މުހައްމަދު ތަސްނީމް ނުވަތަ ބޮބްއޭ ބުނެފިޔާ މިހާރު އެއީ މަގުބޫލް ލަވަ ކިޔުންތެރިއެއްކަން ރާއްޖޭގެ އެންމެންނަށް ވެސް އެނގޭނެ އެވެ. ބޮބްގެ ވާހަކަ ނުދައްކާ އަތޮޅެއް ރަށެއް މިހާރު ނެތެވެ. އެންމެންހެން ބޮބް ފަހަތުން ދުވާއިރު އޭނާއަކީ އެއް އިރެއްގައި ގަންނަ ލަދެއްގެ ބޮޑު ކަމުން ގޭގައި ވެސް ލަވައެއް ކިޔާލަން ނުކުރެވޭ މީހެކެވެ.
"ކުރިން ވަރަށް ލަދު ގަނޭ ގޭތެރޭގައި ލަވަ ކިޔަވަން ވެސް، އެންމެން ލަވަ ކިޔާއިރު ވެސް އަހަރެން ހުންނަނީ ނުކިޔާ ކަމަށް ހަދައިގެން،" ބޮބް ބުންޏެވެ.
ލަވަ ކިޔުމުގެ ތެރެއަށް ބޮބަށް ވަދެވުނީވެސް އޭނާގެ އާއިލާގެ ސަބަބުންނެވެ. ބޭންޑެއްގައި މަސައްކަތްކޮށް ނަން މަޝްހޫރުވެފައިވާ އާޓިސްޓެއް އެ އާއިލާގައި ނެތެސް މުޅިން ވެސް އާއިލާގައި ތިބީ ލަވަ ކިޔައި، އެކަމަށް ލޯބިކުރާ މީހުންނެވެ. އޭގެ ތެރޭގައި ބޮބްގެ މަންމަ ވެސް ހިމެނެ އެވެ.
"އަސްލު ލަވައަށް ޝައުގުވެރިކަން އުފެދުނީ ފެމިލީގެ ސަބަބުން، މަންމަ ވެސް ކުރިން ވަރަށް ލަވަ ކިޔާ ހަދާނެ، އަނެއްހެން ގޭ މީހަކު ބޭންޑަކަށް ޖޮއިންކޮށްގެން ލަވަ ކިޔައެއް ނުހަދާ، އެކަމަކު ގޭތެރޭގަ ވަރަށް ލަވަ ކިޔާ ނަގާނެ، އަޅުގަނޑު މި އެންމެ ކުޑަ މީހާ، ދެން ބޮޑުވެގެން އައިއިރު ގޭތެރެއިން އަބަދުވެސް އިވޭނެ ކޮންމެ ވެސް ކަހަލަ ލަވައެއް، އިވޭތީ އޭތި އިންނަނީ ޑެއިލީ ރޫޓިން އެއްޗަކަށްވެފަ،" ބޮބް ބުންޏެވެ.
ގޭ އެންމެން ލަވަ ކިޔާއިރު ވެސް ލަދާހުރެ ލަވަ ނުކިޔާ ހުރި ބޮބްއަށް މި ދާއިރާގެ ތެރެއަށް ވަނުމަށް އެންމެ ފުރަތަމަ ހުޅުވުނު ދޮރަކީ މަދަހަ މުބާރާތެކެވެ. އެ މުބާރާތުގައި ބައިވެރިވެ، މީހުންގެ ކުރިމައްޗަށް ނިކުމެ އޭނާ ވަނީ މަދަހަ ހުށަހަޅައިދީފަ އެވެ. ލަދު އެއް ކައިރިކޮށްފަ އެވެ. އޭގެފަހުން ލަވަ ކިޔުމުގައި ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށް އެރީ އެވެ.
ހަރުފަތްތައް ގިރާކުރަމުން ދަނިކޮށް ބޮބްއަށް ފުރުސަތު ލިބުނީ ބޭންޑެއްގައި މަސައްކަތް ކުރާށެވެ. މާފުށީގެ އެ ބޭންޑަކީ ބޮބްގެ ވަރަށް ގާތް ބަޔަކު އުޅޭ ހިންގާ ބޭންޑެކެވެ. ބޭންޑްގެ ލީޑް ވޯކަލިސްޓްގެ ގޮތުގައި ބޮބް އުޅޭތާ މިހާރު އަހަރެއް ވަނީ އެވެ.
"ބޭންޑްގައި ތިބޭނީ ވަރަށް ގާތް ބައެއް، ކުޑަ އީދެއްގަ މި މީހުން ބޭނުންވީ ބޮބް ފީޗާކޮށްލަން، އެ ބުރު ދެން ޕާފޯމްކޮށްފަ ދެން އެމީހުން ގުޅަން ފަށައިފި. ދެން ބޭންޑްގެ ވޯކަލިސްޓަށްވީ،" ބޮބް ބުންޏެވެ.
