ރިޕޯޓް

ނަޝީދަށް މަގާމެއް ނުގެއްލޭނެ؟!

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެ މަގާމު ގެއްލޭތީ އެ މަނިކުފާނުގެ ސަޕޯޓަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެއީ ތެދެއް ހެއްޔެވެ؟ ސިޔާސީ ޕޯޑިއަމްތަކުގައި ގޮވަމުން ދަނީ ގާނޫނު އިސްލާހުކޮށްގެން ނަޝީދުގެ މަގާމު ގެއްލުވާލިޔަސް ޕާޓީގެ ރައީސް އަކީ ހަމަ ނަޝީދު ކަމަށާއި އެމްޑީޕީ މެންބަރުންގެ ހިތްތައް ބަދަލު ނުކުރެވޭނެ ކަމަށެވެ. މިކަމުގައި އޮތް ގާނޫނީ ވާހަކަ ނުދައްކާ މި ދައްކަނީ ޖަޒުބާތީ ވާހަކަ އެވެ.

ގާނޫނުގައި ގައިދީންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ބަޔާންކުރާ ބާބަށް އިތުރުކުރި އިސްލާހުގައި ވަނީ "ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުމުގެ އިތުރުން، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ޖަލުގައި ބަންދުކުރެވިފައިވާ ހުންނަ މުއްދަތުގައި ލިބިގެންނެއް ނުވެ އެވެ."

މި އިސްލާހު އަދި ތަސްދީގެއް ނުކުރެ އެވެ. ރާއްޖޭގެ ވެސް ކުރީގެ ރައީސް ނަޝީދުގެ މައްޗަށް މި ވަނީ ޖަލުތަކާއި ޕެރޯލްގެ ބިލަށް މި އިސްލާހު ގެނައުމުގެ ކުރިން ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. އެހެންވެ ގާނޫނު އަސާސީގެ 59 ވަނަ މާއްދާގެ ހ. އަށް ރިއާޔަތް ކުރާއިރު ޕެރޯލްގެ ބިލުން އަންނަ ބަދަލު ނަޝީދުގެ މައްޗަށް ހިނގާނެހެއްޔެވެ؟

"ގާނޫނުގައި ކުށެއް ކަމަށް ކަނޑައެޅިފައި ނުވާ ކަމަކަށް ފަހުން ހަދާ ގާނޫނަކުން އަދަބު ނުދިނުން" ބަޔާންކޮށް އެ މާއްދާގައި ބުނެފައިވާ ވަނީ "ވަކި ކަމެއް ކުރުމުން ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއް ކަމުގައި އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ބަޔާންކޮށްފައި ނެތީސް އެކަމެއް ކުރި މީހަކަށް ނުވަތަ އެކަމެއް ނުކޮށް ދޫކޮށްލި މީހަކަށް އެ ކުރި ކަމަކާ ގުޅުވައިގެން އަދަބު ދީގެން ނުވާނެ އެވެ. އަދި ކުށެއް ކުރި އިރު އެ ކުށަށް ކަނޑައެޅިފައިވާ އަދަބަށް ވުރެ ބޮޑު އަދަބެއް އެ ކުށް ކުރި މީހަކަށް ދީގެން ނުވާނެ އެވެ..." މީގެ އިތުރުން އެ މާއްދާގައި ބުނެފައި ވަނީ ކުށެއް ކުރުމާ، އެ ކުށެއް ކުރި މީހާ އަށް ހުުކުމް ކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ގާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާ ނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ގާނޫނުގައިވާ އަދަބެވެ.

މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ ވަކި ކަމެއް ކުރުމުން ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއް ކަމުގައި އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ބަޔާންކޮށްފައި ނެތީސް އެކަމެއް ކުރި މީހަކަށް ނުވަތަ އެކަމެއް ނުކޮށް ދޫކޮށްލި މީހަކަށް އެ ކުރި ކަމަކާ ގުޅުވައިގެން އަދަބު ދީގެން ނުވާނޭ ބުނާއިރު، ޖަލުގައި ބަންދުވާ ހިސާބުން ފެށިގެން ސިޔާސީ ޕާޓީތަކުގެ މެންބަރުކަމުގާއި މަގާމު ގެއްލުން އެއީ ވެސް އަދަބެއްތޯ އެވެ. ބޮޑަށް ބުރަވާން ޖެހެނީ އެގޮތަށެވެ. އަދަބަކީ ހަމައެކަނި ކޯޓުގެ ހުކުމަކުން އަންނަ އެއްޗެއް ނޫނެވެ.

ޖަލުގައި ބަންދުކޮށްފައި ހުންނަ މީހަކު ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ހުއްޓަސް ނުވަތަ ސިޔާސީ ޕާޓީއެއްގެ މަގާމުގައި ހުއްޓަސް މައްސަލަޔަކީ ކޮބައިހެއްޔެވެ؟ އެ މީހަކަށް ކުރެވޭނީ ކީއްހެއްޔެވެ؟ ޖަލުތަކާއި ޕެރޯލްގެ ބިލަށް ގެނައި އިސްލާހު އަމާޒުކޮށްފައި ވަނީ ރައީސް ނަޝީދަށް ކަމަށްވާ ނަމަ ޓެރަރިޒަމްގެ ކުށާ އެކު ނަޝީދަށް ވެރިކަމަށް ކުރިމަތިލެވޭނެ ގޮތެއް ނެތެވެ. ޝަރުތު ހަމައެއް ނުވާނެ އެވެ!

