ރިޝްވަތު ދޭން އުޅުމުގެ ކުށަކީ އެކެއްގެ ފަރާތުން ވެސް ފުރިހަމަވާ ކުށެއް ކަމަށާއި ރިޝްވަތު ދޭން އުޅުމަކީ ކުށަކަށްވާތީ އެ ރައްދުވާ މީހާ ނޭނގުނު ނަމަވެސް އެއީ ސާބިތު ކުރެވޭނެ ކުށެއް ކަމަށް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން މިއަދު ބުނެފި އެވެ.
ދައުލަތުން މިހެން ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއަށް ޖަވާބުދާރީވުމުން ގާސިމްގެ ވަކީލުންގެ ޓީމުން މީގެކުރީ އަޑުއެހުމުގައި ފާހަގަކުރެއްވި ކަންކަމަށް ރައްދު ދެއްވަމުންނެވެ. ގާސިމްގެ ވަކީލުން ވިދާޅުވެފައިވަނީ، ރިޝްވަތު ދޭން އުޅުމުގެ ދައުވާކުރާ ކަމަށްވާނަމަ އެ ރިޝްވަތު ރައްދުވާ މީހެއް ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށެވެ. އަދި، އެއީ ކޮން ބައެއްކަން ދައުވާގައި ވެސް ބުނަން ޖެހޭނެ ކަމަށެވެ.
އެކަމަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ގާސިމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިން ކަމުގެ ދައުވާ ނޫން ކަމަށެވެ. ދޭން އުޅުމުގެ ދައުވާ ކަމަށެވެ. އެހެންކަމުން އެ ކުށް އެކެއްގެ ފަރާތުން ވެސް ފުރިހަމަވާނެ ކަމަށެވެ. އަދި ގާސިމްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ވޯޓާ ދިމާކޮށް ރިޝްވަތު ދެއްވަން އުޅުއްވި ކަމަށް ބުނެފައިވާނެ ކަމަށެވެ. އެ ވޯޓުގައި ބައިވެރިވެވޭނީ ހަމައެކަނި މަޖިލިސް މެންބަރުންނަށް ކަމަށްވާތީ ރިޝްވަތު ދެއްވަން އުޅުނީ މަޖިލިސް މެންބަރުންނަށްކަން ދައުވާއިން ވެސް އެނގޭ ކަމަށެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ، ގާސިމްގެ މައްޗަށް ދައުވާކޮށްފައިވަނީ ހަމައެކަނި ޕާޓީ ޓިކެޓް ދެއްވާނެ ކަމަށް ވިދާޅުވުމުން ނޫން ކަމަށާއި ޓިކެޓް އިތުރުން އެހެން ގޮތްގޮތަށް އެހީތެރިވެދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވާތީ ކަމަށެވެ. ގާސިމް ދެއްކެވި ވާހަކައިން އެ ވޯޓު ވަކި ގޮތަކަށް ދެއްވުމަށް އަންގާ ކަމަށް ދޭހަވާ ކަމަށް ވެސް ވިދާޅުވި އެވެ. ގާސިމް ދެއްކެވި ވާހަކައިން ކުށުގެ ނިޔަތް އެނގޭ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
ގާސިމް ދެއްކެވި ވާހަކަތަކަކީ ތާއިދު ހޯއްދަވަން ދެއްކެވި ވާހަކަތަކެއް ކަމަށް ދިފާއުގައި ބުނި ނަމަވެސް ތާއިދު ހޯއްދެއްވުމަށް ވެސް ގާނޫނާ ހިލާފު ކަމެއް ކޮށްގެން ނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ. ސިޔާސީ ކަންކަމުގައި ވެސް ޖިނާއީ ކުށެއް ކޮށްފިނަމަ ޖިނާއީ ދައުވާ އުފުލޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި އެމަނިކުފާނަށް ދައުވާ ކުރަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން އެމަނިކުފާނު ފާޅު ކުރެއްވި ހިޔާލެއްގެ ސަބަބުން ނޫން ކަމަށާއި ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. ގާސިމް އިބްރާހިމް ވަނީ ޖުމްހޫރީ ޕާޓީގެ މެންބަރުން ނޫން އެހެން މެންބަރުންނަށް ވެސް ރިޝްވަތު ދެއްވުމަށް މަސައްކަތް ކުރައްވާފަ ކަމަށް ވިދާޅުވި އެވެ.
