ހަބަރު

ފާރިސްގެ ޕާސްޕޯޓް ހިފެހެއްޓީ ފުރައްސާރަ ކުރަން: އެމްޑީޕީ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ސިޔާސީ ފުރައްސާރަ ކުރަން ކަމަށް އިދިކޮޅު، އެމްޑީޕީއިން މިއަދު ބުނެފި އެވެ.

ފާރިސް މައުމޫންގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ އެކަން ކުށްވެރިކޮށް އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާރިސް މައުމޫންގެ ޕާސްޕޯޓު ހިފަހައްޓައި އާއިލާގެ ބޭފުޅަކަށް ޒިޔާރަތްކުރުމަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފާރިސްގެ ޕާސްޕޯޓް މީގެ ކުރިން ވެސް ހިފަހައްޓާފައިވެ އެވެ. އެ މުއްދަތު ހަމަވިފަހުން މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ ބެންގަލޫރަށް ފުރާވަޑައިގަތުމަށް ފާރިސް އެއާޕޯޓަށް ވަޑައިގެންނެވުމުން ޕާސްޕޯޓް އަދިވެސް ހިފަހައްޓާފައިވާކަން ވަނީ އެނގިފަ އެވެ.

ފާރިސް ވިދާޅުވެފައިވަނީ އަލުން ޕާސްޕޯޓު ހިފެއްޓިކަމުގެ އެއްވެސް މައުލޫމާތެއް ދީފައިނުވާ ކަމަށެވެ.