ފިނިޕޭޖް

މިވަރުގެ ކޯޗެއް ލިބޭނެތަ؟

ސުމަކުން ފެށި ބައިވެރިންނަށް މިޔުޒިކްގެ އެންމެ ފުނަށް ވާސިލުވެވި ތަޖުރިބާކާރުންނަށްވުމުގެ ފަހަތުގައިހުރީ އެވަރުގެ ދެވަނައެއް ނެތް ކޯޗެއްކަން ޔަގީނެވެ. މޯލްޑިވިއަން އައިޑޮލްގެ ބައިވެރިންގެ ހުނަރު ނެރުމުގެ މަސައްކަތުގައި މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއްގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދަނީ ރީތި ގިނަ އަމިއްލަ ދިވެހި ލަވަތަކެއް ގެނެސްދީފައިވާ މޮޅު ލަވަކިޔުންތެރިޔާ ސަމީއު އެވެ.

"އެވަރުގެ ކޯޗެއް ހަމަ ނުލިބޭނެ،" ކޯޗާ ގުޅޭ ގޮތުން އައިޑޮލްގެ ކޮންމެ ބައިވެރިޔަކާ ސުވާލުކޮށްލިޔަސް ލިބޭ ޖަވާބަކީ މިއީ އެވެ.

ތޮއްޕެއް އަޅައިގެން ސަމީއު އެކުރާ މަސައްކަތަށް ކޮންމެ ބައިވެރިއަކު ވެސް ތައުރީފު އޮއްސަ އެވެ. ޝުކުރުގެ ލިސްޓްގެ އެންމެ ކުރީގައި ވެސް އޮންނަނީ އެ ނަމެވެ. އެހެންކަމުން ސަމީއުގެ ވާހަކަ އަޑުއަހާލުމަކީ މިވަގުތަށް އެންމެ މުނާސަބު ކަމަށް ވާނެ އެވެ.

އައިޑޮލް ސީޒަން ދެއެއްގެ ފުރަތަމަ ކޯޗުގެ ބަދަލުގައި ސަމީއުއަށް ކޯޗުކަން ލިބިގެން ދިޔައީ އެކަމަށް ހުށަހެޅި ޕްރޮޕޯސަލްތަކުން އެންމެ ކުރި ސަމީއުއަށް ލިބިގެންނެވެ. އައިޑޮލްގެ ދަތުރު ސަމީއު ފެށީ އެ ދަތުރުގެ މަންޒިލާއި ކަޑަތުކުރަންޖެހޭ ކަނޑުގެ ފުންމިން އެއްވެސް ވަރަކަށް ނޭނގި ހުރެ އެވެ.

ސަމީއު އެންމެ ފުރަތަމަ ވެސް ބެލީ އެ ދަތުރުގެ ބައިވެރިންނަށް ލަވަ ކިޔުމުގައި ކިހާ ހުނަރެއް ލިބިފައިވޭތޯ އެވެ. އަދި ބައިވެރިންނާ އެންމެ ގުޅޭ ޓްރެއިނިން ދިނުމަށް ސަމީއު އަވަސްވެ ގަތެވެ.

"ޖޮއިން ކުރިއިރު ނޭނގޭ ވާނުވާއެއް، ކިހިނެއްބާއޭ މީތި އިންނާނީ ހިތަށް އެރި، ޖޮއިންކޮށްފަ އެންމެ ފުރަތަމަ ވެސް ބެލީ ބައިވެރިން ވޯކަލީ އެއްވެސް އެއްޗެއް ދަސްކޮށްފަ ހުރިތޯ، ކޮންމެ ގޮތެއް ވިޔަސް މުބާރާތަކަށް ތައްޔާރުވާން ފަސް ހަތަރު މަސް ލިބިފަ އިންނައިރު ހުސް އެކަނި ލަވައެއް ނޫން ކިޔަން ޖެހޭނީ، އެމީހުންނަށް ލަވަ ކިޔުމުގެ ހުނަރުތަކެއް، އެއްވެސް އެއްޗެއް ދަސްވެފަ ހުރިތޯ ބަލަންޖެހޭ، އެގޮތަށް ބަލާލިއިރު މާބޮޑު އެއްޗެއް އެމީހުންނަށް ނޭނގުނު،" އަވަސްއަށް ދިން އިންޓަވިއުއެއްގައި ސަމީއު ބުންޏެވެ.

