް ބޯޑުން އާއެކޭ ނުބުނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޔަގީންކަމާ އެއްގޮތަށް ސަރުކާރަށް އަމަލު ކުރެވޭ ނަމަ އެސްއީޒެޑަކީ ތަރައްގީގެ އާ ނާރެހެކެވެ. އެއީ ކާމިޔާބު މޮޑެލް އެކެވެ.