ހަބަރު

އިދިކޮޅު ލީޑަރުންނަށް ރައީސްގެ ހޫނު ހަމަލާތަކެއް

އިދިކޮޅުގައި ތިއްބެވި ލީޑަރުންނަށް ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ. ރައީސްގެ މި ފާޑުކިޔުންތައް އިދިކޮޅަށް އަމާޒުކޮށްފައިވަނީ މިރޭ އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޕީޕީއެމް/އެމްޑީއޭގެ ސިޔާސީ ރެލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ އެވެ.

"އަޅުގަނޑުމެން މާ ވަރުގަދަ ސިޔާސީ ލީޑަރުން، އެންމެ ފުރަތަމަ ގައުމޭ ވިދާޅުވާ ސިޔާސީ ލީޑަރުން މިއަދު އެންމެ ފުރަތަމަ ގައުމޭ ވިދާޅުވޭތޯ؟، މިހިރަ އެމްޑީޕީ ޖަގަހައިގައި އެ ޖަހަނީ ތިއައޭ ޒައީމޭ އަދު ލޮބުވެތިވާ އެ ލަވަ، މިއީ މިއަދު ހާލު ހުރި ގޮތް،" އިދިކޮޅު ފަރާތްތައް ސިފަ ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ލީޑަރުން އެންމެ ފުރަތަމަ ގަބޫލު ކުރަންވީ ކަމަކީ ގާނޫނަކީ އެންމެންގެ މައްޗަށް އެއް ހަމައެއްގައި ހިނގާނެ އެއްޗެއްކަން ކަމަށެވެ. އެކަން ގަބޫލުކޮށް އަމިއްލައަށް އަރުވާލެވިގެން ތިއްބެވި ބޭފުޅުން ރާއްޖެ ވަޑައިގަތުމަށް ވެސް ރައީސް ދައުވަތު ދެއްވި އެވ. ވިދާޅުވީ ރާއްޖޭގެ ކަންކަމާ ފާޑުކިޔަންވާނީ ފިލައި ތިބެގެން ނޫން ކަމަށާއި ރާއްޖެއަށް ވަޑައިގެން ކަމަށެވެ.

"ކީއްވެގެން ފިލައި ތިބެންވީ ބޭރުގަ، މިތާ ވެރިކަމަށް ދަހިވެތިވާ މީހުން އަންނަންވީ ރާއްޖެ، ދުރުގަ ތިބެގެން ފާޑުކިޔައިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅުގައި ތިއްބެވީ "އެކަކު އަނެއްކަކާ އިދިކޮޅު" ބޭފުޅުން ކަމަށެވެ. އެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ގުޅޭ ގޮތުން މީގެ ކުރިން ދައްކާފައިވާ ވާހަކަތަކީ އެންމެންނަށް ދަންނަ ވާހަކަތަކެއް ކަމަށާއި އެ ބޭފުޅުންނަކީ އެއް ބޭފުޅަކު އަނެއް ބޭފުޅަކު ހިމާޔަތް ކުރެވޭނެ ބޭފުޅުން ނޫން ކަމަށެވެ.

"މިއަދު އެ ބޭފުޅުން ތިއްބެވީ އެއް ބޭފުޅަކު އަނެއް ބޭފުޅަކު ހިމާޔަތް ދެވޭ ހާލަތެއްގަ ނޫން، އެ ހުރިހާ ބޭފުޅުން ތިއްބެވީ ގަނޑުކޮށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން، މިހާރު ވެސް ގަބޫލުކުރަންވީ ނޫންތޯ؟ މި ސަރުކާރުގަ ގާނޫނީ އަތް ފޯރާނެ ކޮންމެ ފަރާތަކާ ހަމައަށް ވެސް، މިކަންކަން ގަބޫލުކޮށްގެން ކުރީގަ ރައީސްކަން ކުރެއްވި ބޭފުޅުން ވެސް އަންނަންވީ ނޫންތޯ ޖަވާބުދާރީވާން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިދިކޮޅުގައި މިހާރު ތިއްބެވި ގިނަ ލީޑަރުންނަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެތައް އަނިޔާތަކެއް ލިބިފައިވާ ބޭފުޅުން ކަމަށެވެ. އެ ބޭފުޅުންނަކީ ފިކުރުގައި ވެސް ތަފާތު ބޭފުޅުން ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން ސިޔާސީ ގޮތުން އެއް ގަލަކަށް އަރާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"އިދިކޮޅުގަ އެ ތިއްބެވި ބޭފުޅުންނަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނުން ބޭރުން އެތައް އަދަބުތަކަކާއި ޖެއްސުންތަކާއި ފުރައްސާރަތައް ލިބިފައިވާ ބޭފުޅުން، ދެން ކިހިނެއްތޯ؟ އުފެދުމުގަ ތަފާތު ބައެއް، ވިސްނުމުގަ ތަފާތު ބައެއް، ފިކުރުގަ ތަފާތު ބައެއް ކޮން ގޮތަކުންތޯ ސިޔާސީ ގޮތުން އެއް ގަލަށް އަރާނީ، ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް އޭގެ ތެރެއިން އެނެއްކަކު ނިކުންނާނީ މޭގަ އަޅާ ވައްޓާލަން، މިއީ އަޅުގަނޑުމެންނަށް މީގެ ފަހުގަ ތާރީހުގަ ދައްކާފައިހުރި ކަންކަން،" ރައީސް ވިދާޅުވި އެވެ. "މީހެއްގެ އަބުރު ހިފަހައްޓާނީ އެމީހަކު، މީހެއްގެ ދުލުން ބޭރުކޮށްލާ ބަހަކީ އެމީހަކު ޝިކާރަކުރަން އަންނާނެ އެއްޗެއްކަން އަޅުގަނޑުމެން ސިޔާސީ ބޭފުޅުންނަށް އެނގެން ޖެހޭނެ، އެމްޑީޕީގެ ވެރިކަމުގަ ކުރިމަތިވި އަނިޔާއާއި ދަތިތައް ތަހަމަލްކުރިއިރު މިއަދު އިދިކޮޅުގަ އެމްޑީޕީއާ އެއްދާން ކުރާ މީހުންގެ އަމަލުތައް އޭރު ހުރި ގޮތް އެނގިލައްވާނެ،"