ބޮބް ބުނި ގޮތުގައި އޭނާ މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވާން ނިންމީ ވެސް ބޭންޑަށްޓަކަ އެވެ. ބޭންޑަށް އިތުރު ފުރުސަތުތަކެއް ހޯދައިދީ، މިޔުޒިކް ކެރިއާއެއްގެ ގޮތުގައި ފުޅާކުރުމަށް ބޭނުންވާތީ އެވެ.
"އަޅުގަނޑުމެންގެ ބޭންޑަށް ލެކްވާ އެއްޗަކީ އެކްސްޕޯޝާ، އެ ލިބިގެން އޮތީ ރިސޯޓްތައް ވެސް ބޮޑަށް ފުޅާކުރެވެން، ދެން އޭރު އަސްލު މީތި ބޮޑަށް ކެރިއާއެއްގެ ގޮތުގައި ޑިވެލޮޕް ކުރެވޭނީ، އައިޑޮލްއަކީ އެކްސްޕޯޝާއަށް ލިބޭނެ އެންމެ ބޮޑު ބޫސްޓް މި ރާއްޖޭގަ،"
ބޭންޑަށް އެހާ ބޮޑު އެކްސްޕޯޝާއެއް ބޭނުންވެފައިހުރި ބޮބް މިދިޔަ އަހަރުގެ ސީޒަންގައި ވާދަނުކުރީ ކީއްވެތޯ ސުވާލު އުފެދެ އެވެ. އެކަމަށް އޭނާގެ އޮތީ ދެ ސަބަބެކެވެ.
"މިދިޔަ އަހަރު އުޅުނީ ޖޮބްގަ، ޖޮބުން ނެތް ލީވް ނެގޭކަށް، ދެން އޭގެ އިތުރަށް އަހުމަދު ނަޒީހް (ނަޒިއްކޮ) މިދިޔަ އަހަރު ބައިވެރިވި، ނަޒިއްކޮއަކީ އަޅުގަނޑުގެ އެއް އަތް ކަހަލަ މީހެއް،" ބޮބް ބުންޏެވެ.
އައިޑޮލްއަށް ބޮޑެތި އުއްމީދުތަކާއެކު ބޮބް އައި ނަމަވެސް ގަދަ 10 އަކަށްވުރެ މައްޗަށް ގޮސްދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. ގަދަ 10 އަކަށް ހޮވުންވީ އޭނާއަށް ލިބުނު އެންމެ ބޮޑު އުފަލަށެވެ. އަދި ހާސިލު ކުރަން ބޭނުންވާ މިންވަރު ހާސިލު ކުރެވުނު ކަމުގެ އިހުސާސް ވެސް ކުރެވުނެވެ.
"ބައިވެރިވާން އެދުނުޓީމްގެ މީހުން ބުނި ޓޮޕް ތްރީއަށް ވެސް ދެވޭނެއޭ، މީތި ނެގޭނެއޭ ވެސް، އެކަމަކު އަޅުގަނޑު އުއްމީދު ނުކުރަން ޓޮޕް 10 އަށް ލައްވާލާނެއޭ ވެސް، ޓޮޕް 10 އަށް ލައްވާލި ދުވަހު ވެސް ހުރީ ވަރަށް އުފަލުން، މިތާ މީހުން ކައިރީ ވެސް ބުނީ އަންނަން ބޭނުންވި ހިސާބަށް އާދެވުނީއޭ، ދެން ޓޮޕް ތްރީއަށް މިއަދު މިހުރީ އާދެވިފަ، ވަރަށް ވަރަށް އުފާވޭ،"
ބޮބް ބުނީ އައިޑޮލްއަކީ އޭނާއަށް ވަރަށް ގިނަ އެއްޗެހިތަކެއް ދަސްވެ، ވަރަށް ތަފާތު ތަޖުރިބާއެއް ކުރެވުނު ދަތުރެއް ކަމަށެވެ. އެކި މިޒާޖުގެ އެކި މީހުންނާއެކު އުޅެން ދަސްވެ، ރިވެތި އަހުލާގު ވަރަށް ބޮޑަށް ދަސްވި ކަމަށް ބޮބް ބުންޏެވެ. އަދި ޕީއެސްއެމްގެ ޓީމާއި އައިޑޮލްގެ ޓީމުން ވެސް ވަރަށް ގިނަ އެއްޗެހިތަކެއް ދަސްވި ކަމަށް ބުންޏެވެ.
