ކަނޑުމަތީގެ ހާދިސާ

މީހަކާއެކު ކެޓަމަރާނެއް ގެއްލިގެން ހޯދަން ފަށައިފި

މީހަކާއެކު ކެޓަމަރާނެއް ގެއްލިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ދެންމެ ބުނީ، ކަޓަމަރާންއާއެކު ގެއްލިފައިވަނީ އދ. އަތުރުގާ ރިސޯޓްގެ ވޯޓާ ސްޕޯޓްސް އިންސްޓްރަކްޓަރެއް ކަމަށެވެ. އެއީ ސްރީލަންކާގެ ރައްޔިތެކެވެ.

ލަންކާގެ އެމީހާ ކެޓަމަރާންގައި މިއަދު ނިކުމެފައިވަނީ 12:13 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެއީ 15 ވަރަކަށް ފޫޓްގެ ކަޓަމަރާނެކެވެ. އެމީހާ ކަނޑުމައްޗަށް ނިކުމެ ހަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯސް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ 12:50 ގަ އެވެ. އދ. މަހިބަދޫގައި އޮތް ސީ އެންބިއުލާންސް އެ ސަރަހައްދަށް ފޮނުވައިގެން މިހާރު އެމީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ރިސޯޓްތަކުގެ އުޅަނދުތައް ވެސް ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް މޫސުން ގޯސްވެ، ކަމޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. މިދިޔަ ހަފުތާ ތެރޭގައި ކޮޅުވެއްޓިއެއް ގެއްލިގެން ވެސް އެމްއެންޑީއެފްއިން ހާއްސަ އޮޕަރޭޝަނެއް އިންޑިއާއާއެކު ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގައި ތިބި މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.