ހަބަރު

ކުރިނބީ ފޮށި އަނެއްކާ ގުނުމުން ވެސް ކުރި ހޯދީ އެމްޑީޕީ ކެންޑިޑޭޓް

ކެނޑިޑޭޓުންނަށް ލިބުނު ވޯޓް އެއްވަރުވެގެން އިންތިހާބު ދެވަނަ ފަހަަރަށް ބާއްވަން އިލެކްޝަނުން ނިންމުމަށްފަހު ހދ. ކުރިނބީގެ ވޯޓު ފޮށި މިއަދު އަނެއްކާވެސް ގުނައިފި އެވެ. އެ ފޮށި ތިންވަނަ ފަހަރަށް ގުނިއިރު މިފަހަރު ވެސް އެއް ވޯޓުގެ ތަފާތަކުން ކުރި ހޯދީ އެމްޑީޕީގެ ކެނޑިޑޭޓެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ހާޒިރުގައި ކުރިނބީގައި ބެހެއްޓި ވޯޓު ފޮށި އިލެކްޝަން ކޮމިޝަނުން ރޭ ވެސް ގުނި އެވެ. އެ ފޮށިން ރޭ ލިބުނު ނަތިޖާ އާއި މިއަދު އަލުން ގުނައިގެން ލިބުނު ނަތީޖާ އެއްގޮތެވެ.

އިލެކްޝަނުން އަލުން އެ ވޯޓު ފޮށި ގުނުމުން ވަނީ އެ ރަށު ކައުންސިލްގެ ވަގުތީ ނަތީޖާ ދައްކާފައިވާ ގޮތުގެ އަދަދަށްވުރެ އެއް ވޯޓު އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ޝާފީއަށް އިތުރު ކަމަށް ދައްކާފަ އެވެ.

ކުރިން އިލެކްޝަުން އިއުލާންކުރި ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޝާފީގެ އިތުރުން އެމްޑީޕީގެ އަނެއް ކެނޑިޑޭޓް އަހުމަދު މުޖުތަބާ އާއި ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް އާސިފަށް ލިބިފައި ވަނީ 218 ވޯޓެވެ. އަލުން ކުރިނބީ ފޮށި ގުނިއިރު، ޝާފީއަށް ލިބުނު ވޯޓުގެ އަދަދު ވަނީ 219 އަށް އަރާފަ އެވެ.

ކުރިނބީ ކައުންސިލަށް އިންތިހާބުވެފައިވާ އަނެއް ދެ މެންބަރުންނަކީ ޕީޕީއެމްގެ ދެ ކެނޑިޑޭޓުން ކަމަށްވާ އަބްދުލް ފައްތާހު އަބޫބަކުރާއި މުހައްމަދު އަފްރާހެވެ.

ކެނޑިޑޭޓުންނަށް ލިބުނު ނަތީޖާ އެއް ވަރުވެގެން ށ. ކޮމަންޑޫގައިވެސް އިންތިހާބު ދެވަނަ ފަހަރަށް ބާއްވަން އިލެކްޝަނުން ވަނީ ނިންމާފަ އެވެ.