ދައުލަތުގެ ވާހަކަތަކާ ގުޅިގެން ދިފާއުން ވަނީ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން އެހެން ޕާޓީތަކުގެ މެންބަރުންނަށް ގާސިމް ރިޝްވަތު ދެއްވަން އުޅުނުކަން ދައުލަތަށް އެނގެނީ ކިހިނެއްތޯ ގާސިމްގެ ވަކީލް ހިސާން ހުސެއިން އެއްސެވި އެވެ. ހުށަހެޅި ރިޝްވަތަކީ ހުއްދަ ނޫން މަންފާއެއްކަން ބުނެދިނުމަށް ވެސް ހިސާން އެދިލެއްވި އެވެ. އަދި، ގާސިމް ދެއްކެވި ވާހަކަތައް ރިޝްވަތަށް ވަނީ ކިހިނެއްތޯ ވެސް އެއްސެވި އެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ޓިކެޓާއި އިތުރު އެހީތައްވެ ދެއްވާނެ ކަމަށް ގާސިމް ވާހަކަ ދައްކާފައިވުމަކީ ރިޝްވަތު ހުށަހެޅުން ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ. ޕާޓީ ނޫން އެހެން މެންބަރުންނަށް ވެސް އެ ހުށަހެޅުން ހުށަހެޅިކަން އެނގެނީ ގާސިމްގެ ވާހަކައިން ކަމަށެވެ.
އެ ޖަވާބާ ގުޅިގެން ގާސިމްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ، އެހީތެރިވެދިނުމަކީ އިސްލާމް ދީނުގައި ވެސް މަތިވެރި ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށާއި އެހެންކަމުން އެހީތެރިވުން ކުށަކަށް ވަނީ ނުވަތަ އެކަން ގާނޫނާ ހިލާފު ވަނީ ކިހިނެއްތޯ ކަމަށް ވިދާޅުވެ ދައުލަތަށް ސުވާލު އަމާޒުކޮށްފަ އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، އެހީތެރިވާން ވިދާޅުވީ، މަސީހުގެ ވޯޓާ ދިމާކޮށް ކަމަށާއި އެހީވާން ވިދާޅުވީ މަސީހު ބޭރުކޮށްފިނަމަ ކަމަށެވެ.
ނޫރުއްސަލާމްގެ އިތުރު ސުވާލެއް ވެސް ވަނީ އަމާޒުކުރައްވާފަ އެވެ. ގާސިމަށް ދައުވާކުރަނީ ފާޅުކުރި ހިޔާލެއްގެ މައްޗަށް ނޫން ކަމަށާއި ދެއްކެވި ވާހަކަތަކެއް މައްޗަށް ކަމަށްވާނަމަ، މި ދައުވާ ކުރެވިގެން ނުވާނެ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. އެއީ އެ ވާހަކަތަކަކީ ގާސިމް އެއްވެސް ގަސްތަކާ ނުލާ ދެއްކެވި ވާހަކައެއް ކަމަށް ދައުލަތުން އިއުތިރާފު ވަނީ ކަމަށެވެ. އެކަމަށް ދައުލަތުން ސީދާ ޖަވާބެއް ނުދެއްވަ އެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ގާސިމްގެ އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއަށް އެމަނިކުފާނު ވަނީ ޖަވާބުދާރީވެފަ އެވެ. އެގޮތުން އެމަނިކުފާނުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ނުފޫޒު ފޯރުވަން އުޅުން ކުށަކަށް ވަނީ ކިހިނެއްކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ކުށެއް ކުރަން އުޅުން ކުށަކަށްވާ ޝަރުތުތައް ގާނޫނުލް އުގޫބާތުގެ 80 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށާއި އެ ޝަރުތުތައް މި މައްސަލާގައި ފުރިހަމަ ނުވާ ކަމަށް ހިޝާން ވިދާޅުވި އެވެ. އަދި ޝަރުތުތައް ފުރިހަމަވާ ކަމަށް ދައުލަތުން ގަބޫލުކުރާނަމަ އެކަންކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ގާސިމްގެ ވަކީލް ނޫރުއްސަލާމް ވިދާޅުވީ، ބައެއް ކުށްތައް ކުރަން އުޅުން ކުށަކަށް ނުވާނެ ކަމަށެވެ. އެގޮތުން ރޯދަ މަހު ރޯދަ ދޫކޮށްލާނެ ކަމަށް ބުނުމަކީ ކުށެއް ނޫން ކަމަށާއި ނަމަވެސް ރޯދަ ދޫކޮށްލުމުން އެ ކުށަކަށް ވާނެ ކަމަށެވެ. މިސްރުގެ ބޭފުޅެއްގެ ތަރުޖަމާއަކާ ހަވާލާދީ ނޫރުއްސަލާމް ވަނީ ރިޝްވަތު ދޭން އުޅުމަކީ ކުށަކަށް ނުވާނެ ކަމަށް އެ ތަރުޖަމާގައި ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ހަމައެހެންމެ ނުފޫޒު ފޯރުވަން އުޅުން އެ ކުށަކަށް ވަނީ ކިހިނެއްތޯ ދައުލަތާ ސުވާލުކުރައްވާފަ އެވެ.