"އެ ކުދިންނަކީ އެހާ ބައިވަރު ލަވަ ކިޔާ ކުދިންނެއް ނޫން، އެހެންވީމަ މި މީހުންނަށް ދޭން ޖެހޭނީ ތަންކޮޅެއް ބޭސިކްކޮށް ޓްރެއިނިން، އެހެންވީމަ އެކަހަލަ ގޮތަކަށް ރާވާފަ އަމިއްލައަށް އަހަރެން ވޯކަލް ޕްރޮގްރާމް ތައްޔާރުކުރީ،" ސަމީއު ބުންޏެވެ. "އަހަރެން އެންމެ ބޮޑު ސަމާލު ކަމެއް ދިނީ ބްރީތިންއަށް، އެމީހުން އެންމެ ފުރަތަމަ ވަރަށް ނޭވާކުރު، ލަވައެއް ނުކިޔޭނެ ނޭވާ ކުރުވެގެނެއް، އެ މަސައްކަތް ވަރަށް ބޮޑަށް ކޮށްދީގެން ވަރަށް ގިނަ ކުދިން ހުންނާނެ އިންޕްރޫވްވެފަ،"

ސަމީއު ބުނީ، މޮޅެތި މީހުންނަށްވާން ބައިވެރިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އައިޑޮލްގެ ބޭނުމަކީ ވެސް އެކަހަލަ މޮޅެތި ކުދިންތަކެއް ތަމްރީނުކުރުން ކަމަށާއި އޭގެ ބޭނުން ބައިވެރިން ވަރަަށް ފުރިހަމައަށް ހިފި ކަމަށް ސަމީއު ބުންޏެވެ.

"16 ކުދިން ވެސް ނެގިދާނެ ލަވަ ކިޔެއޭ ކިޔާފަ، އެކަމަކު އޭގެ ތެރޭގަ ތިބޭނެ ލަވަ ކިޔޭނެ ލަވަ ކިޔުމުގެ ހުނަރުހުރި ކުދިން، މީގަ އެންމެ ރަނގަޅު އެޑްވާންޓޭޖް ނެގި ކުދިން ގަދަ ފަހަކަށް ވެސް ދިޔައީ އަދި ގަދަ ތިނަކަށް ވެސް ގޮސް އެ ތިބީ، އެއީ މީގަ ޗެލެންޖަކީ، އެމީހުން ވަަރަށް މަސައްކަތް ކުރި، ހެނދުނު ވެސް ހަމަ ބްރީތިން ހަދާ، އެމީހުންނަށް ދީފަ ހުރި އެކްސަސައިޒްތައް ހަދާ، ވަރަށް ބޮޑުވަރު އެމީހުން ކޮށްފި، ވޯކަލް ޗެލެންޖަކަށް ނިކުންނައިރު އެމީހުންނަށް ވަރަށް ދަސްވެފަ ހުންނާނީ،"

އައިޑޮލްގެ ދަތުރުގައި ސަމީއުއަށް ދިމާވި އެންމެ ބޮޑު އުދަނގު ކަނޑަކީ ބައެއް ބައިވެރިން ވޯކަލް ޓްރެއިނިން މުހިންމު ނޫން ކަމަށް ދެކުމެވެ. އޭނާގެ ބަސް ގަބޫލު ނުކުރާ ބައިވެރިންނާ ބައްދަލުވުމެވެ. ސަމީއު ބުނީ، ކުރި އަރައިގެން ދިޔައީ ވޯކަލް ޓްރެއިނިންގެ ބޭނުން އެންމެ ރަނގަޅަށް ހިފި ބައިވެރިން ކަމަށެވެ.

