ހަބަރު

ލީޑަރުން ދޫނުކުރާ ނަމަ ރައީސް މަގާމުން ދުރުކުރާނަން: ނަޝީދު

އެކި ކުށްތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ ސިޔާސީ ފަރާތްތައް އެކީ މިނިވަން ނުކުރާ ނަމަ ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ވުރެ ގަދަޔަށް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްގައި އިދިކޮޅު ފަރާތްތަލަށް ލިބުނު ކާމިޔާބީއާ ގުޅިގެން ސްރީލަންކާގައި ހުންނަވައިގެން ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އިންތިހާބުގެ ބަލި ގަބޫލު ކުރައްވަން ރައީސް ޔާމީންއަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާ ކަމަށާއި އެއީ ރިވެތި އުސޫލު ވެސް ކަމަށެވެ. އަދި އެއަށް ފަހު ގައުމު އިސްކުރައްވައި ސިޔާސީ ލީޑަރުން މިނިވަންކޮށް އިދިކޮޅު ފަރާތްތަކާއެކު ރައީސް ޔާމީން މަޝްވަރާ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެއަށްފަހު 2018 ގައި މިނިވަން އިންސާފުވެރި އިންތިހާބަކަށް ވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ. އެގޮތަށް ރައީސް ޔާމީން އަމަލު ނުކުރައްވިފިނަމަ، އެމަނިކުފާނު ރައީސް ކަމުގެ މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި އިރު ޖަލުތަކުގައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ވެސް އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ރައީސް ޔާމީން އެކި ފަހަރުމަތިން ދައުވަތު ދެއްވާފައިވެ އެވެ. އެކި ފަހަރު މަޝްވަރާތައް ބޭއްވި ނަމަވެސް އެކި ބަހަނާތަކާ ހުރެ މަޝްވަރާތައް ގޮސްފައި ވަނީ ފަނުފުލުންނެވެ.

އެގޮތުން މަޖިލިސް އަލުން ހުޅުވުމާ އެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެ މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން މަސީހުގެ އިތުބާރުނެތް ކަމަށް ފާސްކުރަން ބޭނުންވާ، 48 މެންބަރުންގެ ސޮއި ހަމަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ފަހު ދެން އޮތީ، ރައީސް ޔާމީން މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް މަޖިލީހުގެ ތެރެއިން 57 މެންބަރުން އިދިކޮޅަށް ހޯދުމެވެ.

"42 މެންބަރުން ހަމަވާނެކަން ޔަގީން. އަދި 57 މެންބަރުން ގުޅޭނެ ތަންވެސް ފެންނާނެ. އެ އަދަދު ހަމަ ކުރެވޭނެ އެއީ ޔަގީންވާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ. "މަޖިލީހުގެ ޗުއްޓީ ނިމި، މަޖިލިސް އަލުން ހުޅުވުމުން އިދިކޮޅު މަސައްކަތްތައް ވަރުގަދަވެގެންދާނެ. ރައްޔިތުން ބޭނުންވާ ބަދަލު ފެންނާނެ،"

ނަޝީދު ވިދާޅުވީ، މަޖިލިސް މެންބަރުން އިދިކޮޅު ހަރަކާތާ ގުޅޭނެ މައިގަނޑު ސަބަބަކީ މެންބަރުންނަށް . ވެސް ބޮޑު ފަޅި އަކީ ކޮބައިކަން މިހާރު ސާފުވެފައިވާތީ އެވެ. އަދި ރައްޔިތުންގެ ވިންދު ހުރި ގޮތް އެބޭފުޅުންނަށް ވެސް އެގޭތީ ކަމަށް ވެސް ވިދާޅުވި އެވެ. މަޖިލީހުގެ އެކި މެންބަރުން އިދިކޮޅު ފަރާތްތަކަށް ގެންދިޔުމަށް މީގެ ކުރިން ވެސް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އޭރު އެ މަސައްކަތް ކާމިޔާބު ނުވެ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ވެސް ފެއިލްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕާޓީތަކަށް މެންބަރުން އެތުރިފައި ތިބި ގޮތަށް ބަލާއިރު ޕީޕީއެމްގައި 48 މެންބަރުން ތިބި އިރު އެމްޑީޕީގައި ތިބީ 21 މެންބަރުންނެވެ. އަދި ޖުމްހޫރީ ޕާޓީ ހަތް މެންބަރުން ތިބި އިރު އެމްޑީއޭގައި ތިބީ ހަ މެންބަރުންނެވެ. ދެން ތިއްބަވަނީ މިނިވަން ދެ މެންބަރަކާއި އަދާލަތު ޕާޓީގެ މެންބަރެކެވެ. ސަރުކާރު ކޯލިޝަންގެ ތެރޭގައި ހިމެނޭ ބައެއް މެންބަރުން ވަނީ މިފަހުން ސަރުކާރަށް ކުރާ ތާއިދު ނަގާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ "އިދިކޮޅު އަތްބަޔަށް ޑިގް ހަމަވާނެ ކަމަށާއި ނަމަވެސް މިހާރު އަތްބަޔާ ހުޅުވައިފިނަމަ ޑިގް އަދި ނުގޮވިދާނެ،" ކަމަށެވެ. ނަޝީދު ވިދާޅުވީ، ބޮޑު ފަޅިއަކީ ސަރުކާރު ފަޅި ނޫން ކަމަށެވެ. އެކަން ލޯކަލް ކައުންސިލް އިންތިހާބުން އެނގިގެން ހިނގައްޖެ ކަމަށް ވެސް ވިދާޅުވި އެވެ.