އަސާސީ ހައްގެއް މީހަކަށް ގެއްލިގެން ދިޔުމަށް ވުރެ ވަކިން ބޮޑު އަދަބެއް ނޯންނާނެ އެވެ. އަނެއްކޮޅުން އަސާސީ ހައްގެއް ހަނިކުރުމުގައި ގާނޫނު އަސާސީގައި ހަމަަތަކެއް ބަޔާންކޮށްފައި އެބަހުއްޓެވެ. ގާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ހައްގުތައް ހަނިކުރެވެނީ ގާނޫނަކުންނެވެ. އެއީ ވެސް ޑިމޮކްރަޓިކް ގައުމުތަކުގައި އެކަން ކޮށް އުޅޭ ގޮތެއްގެ މަތިންނެވެ. ޑިމޮކްރަސީ އަށް ތަބާވާ ގިނަ ގައުމުތަކުގައި ވަކި މުއްދަތެއްގެ ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އެ މީހެއްގެ އާންމު އިންތިހާބީ މަގާމު ގެއްލެ އެވެ. އަދި ވަކި މުއްދަތަކަށް އެފަދަ މަގާމުތަކަށް ކުރިމަތިލުން މަނާވެ އެވެ. އެކަމަކު ޕާޓީގެ މެންބަރުކަން ގެެއްލިގެންނެއް ނުދެ އެވެ. މާނަ އަކީ ދައުލަތުގެ މަގާމެއްގައި ނުހުރެވުމާއި އެފަދަ މަގާމަކަށް ކުރިމަތި ވެސް ނުލެވުމެވެ. އެހެންވެ އެފަދަ މެންބަރަކު ޕާޓީއެއްގެ ރައީސްގެ ގޮތުގައި ހުރި ނަމަވެސް ދައުލަތުގެ މަގާމަަކަށް ޝަރުތެއް ހަމައެއް ނުވާނެ އެވެ. އެހެންވެ ދެން ގޮތެއް ނިންމާނީ ޕާޓީންނެވެ.

ޖިނާއީ ހުކުމެއްކޮށް، ގައިދީއެއްގެ ގޮތުގައި ހުރި މީހަަކަށް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭ ގޮތަށް ބިލް ފާސްކޮށްފައި ވާއިރު އެ ބިލް ގާނޫނަކަށް ވުމުން އިތުރު އިންތިޒާމްތަކެއް ހަމަޖައްސަން ޖެހެ އެވެ. ޖަލު ހުކުމް އަންނަ މީހުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ފޮނުވައި ޕާޓީއެއްގެ ދަފްތަރުގައި އެ މީހެއްގެ ނަން އޮތް ނަމަ އެ ނަމެއް އުނިކޮށް އެކަން އެ މީހަކު ނިސްބަތްވާ ޕާޓީއަކަށް ވެސް އަންގަން ޖެހޭނެ އެވެ. އެ އިންތިޒާމް ހަމަޖައްސާނެ ގޮތެއް އަދި ނޭނގެ އެވެ. ގައިދީންނަށް ޕާޓީތަކުގެ މެންބަރުކަން ގެއްލެނީ ވަގުތީ ގޮތުންނެވެ. އެއީ ޕާޓީތަކުގައި ބައިވެރިވެ ޕާޓީތަކުގެ އިސް މަގާމުތައް ފުރުން، މިހާރު ފާސްކުރި އިސްލާހުން މަނާކުރަނީ "ޖަލުގައި ހުންނަ މުއްދަތުގައި" ކަމަށް ސާފުކޮށް ބުނާތީ އެވެ. އެހެންވެ ޖަލުން މިނިވަންވުމާ އެކު، ކުރިން ހުރި ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އެ މީހަކު ހަމަޖައްސަން ޖެހޭނެ އެވެ. އަނެއްކާ އަނެއް އިންތިޒާމެވެ.

ރައްޔިތުން މަޖިލީހުން ފާސްކުރާ ބިލްތައް ރައީސް އަބްދުﷲ ޔާމީން ވަރަށް އަވަހަށް ތަސްދީގު ކުރައްވަމުން ދިޔަ ނަމަވެސް ޖަލުތަކާއި ޕެރޯލްގެ ބިލަށް ގެނައި އިސްލާހު އަދި ތަސްދީގެއް ނުކުރައްވަ އެވެ. މި ބިލާ އެކު ފާސްކުރި އެހެން ބައެއް ބިލްތައް މިހާރު ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެހެންވެ މި އިސްލާހާ މެދު ބޮޑެތި ސުވާލުތަކެއް އުޅެނީ ކަމަށް ބަލަން ޖާގަ އެބަ އޮތެވެ. ގާނޫނީ މައްސަލައެއް ނެތް ކަމުގައި ވިޔަސް މި އިސްލާހުގެ ސަބަބުން އަންނަ ވަކި ބަދަލެއް ނެތިފައި، މުއައްސަސާތަކަށް އިތުރު ބުރައެއް ނޫނީ ނެތެވެ.