މޯލްޑިވިއަން އައިޑޮލް

ފިނާލޭއަށް ރެޑީތަ؟ ވަރަށް ކަންކަން އެބަހުރި!

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއް މިއޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. އެއްވަނަ ހޯދާ ބައިވެރިޔާ މިރޭ އެނގިން ދާނެ އެވެ. ގްރޭންޑް ފައިނަލް އޮތީ މިރެ އެވެ.

މި ބޮޑު ރެއަށް ޕީއެސްއެމް އާއި އައިޑޮލްގެ މުޅި ޓީމް އޮތީ ތައްޔާރަށެވެ. ބެލުންތެރިން ހައިރާންކޮށްލައި، ބެލުންތެރިންގެ އުއްމީދުތަކަށް ވާސިލުވުމަށް އަތުކުރި އޮޅާލައިގެންނެވެ. މިރޭ ގްރޭންޑް ފިނާލޭ އޮންނައިރު މިރޭއަކީ ވަރަށް ހާއްސަ ރެއަކަށް ވާނެ އެވެ. އައިޑޮލްއިން ގިނަ ކަންތައްތަކެއް މިރޭ ފެނިގެންދާނެ އެވެ. ސަޕޯޓަރުން އުއްމީދު ކުރަންވީ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ.

ނާޝިދަށް ހާއްސަ ޓްރިބިއުޓެއް

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އަހަރެމެންނާ ވަކިވެގެން ދިޔަ، ދިވެހި މިއުޒިކަށް އިންގިލާބެއް ގެނެސްދިން ޒީރޯ ޑިގްރީގެ އެއް ފައުންޑާ އަދި ބޭންޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު ނާޝިދު (ފްލޫ ނާޝިދު) އަށް ދޭ ހާއްސަ ޓްރިބިއުޓެއް މިރޭ ފެނިގެންދާނެ އެވެ.

މި ޓްރިބިއުޓަކީ ނާޝިދު ވަކިވެގެން ދިޔުމަށްފަހު ދެވޭ މިފަދަ ދެވަނަ ޓްރިބިއުޓެވެ. ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޝާޔަން ޝާހިދު ވިދާޅުވި ގޮތުގައި މި ޓްރިބިއުޓަކީ ވަރަށް ހާއްސަ ޓްރިއުބިއުޓަކަށް ވެގެން ދާނެ އެވެ. ޓްރިބިއުޓްގައި ހާއްސަ މޫނުތައް ވެސް ފެނިގެންދާނެ ކަމަށެވެ.

ޓޮޕް 3 ގެ އަމިއްލަ ލަވަތަކެއް

މިއީ މިރޭ ފެނިގެން ދާނެ ވަރަށް ތަފާތު ކަމަކަށް ވާނެ އެވެ. ގަދަ ތިން ބައިވެރިންގެ މުޅިން އާ އަމިއްލަ ލަވަތަކެއް މިރޭ ފެނިގެންދާނެ އެވެ.

މިއީ އައިޑޮލްގެ ބައިވެރިންނަށް ވެސް ވަރަށް ތަފާތު ކަމަކަށް ވާނެ އެވެ. ގަދަ ތިން ބައިވެރިން ކަމަށްވާ މުހައްމަދު ތަސްނީމް (ބޮބް)، ހަމޫދު އަހުމަދު އަދި ޝަމްވީލް މުހައްމަދުގެ ފުރަތަމަ އަމިއްލަ ލަވަ ފެނިގެން ދާނީ މިރެ އެވެ. މިއީ އެ ތިން ބައިވެރިންގެ މިޔުޒިކީ ހަޔާތުގައި އެޅިގެންދާ ވަރަށް ވަރުގަދަ ބިންގަލަކަށް ވެގެން ދާނެ އެވެ.

މޮޅު އާޓިސްޓުން ފެންނާނެ

މިފަހަރުގެ އައިޑޮލްގެ ފައިނަލްގައި ކުރީ ފަހަރު ފެނުނު ގޮތަށް ބޭރުގެ ތަރިއެއް ނުފެންނާނެ އެވެ. އެކަމަކު ވަކި ފޯރިއެއް ކުޑައެއް ނުވާނެ އެވެ.

