ރޯދަ މަހާ ރޯއްޖާ

ޑރ. ޝަހީމާއެކު ރޯދައިގެ ދަރުމަ: ރޯދައިގެ މުހިންމުކަން

ރޯދަ މަހަކީ އަޅުކަމުގެ މައްސަރެވެ. މިއީ އަގީދާ ވަރުގަދަކޮށް ނަފުސު ތޯހިރުކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. ދީނީ އިލްމްވެރިންގެ އަގުހުރި ނަސޭހަތްތަކުގެ ބަސް އަހައިގެން އަމަލުތައް އިސްލާހު ކުރަންވީ ވަގުތަކީ މިއެވެ.

"އަވަސް" ގެ ކިޔުންތެރިންނަށް މި މާތް މައްސަރާ އެކު މި ހަދިޔާކުރާ "ރޯދައިގެ ދަރުމައިގެ" ވީޑިއޯ ސީރީޒް އަކީ ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަގުހުރި ނަސޭހަތްކޮޅެކެވެ. މި ރޯދަ މަސް ނިމެންދެން ކޮންމެ ދުވަހަކު ޝެއިހްގެ އަގުހުރި ނަސޭހަތްކޮޅެއް ތިޔަ ކިޔުންތެރިންނަށް ގެނެސްދޭނެ އެވެ. ރޯދަ މަހުގެ ތަހުނިޔާއާ އެކު، މި ސީރީޒް މި ފަށަނީ، އިސްލާމްދީންގައި ރޯދަޔަށް ދީފައިވާ މުހިންމު ކަމުން އެވެ.

އިސްލާމްދީނުގައި ރޯދައަށް ދީފައިވާ އިސް ކަމަކީ ކޮބައި ހެއްޔެވެ؟

ރޯދަ މަހަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަގާމެއް މާތްﷲ ވަރަށް ދެއްވާފައިވާ މައްސަރެކެވެ. ކީރިތި ޤުރުއާންގައި މާތް ﷲ ވަނީ ރޯދަ މަހަށް ތައުރީފްގެ ބަސް އިއްވާފަ އެވެ.

ރަމަޟާން މަހުގަ މާތް ﷲ މުސްލިމުންގެ މައްޗަށް ރޯދަ ފަރުޟު ކުރައްވާފައިވަނީ، މުސްލިމުން މާތް ﷲ އަށް ތަގުވާވެރިވުމަށްޓަކަ އާއި ކިޔަމަންތެރިކަން އަދާކުރުމަށްