ހަބަރު

އެމްޑީޕީގެ މެޖޯރިޓީ އޮތަސް، ތަރައްގީ ގެންނާނަން: ރައީސް

ކައުންސިލްތަކުގައި އެމްޑީޕީގެ މެޖޯރިޓީ އޮތަސް އެ ދާއިރާތަކަށް ގެންނަންޖެހޭ ތަރައްގީ ސަރުކާރުން ގެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީން ވިދާޅުވީ، ތަރައްގީ ގެނައުމަށް އެމްޑީޕީގެ ކައުންސިލަރުންގެ އެހީތެރިކަން މުހިންމު ނޫން ކަމަށެވެ.

"އެމްޑީޕީގެ މެޖޯރިޓީ ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކުގައި ލިބުނު ނަމަވެސް ތަރައްގީއަށް ހުރަސް އަޅުއްވަން ނޫޅުއްވާށޭ، އަޅުގަނޑުމެން އެ ބޭފުޅުން އެހީ ވިޔަސް އެހީ ނުވިޔަސް ރާއްޖޭގެ އެކި ހިސާބުތަކަށް އަޅުގަނޑުމެން ގެންދާ ތަރައްގީ ގެންދާނަން، އެއީ ދިވެހި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭ ކަންކަން،" އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޕީޕީއެމް/އެމްޑީއޭގެ ސިޔާސީ ރެލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން މީގެކުރިން ވެސް ވަނީ ސަރުކާރަށް ޖެއްސުންކޮށްފަ ކަމަށެވެ. ތަރައްގީއަށް ހުރަސްއަޅަން މަސައްކަތް ކޮށްފަ ކަމަށެވެ. އެހެންނަމަވެސް ދިވެހި ދައުލަތަކީ ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންދާ ދައުލަތަކަށްވުމުން ރައްޔިތުންނަށް ގެންނަންޖެހޭ ތަރައްގީ ދިޔައީ ގެނެސްދެމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މީގެ ކުރީ އަހަރުތަކުގައި ވެސް އެމްޑީޕީ މެޖޯރިޓީ އޮތް ކައުންސިލްތަކުން ސަރުކާރުގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ދަތިކޮށްފަ ހުރީ، ޒުވާނުންނަށް ފުޓްސަލް ދަނޑު އަޅަން ބިން ކަނޑައިދޭން ބުނީމަ ބިން ކަނޑައިނުދީ އެތައް މަހެއް ހޭދަކޮށްފަ ހުރީ، އެހެންނަމަވެސް އެ ކައުންސިލް އެހެން އޮތަސް ދިވެހި ދައުލަތުގެ ފުރިހަމަ ސިޔާދަތު ރާއްޖޭގެ ކޮންމެ ރައްޔިތަކާއި ކޮންމެ އަކަފޫޓެއްގެ މައްޗަށް ހިނގާނެ ސަރުކާރެއް ކަމަށްވާތީ އެކަން ވެސް އަޅުގަނޑުމެން އޮންނާނީ ކޮށްފަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިޖުތިމާއީ އަދި އުމްރާނީ ގޮތުން ތަރައްގީގެ އެތައް ކަމެއް ކުރުމަށް މިހާރު "ފުނިޖެހިފައި"ހުރީ ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ގޮތެއްގައި ރާއްޖެ ތަރައްގީކުރަން މަސައްކަތް ކޮށްފައިނުވާތީ ކަމަށެވެ. މި ސަރުކާރުން އަބަދުވެސް ބަލަނީ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދީ، ރައްޔިތުން ފުދުންތެރިކުރުން ކަމަށެވެ. އެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ވެސް ސަރުކާރާ ވާހަކަ ދައްކަން ޖެހޭނީ ރައްޔިތުންނަށް ގެންނަ ތަރައްގީއާ ގުޅޭ ގޮތުން ކަމަށާއި ސަރުކާރަށް ފާޑުކިޔަން ޖެހޭނީ އެކަންކަމުގައި ރަނގަޅުކުރަންވީ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ. ސަރުކާރާ މަޝްވަރާ ކުރަން ޖެހޭނީ ރައްޔިތުންނަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ. ވެރިކަމާ ގުޅޭ ގޮތުން ނޫން ކަމަށެވެ. ވެރިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުންނަމަ އިންތިހާބަށް މަޑުކުރެއްވުމަށް އިދިކޮޅު ފަރާތްތަކަށް ރައީސް ގޮވާލެއްވި އެވެ.

"އަޅުގަނޑުމެންނާ ވާހަކަ ދައްކަން ބޭނުންވަންޏާ ފެއްސާއި ރަތާއި ހުދުގެ ވާހަކަ ދައްކަވާ، އެކަމަކު އަޅުގަނޑުމެންނާއެކު ދައްކަން ބޭނުންވާ ވަހަކައަކީ ހަމައެކަނި ވެރިކަމުގެ ވާހަކަ ކަމަށްވަންޏާ ހަމަ ރަނގަޅު ވާނީ އިންތިހާބަކަށް މަޑު ކުރެއްވިއްޔާ، 2018 މާ ދުރެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީ އާއި ދިވެހި ސަގާފަތަށް ގެންނަން ޖެހޭ ބަދަލާއި ރާއްޖޭގެ ރިވެތި އުސޫލުތައް ރުޖޫއަކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި މީހުންގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ހައްގުތައް ނިގުޅައިގަނެވިފަ ތިބި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ލިއްބަވައިދިނުމަށް ކުރާ މަސައްކަތްތަކާއި ދުވަސްވީ މީހުންނަށް ސިއްހީ ހިދުމަތް ދެވޭނެ ނިޒާމާއި އެމީހުންގެ ދިރިއުޅުން ތަނަވަސް ކުރެވޭނެ ޕެޝަނާއި ޒުވާނުންނަށް މީގެކުރިން އެއްގޮތަކަށް ވެސް އަޅާނުލެވި ހުރި ކަންކަން އަނބުރާ ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކާއި ބޯހިޔާވެހިކަމާއި ފެނާއި ނަރުދަމާއާ ދެން މި ލިސްޓް ނިމޭނެތޯ؟ މި ލިސްޓްގެ ވާހަކަ ދައްކާކަށް އިދިކޮޅު ފަރާތްތަކަށް އެއްގޮތަކަށް ވެސް ކެތެއް ނުވާނެ، މި ލިސްޓަކީ އެ ބޭފުޅުން ދެކި ވަޑައިގަތް ލިސްޓެއް ނޫން،"