"ބައެއް ކުދިން އުޅޭނެ ގަބޫލު ނުކުރާ، ވޯކަލް ހަދަން ޖެހޭނެކަން، ވޯކަލް ހެދުމުގެ މުހިންމުކަން ގަބޫލު ނުކުރާ، އަހަންނަށް އެނގޭނެ އެމީހުން ވެސް، އެކަހަލ ކުދިންތަކެއް ދިމާވި، އެމީހުން އިންޕްރޫވްވެސްވި، އެކަމަކު އެމީހުންގެ ފަރާތުން ހަމަ ފެނުނީ ސަކަރާތްކޮށް، އެމީހުން ބުނާ ބަސް ގަބޫލު ނުކުރި،" ސަމީއު ބުންޏެވެ.

ސަމީއު ބުނީ ވޯކަލް ކޯޗް ކޮށްދިނުމަކީ ވަރަށް ބުރަ ވަރަށް ތަފާތު ކަމެއް ކަމަށެވެ. ވޯކަލް ޓްރެއިނިންއަކީ އައިޑޮލްއަށް މުހިންމު އެއްޗެއް ނޫން ކަމަށް ބަޔެއް ރައްޓެހިން ވެސް ބުނި ކަމަށާއި ނަމަވެސް އޭނާ ދެކޭ ގޮތުގައި މޮޅެތި ބައިވެރިން އަތުޖެއްސުމަށް އެ ޓްރެއިނިންއަކީ ކޮންމެހެން ވެސް ބޭނުން ޓްރެއިނިންއެއް ކަމަށެވެ.

"ބައެއް ރައްޓެހިން ވެސް ބުނޭ އަސްލު ތި އައިޑޮލްއަކީ ވޯކަލް ކޯޗްކަން ކޮށްދޭން ޖެހޭ އެއްޗެއް ނޫނޭ، ތި ބާތްރޫމް ލަވަކިޔުންތެރިންނަށް ހަދާފަ އިންނަ އެއްޗެކޭ، މިތާ ނެތް ވޯކަލް ކޯޗެއް ވޯކަލް ކްލާހެއް ވެސް، އެހެންވީމަ އަހަރެމެން ޖެހޭނީ އަތު ޖެހޭ ކުދިން ތަމްރީނުކުރަން، ޓްރެއިން ކޮށްދޭން، އޭރަށް މޮޅެތި ކުދިންނަށް ވާނީ،" ސަމީއު ބުންޏެވެ.

މަޖީދިއްޔާގެ ގްރޭޑް ފަހެއްގައި އުޅެމުން މިޔުޒިކްގެ ދާއިރާއަށް ނިކުތް ސަމީއު އައިޑޮލްގެ ކުރިން ވަނީ ކޮންމެވެސް ވަރަކަށް ސަޕޯޓަރުންނަށް ގެއްލިފަ އެވެ. އުމުރުން 16 އަހަރުގައި ބޭންޑެއް ހަދައި ކޮމާޝިއަލީ ލަވަ ކިޔަން ފެށި ސަމީއުގެ ލަވަތައް އަޑުއިވުން މަޑު ޖެހިފައިވީ ނަމަވެސް މި އިންޓަވިއު ސަމީއު ވަނީ އުފާވެރި ހަބަރެއް ދީފަ އެވެ.

"ދެން މި ވިސްނަނީ ރޯދަ މަސް ނިންމާލާފަ އަނެއްކާވެސް ބޭންޑެއް ހަދަން، އަމިއްލަ ލަވަތައް ހަދާނަން، އަހަރެންނާ ބައިވެރިވަނީ ވެސް އެކަމަށް ޝައުގުހުރި މީހުން،" އުމުރުން 45 އަހަރުގެ ސަމީއު ބުންޏެވެ.

