ހަބަރު

ގާސިމަށް ކޮށްފައިވާ ޝަރުތުތައް ބާތިލުކޮށްދޭން އެދެފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތައް ބާތިލުކޮށްދިނުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ކްރިމިނަލް ކޯޓުގައި އެދެފި އެވެ.

ދެވަނަ ފަހަރަށް ގާސިމް ހައްޔަރުކުރި މައްސަލާގައި ދައުވާ ކުރުމަށް މި މަހުގެ ނުވަވަނަ ދުވަހު ފުލުހުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ. ޕީޖީ އައިޝަތު ބިޝާމް "އަވަސް" އަށް ވިދާޅުވީ، އެކަށީގެންވާ ހެއްކާއި ގަރީނާ ނެތިގެން އެ މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. މައްސަލަ އަނބުރާ ފޮނުވާލީ މަ މަހުގެ 10 ވަނަ ދުވަހު ކަމަށް ވެސް ބިޝާމް ވިދާޅުވި އެވެ. އެ މައުލޫމާތު ޕީޖީއިން ވަނީ ވަކީލުންނާ ވެސް ހިއްސާކޮށްފަ އެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ގާސިމް ހައްޔަރުކޮށް ފުރަތަމަ ޖެހީ 15 ދުވަހުގެ ބަންދެވެ. އެއަށްފަހު ހަތަރު ދުވަސް ޖެހި އެވެ. އެ މުއްދަތު ހަމަވީ މި މަހުގެ 10 ވަނަ ދުވަހަށެވެ. އެ ދުވަހު ގާސިމްގެ ބަންދު އިތުރުކުރުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވެ އެވެ.

ގާސިމްގެ ގާނޫނީ ވަކީލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ގާސިމްގެ މައްޗަށް ތުހުމަތުކުރާ މައްސަލާގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވޭތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިނުވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ގާސިމްއަށް ކުރި ޝަރުތުތައް

  • ތަހުގީގަށް އެއްބާރުލުން ދިނުން
  • ފުލުހުންގެ ހުއްދަ ލިޔުމަކުން ލިބިގެން ނޫނީ ރާއްޖެއިން ބޭރަށް ނުދިޔުން
  • މުޖުތަމައުގައި ފިތުނަ އުފެދޭ ވާހަކަތައް ދައްކާ ފަރާތްތަކާއެކު ބައްދަލުވުންތައް ނުބޭއްވުން
  • ހެކި ނައްތާލުމާއި ނުފޫޒު ފޯރުވުން ފަދަ ކަމެއް ނުކުރުން
  • މުޖުތަމައުގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަތައް ދެއްކުމަށް ގާސިމްގެ ގޯތިގެދޮރުފަދަ ތަންތަން ބޭނުން ނުކުރުން
  • ދައުލަތުގެ ތިން ބާރާއި ތިންބާރުގެ ވެރިންނާ ގުޅޭ ގޮތުން މުޖުތަމައުގައި ފިތުނަ އުފެދޭނެ ފަދަ ވާހަކަތައް ނުދެއްކުން
  • މުޖުތަމައުގައި ހަމަނުޖެހުމާއި ފިތުނަ އުފެދޭ ވާހަކަ ނުދެއްކުން

އެ ޝަރުތުތަކަށް އެއްބަސްވެ ވަޑައިގެން ގާސިމް ސޮއިކުރެއްވި ލިޔުމުގައިވާ ގޮތުގައި އެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އަނެއްކާ ވެސް ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އެ ޝަރުތުތައް އެމަނިކުފާނުގެ މައްޗަށް ކޮށްފައި ވަނީ 60 ދުވަހުގެ މުއްދަތަކަށެވެ.