ނޫރުއްސަލާމް ވިދާޅުވީ، ނުފޫޒު ފޯރުވަން އުޅުނު ކަމަށް ތަސައްރަވް ނުކުރެވޭނެ ކަމަށެވެ. އެކަމުގެ މާއްދީ ރުކުން ތަސައްރަވް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ ކުށަކަށް ނުވާނެ ކަމަށެވެ. އަދި މީހަކު ދައްކާ ވާހަކައެއްގެ ބައެއް ވަކި ގޮތަކަށް މަނާކޮށް އެއާ ގުޅުން ހުރި އެހެން ހެއްކެއް ނެތި ދައުވާ ނުކުރެވޭނެ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ނުފޫޒެއް ފޯރުވުމަށް ގާސިމް މުއާސަތާލެއް ކުރައްވާފައިވާ ކަމަށް ދައުލަތުން ބުނާނަމަ އެ މުއާސަލާތެއް ހިނގި ގޮތް ދައުލަތުން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި، އެ މުއާސަލާތެއް ހިނގީ ކޮން މުވައްޒަފަކާއެކު ކަމާއި ވަސީލަތެއް ބޭނުންކޮށްގެންކަން ވެސް ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ގާސިމް ދެއްކެވި ވާހަކަތަކުގެ އޯޑިއޯ އަދި ވީޑިއޯ އެނާލިސިސް ރިޕޯޓް ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އަދި އެ ދެ ރިޕޯޓް ތައްޔާރުކުރި ދެ މީހުން ކޯޓަށް ހާޒިރުކޮށް ހެކިބަސް ނެގުމަށް ވެސް އެދިފަ އެވެ. ގާސިމްގެ ފަރާތުން ވަނީ މަޖިލީހުގައި ހިންގާ ކަންކަމަށް ތާއިދު ހޯދުމަކީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ހުއްދަ ކަމެއްކަން ސާބިތުކުރުމަށް ލިޔުންތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ގާނޫނެއް ވެސް ހިމެނެ އެވެ.
އޭގެއިތުރުން އެކިއެކި ސިޔާސީ ބޭފުޅުން ދައްކާފައިވާ ވާހަކަތަކާއި މަސީހުގެ ވޯޓު ކާމިޔާބުކުރުމަށް ތާއިދު ހޯދަން ޕީޕީއެމްގެ އިސް ބޭފުޅުން ދައްކަވާފައިވާ ވާހަކަތައް ހިމެނޭ ސީޑީއެއް ވެސް ވަނީ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފަ އެވެ. ހޮވިއްޖެނަމަ ރައްޔިތުންނަށް އެކިއެކި ކަންކަން ކޮށްދެއްވާނެ ކަމަށް ބުނުމަކީ ސިޔާސީ މައިދާނުގައި އާންމު ކަމެއްކަން ސާބިތުކުރުމަށް ޕީޕީއެމްގެ މެނިފެސްޓޯ ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމްޑީޕީއިން އިގުރާރުވެފައިވާ އެއްބަސްވުން ވެސް ވަނީ ހުށަހަޅާފަ އެވެ. ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށާއި އިންތިހާބުތަކުގައި ވެސް އެކުގައި މަސައްކަތް ކުރަން ނިންމާފައިވާކަން ސާބިތުކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ކޮމެޓީގެ ޔައުމިއްޔާ ވަނީ ހުށަހަޅާފަ އެވެ. އަދި މަސީހުގެ ވޯޓު ވަކި ގޮތަކަށް ދިނުމަށް ޖުމްހޫރީ ޕާޓީން ނިންމާފައިވާކަން ސާބިތުކުރުމަށް އެ ޕާޓީގެ ހިންގާ ކޮމެޓީގެ ޔައުމިއްޔާއެއް ވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.
މި މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއަށް ޖަވާބުދާރީވަމުން ދިފާއުން ފާހަގަކުރި ނުކުތާތަކަށް ދައުލަތުން ރައްދު ދިނުމެވެ. އަދި ގާސިމްގެ މައްޗަށް އުފުލާފައިވާ ތިންވަނަ ދައުވާ ކަމަށްވާ ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމުގެ ދައުވާއަށް އެމަނިކުފާނު ޖަވާބުދާރީވުމެވެ.