ހަބަރު

ފުލުހުންގެ ފޮރެންސިކަށް އައިފޯން 6އެސް އާއި 6ޕްލަސް "އޮޅިއްޖެ"

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ގެންގުޅުއްވަނީ އައިފޯން 6 ޕްލަސްއެކެވެ. ނަމަވެސް އެ ފޯނުގެ ފްރޮންސިކް ރިޕޯޓްގައި ފޯނަކީ އައިފޯން 6 އެސްއެއް ކަމަށް ބުނެފައިވާތީ އެ މައްސަލަ މިއަދު ޝަރީއަތުގެ މަޖިލީހުގައި ރިޔާޒުގެ ފަރާތުން ފެންމަތިކޮށްފި އެވެ.

މައްސަލާގައި ހިމެނޭ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ރިޔާޒުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ފުލުހުން އެކުލަވާލާފައިވާ ފޮރެންސިކް ރިޕޯޓްގައި ރިޔާޒުގެ ފޯނަކީ އައިފޯން 6އެސްއެއް ކަމަށް ޖަހާފައިވާ ކަމަށެވެ. ނަމަވެސް ރިޔާޒު ގެންގުޅުއްވަނީ އައިފޯން 6 ޕްލަސްއެއް ކަމަށް ނޫރް ވިދާޅުވި އެވެ.

ނޫރު ވިދާޅުވީ، އެހެންކަމުން އެ ރިޕޯޓަކީ ކޮން ގޮތަކުން އެކުލަވާލާފައިވާ ރިޕޯޓެއް ކަމެއް ނޭނގޭ ކަމަށާއި ހެއްކެއްގެ ގޮތުގައި ރިޕޯޓް ބަލައިނުގަނެވޭނެ ކަމަށެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ، އެއީ އޮޅުމަކަށްވެދާނެ ކަމަށާއި ނަމަވެސް ފޯނުގެ އައިއެމް ކޯޑް ދިމާވާކަން އެ ވަކީލް ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ވަކީލް އެހެން ވިދާޅުވުމުން ރިޔާޒުގެ އަނެއް ވަކީލް ހިސާން ހުސެއިން ވިދާޅުވީ، އާންމުކޮށް މީހުންނަށް ފޯނުގެ އައިއެމް ކޯޑް ނޭނގޭނެ ކަމަށާއި އެމީހަކަށް އެނގޭނީ ގެންގުޅެވެނީ އައިފޯން 6 އެއް ނޫނީ 7 އެއް ކަން އެކަނި ކަމަށެވެ. އެއަށްވުރެ އިތުރަށް އެ މައުލޫމާތު އެއްކޮށްފައި ނުބަހައްޓާނެ ކަމަށެވެ.

ހިސާން ވިދާޅުވީ، މިއީ އޮޅުމެއް ކަމަށް ބުނެ އެކަން ނިންމާނުލެވޭނެ ކަމަށެވެ. އެއީ ވަރަށް އަސާސީ ކަމެއް ކަމަށާއި ސައްހަ ނޫން މައުލޫމާތެއްގެ މައްޗަށް ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ޝަރީއަތަށް ބަލައިގަނެވިގެން ނުވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ރިޔާޒުގެ ފޯނު ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައިވެ އެވެ. މި މައްސަލަ ފެށުނީ ވެސް އެ އަމުރުގައި ރިޔާޒުގެ ފޯނުގެ ޕިން ކޯޑް ދިނުމަށް ލިޔެފައިނުވާތީ އެކަމަށް ރިޔާޒު ދެކޮޅު ހެދުމުންނެވެ. އެ އަމުރުގައި ބުނެފައި އޮތީ ރިޔާޒުގެ ފޯނުން ކޮށްފައިވާ އެންމެހާ މުއާމަލާތްތައް ބެލުމަށާއި ފުލުހުން ބޭނުންވާ އެންމެހާ މައުލޫމާތާއި ތަކެތި ދިނުމަށް އަންގާ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، "އެންމެހާ މައުލޫމާތު" ތެރޭގައި ފޯނުގެ ޕިން ކޯޑް ވެސް ހިމެނޭ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ. އެއީ ފޯނުގެ ލޮކް ނުހުޅުވާ ތަހުގީގަށް އެއްވެސް މައުލޫމާތެއް ނުލިބޭނެތީ ކަމަށެވެ. އެ އަމުރުގެ ދަށުން އެންމެ ފުރަތަމަ ރިޔާޒު ކުރައްވަން ޖެހޭނެ ކަމަކީ ވެސް ފޯނުގެ ޕިން ކޯޑް ދިނުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލްގެ ވާހަކަތަކަށް ރައްދު ދެއްވާ ރިޔާޒުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ، "އެންމެހާ މައުލޫމާތު" ތެރޭގައި ޕިން ކޯޑް ނުހިމެނޭނެ ކަމަށެވެ. ޕިން ކޯޑް ދޭން އޮތްނަމަ އެގޮތަށް އަމުރުގައި ބުނެފައި އޮންނާނެ ކަމަށެވެ. އެކަމަށް ބާރު ދިނުމަށް ހިސާން ވަނީ ރިޔާޒުގެ ކޯޓު އަމުރު ކުރިން ނެރެފައިވާ ބައެއް އަމުރުތަކުގައި ވެސް އެގޮތަށް ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރިޔާޒުގެ އަމުރަށްވުރެ ފަހުން ނެރެނު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މައުމޫން ފެކްޝަންގެ އެސްޖީ އަބްދުﷲ އަލީމްގެ ފޯނު ހިފަހައްޓަން ނެރުނު އަމުރުތަކުގައި ވެސް ފޯނުގެ ޕިން ކޯޑް ދިނުމަށް ވަކިން ބުނެފައިވާކަން ހިސާން ފާހަގަކުރެއްވި އެވެ.

