ހަބަރު

އެޗްއާރްސީއެމްގެ ނައިބު ރައީސް ޝިފާގު އިސްތިއުފާ ދެއްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުން އެ ކޮމިޝަންގެ ނައިބު ރައީސް ޝިފާގު މުފީދު (ހިސްޓޯ) އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އިސްތިއުނާ ދެއްވީ މިއަދު އެވެ.

ޝިފާގު މިއަދު އަވަސްއަށް ވިދާޅުވީ، ކޮމިޝަނުގެ މެންބަރުކަމުން މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

ޝިފާގު މިއަދު އިސްތިއުފާ ދެއްވާފައިވާއިރު މީގެކުރިން ކޮމިޝަނުގެ އެހެން މެންބަރުންނާ ވަރަށް ބޮޑަށް ވަނީ ހިޔާލު ތަފާތުވެފަ އެވެ. އަދި ކޮމިޝަންގެ ބައެއް ނިންމުންތަކާމެދު ފާޑުވެސް ވިދާޅުވެފައިވެ އެވެ. އެކަން އެންމެ ފުރަތަމަ އާންމުންނަށް ތިލަވެގެން ދިޔައީ ހަވީރު މުވައްޒަފުންނާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރި ހުކުމާއެކު އެޗްއާރްސީއެމްއިން ބަހެއް ނުބުނެ އޮތުމުން ޝިފާގު އެޗްއާރްސީއެމްއަށް ފާޑު ވިދާޅުމާއެކު އެވެ. އަދި އަމިއްލަ ގޮތުން ހަވީރުގެ މުވައްޒަފުންގެ ދިފާއުގައި ޝިފާގު ވާހަކަ ދެއްކުމާއެކު އެވެ.

މީގެއިތުރުން، އެންމެ ފަހުން އާންމުކުރި އެޗްއާރްސީއެމްގެ އޮޑިޓް ރިޕޯޓްގައި، ފާހަގަކޮށްފައިވާ ކަންކަން، މީޑިއާތަކުން ހަގީގަތް އޮޅޭ ގޮތަށް ގެނެސްދީފައިވާ ކަމަށް ބުނެ، މީޑިއާތަކަށް މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަށް ގޮވާލައި އެޗްއާރްސީއެމްއިން ނެރުނު ބަޔާނަށް ވެސް ޝިފާގު ފާޑު ވިދާޅުވެފައިވެ އެވެ.

ޝިފާގަކީ މީގެކުރިން މަޖިލިސް މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޝިފާގު ވަނީ އެމްޑީޕީގައި ހުންނެވުމަށްފަހު ޕީޕީއެމްއަށް ބަދަލުވެ، ފަހުން އެ ޕާޓީ ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅިފައިވެ އެވެ. އޭގެފަހުން ޖުމްހޫރީ ޕާޓީއާ ހިޔާލު ތަފާތުވެ ޕީޕީއެމްއާ އަލުން ގުޅުނެވެ. އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޝިފާގު އައްޔަން ކުރެއްވީ އިރު އޭނާ އަކީ ޕީޕީއެމްގެ މެންބަރެކެވެ.