"ވަރަށް ބައިވަރު އެއްޗެހި ދަސްވި، މިސާލަކަށް ބޮޑުބެއަކީ ވަރަށް އުނދަގޫ ބޮޑު މީހެއް ކަމާއި ހަމޫދަކީ އޯވާ ވެއްޖެޔާ އަތު ނުޖެހޭ މީހެއް ކަމާއި ޝަމްވީލްއަކީ ފިސާރި ކަމުނުދާ މީހެއް ކަމާއި .. ހަ ހަ ހަ، އެކަހަލަ ވަރަށް ތަފާތު މިޒާޖުގެ މީހުންނާ ދިމާވި، ދެން ބޮޑަށް ދަސްވީ އެ އެންމެންނާއެކު ވެސް ގުޅިގެން އުޅެން، އޭގެ އިތުރަށް ދީނީ ކަންކަމަށް އިތުރަށް ފަރުވާތެރިވާން ދަސްވި، ފަސް ނަމާދަށް ވަރަށް ބޮޑަށް އިސްކަމެއް ދެވުނު، އަހްލާގީ ބަސް މޮށުންތެރިކަން ގެންގުޅެންޖެހޭ ގޮތްތައް ދަސްވި، ކުރިން ވެސް އެނގޭ އެކަމަކު އިތުރަށް ފުޅާވި،" ބޮބް ބުންޏެވެ. "މި ހުރިހާ ކުދިންނާއެކު އުޅެ އަޅުގަނޑަށް ވެސް ވަރަށް ބޮޑު އެއްޗެހިތަކެއް ދަސްވެގެން މިދިޔައީ، ދެން ސަމީއު ސޯ، ޕީއެސްއެމްއިން މި ދެއްވި އެހީތެރިކަމާއި ދެން ބޭންޑް، ބޭންޑަކީ 150 ގެ ބޭންޑެއް، އެ ހުރިހާ ބޭފުޅުން ކައިރިވެސް އެއްޗެހި ދަސްވި، އަދި ކުރިއަށް އޮތީ ވެސް ދަސްކުރުން،"
އައިޑޮލްގެ ގަދަ ތިނަކަށް ބޮބްއަށް އާދެވިފައިވާއިރު އައިޑޮލް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ނެތް ނަމަވެސް އެކަމަށް އުއްމީދު ކުރެވޭ ކަމަށް ބޮބް ބުންޏެވެ. އަދި އޭނާގެ ޓީމަށް ފުރިހަމައަށް އިތުބާރު ކުރާ ކަމަށް ވެސް ބުންޏެވެ.
"އަނެއްހެން ޔަގީން ކަމެއް ނެތް، އޮންނަ އެއްޗަކީ އިތުބާރު، އެއީ ޓީމަށް ކުރާ އިތުބާރު، އަޅުގަނޑުގެ 50 ޕަސެންޓް އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ދެއްކެން އޮތް ވަރަށް ދައްކާނަން، ދެން އޮންނާނީ ހަމަ ޓީމު، ޓީމާމެދު ނެތް އެއްވެސް ޝައްކެއް، އެހެންވީމަ މި އުއްމީދުކުރަނީ ރަނގަޅު އެއްޗެއް ވާނެ ކަމަށް،"
އައިޑޮލް ކާމިޔާބުވިޔަސް އަދި ނުވިޔަސް ބޮބްގެ ވިދުން ދެން ފަނޑެއް ނުވާނެ އެވެ. ކުޑައިރުންސުރެ ކުރިއަށް ދާން ބޭނުންވާ ދާއިރާގައި އަލިގަދަ ތަރިއެއް ފަދައިން ފިޔަ ޖަހަން އޭނާ ހުރީ އަތުކުރި އޮޅާލައިގެންނެވެ.
"ލަވަ ވެސް ނެރޭނަން، ބޮޑަށް ވިސްނާނީ ރިސޯޓް މިޔުޒިކަށް ނިކުތުމަށް، ހަމަ ވީކްލީ ކޮންޓްރެކްޓް ހަދައިގެން އެކަހަލަ ގޮތަކަށް ގިގްތަކަށް ގޮސް،" ބޮބް އޭނާގެ ކުރިމަގު ޕްލޭންތައް ހިއްސާކޮށްލި އެވެ.
ބޮބްއަށް މިހާ ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު އޭނާގެ ޝުކުރު ލިސްޓް ވެސް ފުދޭ ވަރަކަށް ދިގެވެ.
"ޝުކުރު ލިސްޓް ފަށާނީ ވެސް މާފުށީ ރައްޔިތުންނުން، މާފުށީ ރައްޔިތުން! އައި ލަވް ޔޫ ގާއީސް! ދެން އޭގެ އިތުރުން ފާހަގަކޮށްލަން ބޭނުން ގަނީ ސޯ، ނާސިރު ސޯ، އެންމެ ހާއްސަކޮށް މަންމަ، މަންމަ އެ ދެއްވާ ހިތްވަރާ ނުލާ މިތާ ނުހުންނާނެ، އައި ލަވް ޔޫ މަންމާ! ދެން އޭގެ އިތުރަށް އަޅުގަނޑަށް އެންމެ ސަޕޯޓްކުރައްވާ އަޅުގަނޑުގެ ޓީމް، އެމީހުންނާމެދު ނީންނާނޭ އެއްވެސް ޝައްކެއް، ގޯ ޓީމް! ދެން އަޅުގަނޑަށް ސަޕޯޓް ކުރައްވާ ހުރިހާ ރައްޔިތުންނަށް ވަރަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްލަން، ތިއީ އަޅުގަނޑުގެ އަޑަކީ، ތިބޭފުޅުން ތިހެން ތިބިއްޔާ އަޅުގަނޑު އިރާދަކުރެއްވިއްޔާ ދާނީ ކުރިއަށް،" ބޮބް ބުންޏެވެ.