ރައީސް ވިދާޅުވީ، ކުށެއް ކޮށްފިނަމަ ނުވަތަ ނުވަތަ ކުށަކަށް ތުހުމަތު ކުރެވެމުން އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. ގާނޫނީ އަތަކީ ކޮންމެ މީހަކާ ހަމައަށް ވެސް ފޯރާނެ އަތެއް ކަމަށާއި އެކަމަށް މި ސަރުކާރުން ހުރަސް ވެސް ނާޅާނެ ކަމަށެވެ. އިދިކޮޅުގައި ތިއްބެވީ މުޅިން ވެސް މިފަދަ ކަންކަމުގައި ޖަވާބުދާރީވާން ޖެހިފައިވާ ފަރާތްތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެއީ ވެސް އެ ފަރާތްތަކަށް އެއް ގަލަށް ނޭރޭނެ ސަބަބެއް ކަމަށެވެ.

"ކޮބައިތޯ މުލިއާ ގެއިން ނެރުނު ރާފުޅިތައް، އެއަށް ޖަވާބުދާރީވާން ޖެހޭ ބަޔަކު ތިބެގެން ޖެހޭނެ، ގެއަކުން ހަތިޔާރު ފެނުނީމަ، އެ ހަތިޔާރު ފެނުނު ގޭގެ ވެރިމީހާއަށް ޖަވާބުދާރީ ނުވެވުނީމަ އެމީހަށް ގާނޫނީ ހުކުމް އައިސް ޖަލުގެ ގޮޅިތައް އެބަދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީ ސަރުކާރާ ދެކޮޅަށް ޕީޕީއެމާއި މިހާރު އިދިކޮޅުގައި ތިއްބެވި ފަރާތްތައް ނުކުތީ ގާނޫނުން ބޭރުން ބޮޑެތި ޖަރީމާތައް ހިނގަމުންދާތީ ކަމަށެވެ. އޭރު މުޒާހަރާއަށް ނިކުތީ އެ ސަބަބުތައް އޮވެގެން ކަމަށާއި ނަމަވެސް މިހާރު ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނިކުންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ގާނޫނުން ބޭރުން މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

"މިއަދު މުޒާހަރާއަކަށް ގޮވާލަން ޖެހޭ ކަމެއް އެބަ އޮތްތޯ؟ މިހާރު މުޒާހަރާއަށް ގޮވާލާނެ ކަމެއް ނެތް، މުޒާހަރާއަކަށް ގޮވާލެވުނު ނަމަވެސް އެއަށް ހިތްވަރު ދޭން ނިކުންނާނެ ބަޔަކު ނެތް، މީހުން މަސްއޫލުވެފަ މިތިބީ ރާއްޖޭގައި ހުރި މަސައްކަތްތައް ގިނަވެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ވޯޓު ހޯދުމަށް ބަޔަކު ރައްޔިތުންނަށް އޮޅުވާލިޔަސް އެއީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ހަމައެހެންމެ ގައުމުގެ ބޮޑެތި މައްސަލަތައް އޮޅުވާލައި ދޮގު ވެސް ނަހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ މައްސަލަތައް އޮޅުވާލާނެ މީހެއް ނޫން، އަޅުގަނޑަކީ ދޮގު ހަދާނެ މީހެއް ނޫން، އަޅުގަނޑަކީ ވޯޓަށް ރައްޔިތުން ވާވައްދާނެ މީހެއް ނޫން،" ރައީސް ވިދާޅުވި އެވެ.