ހަބަރު

ސައިކަލް އަންދާލުމުން ރަހުމަތްތެރިން ނުކުމެ ސައިކަލެއް ގަނެދީފި

ލ. ގަމުގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ގެއެއްގައި ހުރި ތިން ސައިކަލްގައި އެކީ ރޯކޮށް އަންދާލައިފަ އެވެ. ބަޔަކު ހިންގި މި ޖަރީމާގައި އަދައިގެން ދިޔައީ އެ ރަށު ތުނޑީއަވަށުގެ ފެނަކަ އޮފީހުގެ ސުޕަވައިޒަރު މުހައްމަދު އިމާދާއި އޭނާގެ އަންހެނުންނާއި އަދި ކޮއްކޮއެއްގެ ސައިކަލެވެ. އެ ސައިކަލްތަކުގެ އަގު ދެލައްކަ ރުފިޔާއާ ގާތްކުރާނެ ކަމަށް އަންދާޒާ ވަނީ ކުރެވިފަ އެވެ.

އިމާދަށާއި އޭނާގެ އާއިލާއަށް ލިބުނު ބޮޑު ގެއްލުމާއި ފުން ހިތާމާގައި ބައިވެރިވުމަށް އެކުވެރިންތަކެއް ވަނީ މަސައްކަތް ފަށާފަ އެވެ. އެގޮތުން އިމާދުގެ އެކުވެރިންތަކެއް ހެދި ވައިބާ ގުރޫޕެއް މެދުވެރިކޮށް އާ ސައިކަލެއް ގަތުމަށް ވަނީ ފައިސާ އެއްކޮށްފަ އެވެ. އެ މަސައްކަތުން މިހާރު ވަނީ 53،000 ރުފިޔާ އެއްކޮށް އާ ސައިކަލެއް ގަނެފަ އެވެ.

މިކަމުގައި އިސްކޮށް އުޅުނު އިމާދުގެ ގާތް އެކުވެރިޔާ އަބްދުﷲ ސުލައިމާން ބުނީ، ވައިބާ ގުރޫޕް ހަަދައިގެން ކުރިއަށް ގެންދިޔަ "ފަންޑް ފޯ އިމާދު އެންޑް ފެމިލީ" ހަރަކާތަށް ވަރަށް ބޮޑު އެއްބާރުލުމެއް ގަމުގެ ތިން އަވަށުގެ ޒުވާނުންނާއި އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. ހާއްސަކޮށް މިކަމުގައި ރަށުގެ ޒުވާނުން ވަރަށް އިސްކޮށް އުޅި ކަމަށެވެ.

ސުލައިމާން ބުނީ، މިހާރު އާ ސައިކަލެއް ގަނެފައިވާ ކަމަށާއި އެ ސައިކަލް މިއަދު އިމާދުގެ އާއިލާއާ ހަވާލުކުރާނެ ކަމަށެވެ.

އިމާދާއި އޭނާގެ އަންހެން އަދި ކޮއްކޮގެ ސައިކަލް އެއްކޮށް އަނދައިގެން ގޮސްފައިވާއިރު އެކަމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އިމާދުގެ ދެ ދަރިންނަށެވެ. އެ ދެ ކުދިންގެ ގިނަ ސުވާލުތަކަކާއި ޝަކުވާތަކެއް ސައިކަލްތައް އަނދާލުމުން ކުރަމުންދާ ކަމަށް އިމާދު ވަނީ ބުނެފަ އެވެ. ސައިކަލްތައް ކުރިމަތީ ދެ ކުދިން މާޔޫސްވެ ތިބި ފޮޓޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

ގަމަކީ ބޮޑު ރަށަކަށްވާއިރު ސައިކަލެއް ނެތުމަކީ ވަރަށް ގިނަ އުނދަގޫތަކެއް ކުރިމަތިވާ ކަމެކެވެ. ހާއްސަކޮށް ދަރިން ސްކޫލަށް ގެންދިޔުމާއި އެހެން ވެސް ތަންތަނަށް ދިޔުން ވާނީ އުނދަގޫ ކަމަކަށެވެ. އިމާދުގެ އާއިލާ މަތިމަރަދޫ އަވަށުގައި ދިރިއުޅޭއިރު ވަޒީފާއަށް ދާން ޖެހެނީ ތުނޑީ އަވަށެވެ.