ރިޕޯޓް

ނަޝީދު އިސްވެ މައާފަށް ނޭދޭނެ ސަަބަބާއި މިނިވަން ވެވޭނެ މަގު!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުން ބުނަނީ ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށް ލާފައި ހުރި ނަޝީދު އަދަބު ލުއިކޮށްދެއްވުމަށް އަމިއްލަފުޅަށް އެދިވަޑައިގަތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވަނީ ނަޝީދުގެ މައްޗަށް ހުކުމް އައީ އެ މަނިކުފާނު ފަރުދީ ގޮތުން ކުރެއްވި ކަމަކަށް ވުރެ ބޮޑަށް، ގައުމުގެ ވެރިޔަކަށް ހުންނަވައިގެން ކުރެއްވި ކަމަކާ ގުޅިގެން ކަމަށް ވާތީ އެވެ. 

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދަށް އިއްވާފައިވާ ހުކުމަށް ލުޔެއް ދޭން އަމިއްލަ އަށް އެދިވަޑައިގަތުމަކީ ރީތި ގޮތެއް ނޫން ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން ބުނުމުން އަނެއްކާ މި މައްސަލަ، ގާނޫނީ ޓީމާއި ރައީސް އަބްދުﷲ ޔާމީން އެއް ބަޔަކު އަނެއް ބަޔަކަށް ފާކޮށްލަކޮށްލާ ތިބޭނީ ބާވައޭ އެބަ ހީވެ އެވެ.

އަދަބަށް ލުއި ދިނުމުގައި އިސް ނެގުމުގެ ބާރު ގާނޫނުން ރައީސަށް ލިބިދޭތީ، ނަޝީގެ ގާނޫނީ ޓީމުން އެ ބުނާ ގޮތަށް އެކަން ކުރެވިދާނެ އެވެ. "ޖިނާއީ ކުށެއްގެ ހުކުމް އިއްވާފައިވާ މީހެއްގެ އުމުރަށް ބަލައި ނުވަތަ އޭނާ ގައިގައި ހުރި ބައްޔަކަށް ބަލައި ނުވަތަ އޭނާ ހޯދަމުންދާ ފަރުވާއަކަށް ބަލައި ނުވަތަ އޭނާ ހުރި ވަގުތަށާއި ހާލަތަށް ބަލައި ނުވަތަ އިންސާނިއްޔަތު ކަމުގެ ނަޒަރަކުން ބަލައި ރައީސުލް ޖުމްހޫރިއްޔާގެ އިސްނެގުމުގައި އޭނާގެ އަދަބު ލުއިކޮށްދިނުމުގެ އިހްތިޔާރު ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެންވެ އެވެ." ކަމަށް ގާނޫނުގައި އެބަ އޮތެވެ.

ގާނޫނު ބުނާ ގޮތުން ޓެރަރިޒަމްގެ ކުށަށް މައާފެއް ނުދެވޭނެ އެވެ. މީގެ އިތުރުން މީހަކު މެރުން، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް، ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށް އަދި އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށަށް ވެސް މައާފެއް ނުދެވެ އެވެ.

މިހެން އޮތް ނަމަވެސް މައާފް ނުދެވޭނެ ކުށްތަކުގެ އަދަބުގެ މުއްދަތު ކުރުކޮށްދިނުމަށް ނުވަތަ އެ ކުށަށް އޮތް ލުއި އަަދަބަކަށް ބަދަލު ކުުރުމަކަށް ހުރަހެއް ނެތް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. ނުކުރެވޭނެ ކަމަކީ އެއްކޮށް މައާފު ދިނުމެވެ.

ނަޝީދުގެ މައްޗަށް ސާބިތުވި ހުކުމުގައި އެންމެ ކުޑަ އަދަބަކީ ވެސް 10 އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުމެވެ. އެހެންވެ ހުކުމުގެ މުއްދަތު ކުރު ކުރިޔަސް މާބޮޑު ހިތްހަމަޖެހުމެއް ނެތެވެ. އެކަމަކު ގާނޫނުގައި ލަފްޒުތައް މާނަކޮށްފައި ހުރި ގޮތަށް ބަލައިލުމުން ނަޝީދަށް ޖަލުން ނިކުމެ މިނިވަންކަމާ އެކު އުޅެވިދާނެ މަގެއް ފެނެ އެވެ. އެއީ ހުކުމް ތަންފީޒު ކުރުން ފަސްކުރުމެވެ.

ގާނޫނުގައި ލަފްޒުތައް މާނަކޮށްފައި ހުރި ގޮތަށް ބަލާއިރު "މައާފް ދިނުން" އެއީ މީހަކު އެއްކޮށް މިނިވަން ކުރުން ނޫން ކަމަށް ވެދާނެ އެވެ. މި ގާނޫނުގައި މައާފް ދިނުމުގެ މާނަ އަކީ ގާނޫނުގެ ދަށުން ހުށަހަޅާ އިލްތިމާސަކާ ގުޅޭ ގޮތުން، ހުކުމް ތަންފީޒުވަމުންދާ މީހެއްގެ އަދަބު ނުވަތަ އަދަބުން ބައެއް މައާފްކޮށްދިނުމުގެ ގޮތުން ނުވަތަ ލުއިކޮށްދިނުމުގެ ގޮތުން ރައީސް ކަނޑައަޅާ ކަނޑައެޅުމެވެ. އަދަބު ލުއިކޮށްދިނުން ކަމަށް ބުނާ ލަފުޒުގެ މާނައިގެ ތެރޭގައި، ލުއި އަދަބަކަށް ބަދަލުކުރުން، ހުކުމުގެ މުއްދަތު ކުރުކޮށްދިނުން ނުވަތަ ހުކުމް ތަންފީޒު ކުރުން ފަސްކުރުން ވެސް ހިމެނެ އެވެ.