ހަބަރު

ވަކި މީހަކު ބުނެގެން އިސްތިއުފާ ދޭކަށް ނުޖެހޭ: ސީޕީ

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު ރަހުމު ކޮޑަކޮށް މަރާލި މައްސަލައާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައި ވަނިކޮށް ވަކި މީހަކު ބުނެގެން މަގާމުން އިސްތިއުފާ ދެއްވަން ނުޖެހޭ ކަމަށް ސީޕީ އަރީފް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ސީޕީ އަރީފް ވިދާޅުވީ، ބޮޑު ކަމެއް ނުވަތަ މައްސަލައެއް ދިމާވެއްޖެނަމަ ފުލުހުންގެ ޒިންމާއަކީ އެކަމެއް އެންމެ ރަނގަޅަށް ބެލުން ކަމަށެވެ. އެ މައްސަލާގައި ފުރިހަމަ ތަހުގީގެއް ކުރުން ކަމަށެވެ. އެފަދަ ކަންކަމުގައި ފުލުހުންނަށް އަމާޒުކޮށް ކިޔާ ފާޑުކިޔުންތަކަށް ފުލުހުން ރައްދު ދޭން ނުޖެހޭނެ ކަމަށެވެ.

ސީޕީ ވިދާޅުވީ، ބައެއް ފަރާތްތަކުން އިސްތިއުފާ ދެއްވުމަށް ގޮވާލިޔަސް އެއީ ހާސްވެ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ. ވަކި މީހަކު އެހެން ބުނުމަކީ އިސްތިއުފާ ދޭންޖެހޭ ސަބަބެއް ވެސް ނޫން ކަމަށެވެ. ސީޕީ އެހެން ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލް އަގުވާމީ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ޖެރާޑް ޖެންސާ، ސީޕީގެ އިސްތިއުފާ ގޮވާލައްވާފައި ވަނިކޮށެވެ.

ޖެންސާ ވަނީ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ބައިނަލްއަގުވާމީ ތަހުގީގަކަށް ފުރުސަތު ދިނުމަށް ނުވަތަ އެއްވެސް ޝަރުތަކާ ނުލައި ސީޕީ އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި ސީޕީ ވަނީ ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައިވާ މީހުން އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމުގެ ޔަގީކަން ދެއްވާފަ އެވެ. އެ މައްސަލާގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި މައްސަލާގެ ތަހުގީގަށް ހުރަސް އަޅާ ކަމަށް ބުނެ ގާނޫނީ ވަކީލް އަލީ ޝާހް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ޔާމީން ރަޝީދު އޭނާ ދިރިއުޅުނު ގޭ ސިޑިގޮޅީގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޭޕްރިލްމަހުގެ 23 ވަނަ ދުވަހުއެވެ. އޭނާ މަރާލާފައި އޮތީ ތޫނު އެއްޗަކުން ގިނަަ ހަމަލާތަކެއް ދީގެންނެވެ. އެ އަމަލު ރާއްޖެއާއި ބޭރުގެ ގިނަ ފަރާތްތަކަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ޔާމީންއަށް އިންސާފު ހޯދައިދިނުމަށް އާއިލާ އާ ރައްޓެހިންގެ އިތުރުން ބޭރުގެ ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.