މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއް މިވަނީ ނިމުމާ ކައިރިވެފަ އެވެ. މިރެ އަކީ ބައިވެރިންގެ ހުނަރު ދައްކާލައި ޖަޖުންނާއި ބެލުންތެރިންގެ ހިތްދަމައިގަންނަން އެ ތިން ބައިވެރިންނަށް އޮތް ފަހުގެ ފުރުސަތެވެ. ގަދަ ތިނަކަށް ހޮވިފައިވާ ތިން ބައިވެރިން ކަމަށްވާ މުހައްމަދު ތަސްނީމް (ބޮބް)، ހަމޫދު އަހުމަދު އަދި ޝަމްވީލް މުހައްމަދަށް ބެލުންތެރިންގެ ހިތްތައް އަތުލަން ދެން މި ނޫން ފުރުސަތެއް ނުލިބޭނެ އެވެ.
މިރޭގެ ޝޯއަކީ އައިޑޮލްގެ އެންމެ ފަހު ޕާފޯމެންސް ޝޯއަށްވާއިރު ޝޯގައި ތަފާތު ގިނަ ކަންކަން ފެންނާނެކަމާމެދު ޝައްކެއް ނެތެވެ. މިއީ އެންމެ ހާއްސަ އަދި އެންމެ މުހިންމު ޝޯއެވެ. އެކަމަކު ޝޯގައި ހިނގާނެ ކަންކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ކުރި ނުމަރަން އެ ވާހަކަ ބާއްވާނަމެވެ. ޝޯ ބަލަން ޓީވީ ދޮށަށް ހަނދާންކޮށް އަންނާށެވެ.
ބައިވެރިންގެ އުއްމީދުތަކަކީ ކޮބާ؟
ތިން ބައިވެރިން ވެސް ތިބީ ވަރަށް އުއްމީދުގަ އެވެ. ދެވަނަ މޯލްޑިވިއަން އައިޑޮލްއަށްވުމުގެ ޝަރަފު ހޯދުމަށް ފެން ބޮވައިގެންފަ އެވެ. އެކަމުގެ އުއްމީދު ތިން ބައިވެރިންނަށް ވެސް އޮތްއިރު ވާދަވެރިކަން ވަަރަށް ބޮޑުކަން ވެސް ބައިވެރިން ގަބޫލުކުރެ އެވެ. ހަމައެހެން އަމިއްލަ ހުނަރަށާއި ސަޕޯޓަރުންގެ ޓީމަށް ވެސް ވަރަށް ބޮޑު އިތުބާރެއް ތިން ބައިވެރިން ވެސް ކުރެ އެވެ.
"މިތާ މިތިބީ ހަމަ ވަރަށް މޮޅު ކުދިން އެމީހެއްގެ އަމިއްލަ ޒާތުގައި. މިސާލަކަށް އަޅުގަނޑުގެ ޖޯންރާއާއި ބޮބްގެ ޖޯންރާ އާ ޝަމްވީލްގެ ޖޯންރާ އެއީ ތިން ޖޯންރާ އެއް. އެހެން ބުނާކަށް ނޭނގެ. އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތެއް ވާނެ،" އައިޑޮލްއިން އެއްވަނަ ހޯދިދާނެކަމާމެދު ސުވާލުކޮށްލުމުން ހަމޫދުގެ ހިޔާލު ފާޅުކޮށްލި އެވެ.
ބޮބްގެ ހިޔާލު ވެސް ހަމޫދުގެ ހިޔާލާ ހަމަ ވަރަށް އެއްގޮތެވެ. "އޮންނަ އެއްޗަކީ އިތުބާރު، އެއީ ޓީމަށް ކުރާ އިތުބާރު، އަޅުގަނޑުގެ 50 ޕަސެންޓް އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ދެއްކެން އޮތް ވަރަށް ދައްކާނަން، ދެން އޮންނާނީ ހަމަ ޓީމު، ޓީމާމެދު ނެތް އެއްވެސް ޝައްކެއް، އެހެންވީމަ މި އުއްމީދުކުރަނީ ރަނގަޅު އެއްޗެއް ވާނެ ކަމަށް،" ބޮބް ބުންޏެވެ.
"އަމިއްލަ މީހާއަށް ދެން އެހާ ހޯޕެއްވެސް ނެތް. ލިބިވެސް ދާނެ، ނުލިބިވެސް ދާނެ. ދެން މީތި އިންނާނެ ގޮތަކީ 50 ޕަސަންޓު ޖަޖެސް، 50 ޕަސަންޓު ވޯޓް ދެއްތޯ. ފިފްޓީ ޕަސަންޓް ވޯޓާއި ދޭތެރޭ ވަރަށް ބޮޑު އިތުބާރެއް އެބައޮތް. ފޭންސް އަށާއި ޝަމްވީލްގެ ޓީމަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް." ޝަމްވީލް ބުނީ މިހެނެވެ.
ބައިވެރިންގެ ހިޔާލު މިހެންއިރު ބެލުންތެރިންގެ އުއްމީދުތައް ވެސް މިރޭގެ ޝޯއާމެދު ވަރަށް މައްޗަށެވެ. "ޓީމް ބަރޯ" "ޓީމް ބޮބް" އަދި "ޓީމް ހަމޫދު" ހަމަ ގައިމު ވެސް އޮތީ ތައްޔާރީގަ އެވެ. ޝޯ ފެށުމާއެކު ވޯޓުތައް އަޅަން ވެސް އަތުކުރި އޮޅައި، ފޯނު ވެސް ތައްޔާރުކޮށްގެންނެވެ.
މިރޭ ބައިވެރިން ހުށަހަޅައިދޭ ލަވަތަކަށް ޖަޖުން މާކްސް ދޭނެ އެވެ. އެއީ ޖަޖުން ދޭނެ އެންމެ ފަހު މާކުހެވެ. ދެން ބޯޅަ ދާނީ ބެލުންތެރިންގެ ކޮޅަށެވެ. ހުރިހާ ބާރެއް ބެލުންތެރިނަށެވެ. އަނެއް 50 ޕަސެންޓް މާކުހަކީ ބެލުންތެރިންގެ ވޯޓު ނެރޭ މާކުހެވެ. ބެލުންތެރިންގެ ވޯޓަކީ ޖަޖުންގެ ނަތީޖާ އެފުށް މިފުށަށް ޖަހާލެވޭހާ ވެސް ބާރުގަދަ ވޯޓެކެވެ. އެހެންކަމުން ވޯޓު ފޮނުވުމަށް ކޮންމެހެން ވެސް ހަނދާން ބަހައްޓާށެވެ.