އަކަސަކަ ބޭންޑްގައި ވެސް ގިނަ އަހަރުތަކެއް މަސައްކަތްކުރި ސަމީއުގެ ގިނަ ލަވަތަކަކީ ކުޑަކުދިންނަށް ހާއްސަ ލަވަތަކެވެ. މިހާރު ވެސް ކުޑަކުދިންގެ ޕާޓީތަކުގައި ސަމީއުގެ ލަވަތައް އަޑުއިވޭއިރު ކުރިއަށް އޮތްތާ ވެސް އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށް ސަމީއު ބުންޏެވެ. ސަމީއު ބުނި ގޮތުގައި ސަޕޯޓަރުންގެ ލޮލަށް އޭނާ ގެއްލުނީ އޭނާ ކުރި ކަމަކުން ނޫނެވެ. ރާއްޖޭގެ ހާލަތަށް އައި ބަދަލަކުންނެވެ.

"އަހަރެން ނުފެނީއެއް ނޫން، މިޔުޒިކް ދާއިރާއަށް އައި ބަދަލެއް، އެއީ ކުރީގަ ވިއްޔާ އެންޓަޓައިމެންޓްގެ ކަންކަން ޓީވީއެމްއިން ވެސް ވަރަށް ކުރި އަރުވާ، އެކަހަލަ ބައިވަރު ކަންކަން ކުރޭ، މިހާރު ހުރިހާ ޗެނަލެއް ވެސް ޕޮލިޓިކްސްއަށް އިސްކަންދީފަ އޮތީ، އެންޓަޓައިމެންޓްގެ ބައި ދަށްވީ، އެހެންވީމަ މަ ނުފެންނާނުން؟ މަ ކުރި ކަމެއް ނޫން އެއީ، އައި ބަދަލެއް އެއީ،" ސަމީއު ބުންޏެވެ.

ސަމީއު ބުނީ، އައިޑޮލް ފަދަ އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި މަސައްކަތް ކޮށްލަން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އައިޑޮލްގެ މުޅި ޓީމުން އޭނާއަށް ކުރި އިހްތިރާމާއި ބެހެއްޓި ގާތްކަމުން ވަރަށް ބޮޑަށް އުފާވެފައިހުރިކަން އޭނާ ފާހަގަކުރި އެވެ.

"އައިޑޮލް ފަދަ އިންޓަނޭޝަލް އެއްޗެއްގަ ވޯކް ކޮށްލަން ލިބުމަކީ އުފަލެއް، އެ ހިތްހަމަ ޖެހުމަށް މި މަސައްކަތް ކުރީ ވެސް، އެއްވެސް އެކްސްޕީރިއެންސެއް ނެތް ބަޔަކަށް ލަވަ ކިޔަން ދަސްކޮށްދީ އޭގެ ތެރެއިން ބަޔަކު ހޯދުމުން އުފާވޭ، އެއީ ވަރަށް ބޮޑު އުފަލެއް، އެންމެ ހިތްހަމަ ޖެހޭ ކަމަކަށްވީ ޓީމުގެ އޮގައިޒޭޝަން، މިވަރުގެ ބޮޑު އެއްޗެއްގެ އެބައި ހަމަ ވަރަށް ރަނގަޅު، އެއަށް ހަމަ އަހަރެން ދޭނީ 100، އެއީ ހަމަ ވަރަށް ސަޅި ކަމެއް، ވަރަށް އިހްތިރާމްކޮށް ވަރަށް ރަނގަޅަށް އަޅުގަނޑާ ދެތޭރޭ ވެސް ކަންތައް ކުރީ، އެހެންވީމަ މުޅި ޓީމަށް ޝުކުރު ދަންނަވާލަން ބޭނުން،" ސަމީއު ބުންޏެވެ.