ހިސާން ވިދާޅުވީ، ފޯނުގެ ޕިން ކޯޑަކީ ވަރަށް އަސާސީ އެއްޗެއް ކަމަށާއި އެ ޕިން ކޯޑް ދޭން ކޯޓުން އަންގާނަމަ އެކަން އަމުރުގައި ބުނެފައި އޮންނާނެ ކަމަށެވެ. އަމުރުގައި ނެތް ކަމެއް އޭގައި އޮތް އެއްޗެއް ގޮތަށް މާނަކޮށްގެން ފުލުހުންނަށް ރައްޔިތުންގެ މައްޗަށް ބާރު ނުހިންގޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ރިޔާޒުގެ ވަކީލުން ވަނީ އެ އަމުރަކީ ކުރިމިނަލް ކޯޓަށް ނެރެވިދާނެ އަމުރެއްތޯ ވެސް ސުވާލު އުފައްދާފަ އެވެ. އެ ބާރު ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން ކުރިމިނަލް ކޯޓަށް ލިބިގެންވޭތޯ ވެސް ސުވާލު އުފައްދާފަ އެވެ. އެހެންކަމުން އަމުރުގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭ ކަމަށާއި އެފަދަ އަމުރެއްގެ ސަބަބުން ރިޔާޒު ކުށްވެރިވެދާނެ ތޯ ވެސް ސުވާލު އުފެއްދި އެވެ.

"ފުލުހުންގެ ހީލަތްތެރި ރޭވުމެއް"-- ވަކީލުން

ރިޔާޒުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޒާހިރު ވަނީ ފުލުހުންނަށް ވަރަށް ބޮޑު ތުހުމަތެއް ވެސް ކުރައްވާފަ އެވެ. އެއީ ރިޔާޒުގެ މައްޗަށް ނެރެފައިވާ އަމުރު ބޭނުންކޮށްގެން ހީލަތްތެރި ރޭވުމަކުން ރިޔާޒުގެ މައްޗަށް ދައުވާއެއް ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. އަލީ ޒާހިރު އެހެން ވިދާޅުވީ، ރިޔާޒުގެ ފޯނުގެ ޕިން ކޯޑް ހޯދުމަށް ވަކި ކޯޓު އަމުރަކަށް ފުލުހުން ކޯޓުގައި އެދިފައިނުވާކަން މިއަދު ކުރިމިނަލް ކޯޓުން ޔަގީންކޮށްދީފައިވާތީ އެވެ.

އަލީ ޒާހިރު ވިދާޅުވީ، ރިޔާޒުގެ ފޯނު ހިފަހައްޓަން ނެރުނު އަމުރުގައި ޕިން ކޯޑް ދޭން ބުނެފައި ނެތުމުން އެކަން ކުރުމަށް ރިޔާޒު ދެކޮޅު ހެދުމުން ފުލުހުން ވަނީ ޕިން ކޯޑް ހޯދުމަށް ވަކި އަމުރެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ރިޔާޒަށް އަންގާފަ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ރިޔާޒު ފުލުހަށް ހާޒިރުކޮށް ވަކި އަމުރެއް ކޯޓުން ނެރެނުދިން ކަމަށް ފުލުހުން ރިޔާޒު ކައިރީ ބުނެފައިވާ ކަމަށެވެ. މައްސަލަ ތަހުގީގުކުރި ފުލުހުން ހެކި ބަސް ދެމުން ވެސް އެހެން ބުނެފައިވެ އެވެ. އެ ފުލުހުން ބުނެފައިވަނީ ވަކި ކޯޓު އަމުރެއް ހޯދުމަށް މަޝްވަރާކުރި ކަމަށާއި ނަމަވެސް އެކަމަށް އެދުނު ކަމެއް ބުނަން ނޭނގޭ ކަމަށެވެ.

އަލީ ޒާހިރު ވަނީ ފުލުހުން ރިޔާޒަށް ދޮގު މައުލޫމާތެއް ހިއްސާކުރައްވާފައިވާ ކަމަށް ވިދާޅުވެ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މީގެއިތުރަށް ހިސާން ހުސެއިން ވިދާޅުވީ، ރިޔާޒު ފޯނުގެ ޕިން ކޯޑް ޖަހައި އެ ފޯނު ހުޅުވައިނުދީފިނަމަ އެ ފޯނު ފުލުހުންނަށް ހުޅުވޭނެ ކަމުގެ ގާބިލްކަން ފުލުހުންގެ ނެތްކަން ރިޔާޒަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ފުލުހުންގެ ހުރި ގާބިލްކަމާއި ނެތް ގާބިލް ކަމެއް ރައްޔިތުންނަށް ނޭނގޭނެ ކަމަށެވެ. އެހެންކަމުން ކޯޓުގައި އަމުރަށް އެދޭއިރު ޕިން ކޯޑް ޖަހައިނުދީފިނަމަ ފުލުހުންނަށް ފޯނު ނުހުޅުވޭނެ ކަން ކޯޓުގައި ފުލުހުން ބުނެ، އަމުރުގައި އެކަން ފާހަގަކުރަން ޖެހޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

މި މައްސަލާގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެވެ. އެ އަޑުއެހުން އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. ރިޔާޒުގެ ވަކީލުން ވަނީ އެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް ޝަރީއަތުން ގަބޫލުކުރީ ފަސް ދުވަހަކީ އެކަށީގެންވާ ފުރުސަތެއް ކަމަށެވެ.