ޝާޔަން ވިދާޅުވި ގޮތުގައި، މިފަހަރު އިސްކަން ދިނީ ރާއްޖޭގެ ޓެލެންޓްތައް ދައްކާލުމަށެވެ. އެގޮތުން މިރޭގެ ޝޯގައި ރާއްޖޭގެ ވަރަށް މޮޅު އާޓިސްޓުންތަކެއްގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ. އެމީހުންގެ ނަންތައް މިވަގުތަށް ހާމަނުކޮށް ބާއްވާނަމެވެ. ނަމަވެސް އެމީހުންނަކީ ސަޕޯޓަރުންގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ފަރާތްތަކެވެ.

ކުރީގެ ބައިވެރިންގެ އާ ލަވަތަކެއް

އައިޑޮލް އިން ތައާރަފްވި ބައެއް ބައިވެރިންނަކީ މިހާރު ރާއްޖޭގައި ތިބި މަޝްހޫރު މޫނުތަކެވެ. އެމީހުންގެ އަމިއްލަ ލަވަތައް ވެސް ދަނީ ފެންނަމުންނެވެ. އެގޮތުން މިރޭ ވެސް އެފަދަ ލަވަތަކެއް ފެނިގެންދާނެ އެވެ.

ފުރަތަމަ އައިޑޮލްގެ ދެވަނަ ޝަލަބީ އިބްރާހިމް ފުރަތަމަ އަމިއްލަ ވީޑިއޯ ލަވަ، "އާދޭސް" މިރޭ ފެނިގެންދާނެ އެވެ. ހަމަގައިމު ވެސް އެ ލަވައަކީ ގިނަ ބަޔަކު އިންތިޒާރުކުރާނެ ލަވައަކަށް ވާނެ އެވެ.

ޝަލަބީގެ ލަވައިގެ އިތުރުން ރޮކްސްޓާ މުއައްޒިންގެ އަމިއްލަ ވީޑިއޯ ލަވައެއް ވެސް މިރޭ ވަރަށް "ވާން" ކުރާނެ އެވެ. ހަބޭސް ގުރޫޕާ ގުޅިގެން މުއައްޒިން ނެރޭ "ލޭކޮކާ" މިރޭ ރިލީޒްކުރާނެ އެވެ. އެ ލަވައަކީ އަދި ރާއްޖޭގައި ނުނެރޭ ސްޓައިލެއްގެ ލަވައެއް ކަމަށް މުއައްޒިން ބުނެ އެވެ.

ޖަޖުންގެ ހުށަހެޅުން

މިރޭގެ ޝޯގައި ތިން ޖަޖުން ކަމަށްވާ އިއްބެ، އައްފާން އަދި އުނޫޝާގެ ހުށަހެޅުންތައް ވެސް ފެންނާނެ އެވެ. ރާއްޖޭގައި މިހާރު ތިބި އެންމެ މޮޅު ލަވަ ކިޔުންތެރިން ކަމަށް އައްފާން އަދި އުނޫޝާގެ ވަރަށް މޮޅު އަދި ރީތި ހުށަހެޅުންތައް މިރޭ ފެނިގެންދާނެއިރު އިއްބެ ވެސް ހަމަ އެހާ ރީތި، މޮޅު ހުށަހެޅުމެއް ފެންނާނެ އެވެ.

ޖަޖުންގެ މި ހުށަހެޅުންތަކަކީ ނުބަލާ ދޫކޮށްލެވޭ ވަރަށްވުރެ ހާއްސަ ހުށަހެޅުންތަކަކަށް ވާނެކަން ޔަގީނެވެ. އެކަމުގެ ޔަގީންކަން ޝާޔަން ވެސް ދެއްވި އެވެ.

މިއީ މިރޭ އުއްމީދު ކުރަންވީ ކަންކަން އެބަހުއްޓެވެ. އަދިވެސް ހާއްސަ ކަންތައްތައް އޮތީ އެވެ. ހޯސްޓުން ކަމަށްވާ ލަމްހާ އަދި މޫސާގެ ތަފާތު ކަންކަން ވެސް މިރޭ ފެނިގެންދާނެ އެވެ. އެހެންކަމުން ޝޯއަށް އިންތިޒާރުކޮށްލާށެވެ. މިރޭ މިއީ ބޮޑު ރެއަކަށް ވާނެ އެވެ.