ހަބަރު

އަލުން ބެލި ޝީޓްތަކުގައި ނަތީޖާއަށް ބަދަލު އަންނަ ކަމެއް ނެތް: އީސީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލީ 24 ފޮއްޓެއްގެ ނަތީޖާ ޝީޓްގައި އޮޅުންތަކެއް ހުރުމުން އެ ޝީޓްތައް އަލުން ޗެކްކުރި ނަތީޖާއަށް ބަދަލެއް އަންނަ ވަރުގެ ކަމެއް މިހާތަނަށް ފާހަގަވެފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ޝީޓްތައް ޗެކްކުރަނީ ބައިބަޔަށް ބަހާލައިގެން ކަމަށާއި މިއަދު ވެސް ބައެއް ޝީޓްތައް ޗެކްކުރާނެ ކަމަށެވެ. އަލުން ޗެކްކުރުމުގެ މަސައްކަތް މިއަދު ނިމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާތަނަށް އަލުން ކަނޑައިގެން ބެލި ސެކިއުރިޓީ އުރަތަކުގެ ނަތީޖާ ޝީޓްތަކުން ނަތީޖާއަށް ބަދަލެއް އަންނަ ފަދަ ކަމެއް ފާހަގަކުރެވިފައެއް ނެތް،" އަކްރަމް ވިދާޅުވި އެވެ.

ސެކިއުރިޓީ އުރަތައް އަލުން ކަނޑައިގެން ބަލަން ޖެހުނީ، ބައެއް ނަތީޖާ ޝީޓްތަކުގައި ދިމާނުވާ ކަންތައްތަކެއް ހުރުމުން ސިސްޓަމުން ބައެއް ނަތީޖާ ޝީޓްތައް ރިޖެކްޓް ކުރުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން 8،000 އެއްހާ ނަތީޖާ ޝީޓް ތައްޔާރުކޮށްފައިވާ އިރު އެ ޝީޓްތައް މިފަހަރު ތައްޔާރު ކޮށްފައި ހުރީ އޭގައި ޖަހާފައިވާ ބާކޯޑެއް ސިސްޓަމަށް ރީޑްކުރާ ގޮތަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިކަން ކުރަމުން އަންނަނީ އޮބްޒާވަރުންނާއި މޮނީޓަރުންގެ ހާޒިރުގަ އެވެ.

މުޅި ރާއްޖެ އާއި ލަންކާގައި ވޯޓް ފޮއްޓެއް ބަހައްޓައިގެން ކުރިއަށް ގެންދިޔަ އިންތިހާބުގައި ޖުމްލަ 423 ވޯޓް ފޮއްޓެއް ވަނީ ބަހައްޓައިފަ އެވެ. ބައެއް ދާއިރާގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިހާރު ވެސް ވަނީ އިއުލާންކޮށްފަ އެވެ. ނަތީޖާތަކުން ދައްކާ ގޮތުން ބޮޑެތި ސިޓީތަކުގެ އަގުލަބިއްޔަތު ނަގައިގެން އިންތިހާބުގެ ކުރީގައި އުޅެނީ އެމްޑީޕީ އެވެ.