ކަނޑުމަތީގެ ހާދިސާ

ކޮޅުއްވެއްޓި ފެނިއްޖެ، އެންމެން ތިބީ ސަލާމަތުން

  • އެންމެން ވެސް ތިބީ ސަލާމަތުން
  • ފެނުނީ އިސްދޫ ކައިރިން
  • ކޮޅުވެއްޓި ފެނުނީ އިންޑިއާގެ އެއާކްރާފްޓަށް

މީގެ ހަތަރު ދުވަސްކުރިން ގެއްލިގެން ހޯދަމުން ދިޔަ ކޮޅުވެއްޓި ފެނިއްޖެ އެވެ. ކޮޅުއްވެއްޓި ފެނިފައިވަނީ ލ. އިސްދޫ 130 ނޮޓިކަލް މޭލު ބޭރުންނެވެ. ކޮޅުވެއްޓީގައި ތިބި ހަ މީހުންނަށް ވެސް ގެއްލުމެއްވެފައެއް ނެތެވެ.

ދާދިދެންމެއަކު އެމްއެންޑީއެފްއިން ބުނީ، މަރިޔާ 3 ކޮޅުވެއްޓި ފެނިފައިވަނީ އެ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑާއެކު ހަރަކާތްރެރިވަމުންދިޔަ އިންޑިއާގެ ނެވީގެ އެއާކްރާފްޓަށް ކަމަށެވެ. އެ އެއާކްރާފްޓްގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ރެސްކިއު ޓީމެއް ވެސް ހިމެނެ އެވެ.

ކޮޅުވެއްޓި ފެނުނުއިރު އޭގެ ތިބި ދެ ދިވެހިންނާއި ހަތަރު ބިދޭސީންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެމްއެންޑީއެފްއިން ބުނީ އެ ކޮޅުވެއްޓިއަށް ދަތުރު ނުކުރެވި އޮތީ ކޮޅުވެއްޓީގެ ކުރީގަ އޮންނަ ރޭމްޕް ވެއްޓިފައި އޮތުމުގެ ސަބަބުން ކަމަށެވެ.

އިންޑިއާގެ މަނަވަރު މިހާރު އޮތީ ކޮޅުވެއްޓި ކައިރީގަ ކަމަށާއި މަނަވަރުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ސިފައިން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ކޮޅުވެއްޓި ހޯދުމަށް ކޯސްޓްގާޑުން ފެށި އޮޕަރޭޝަނުގައި އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.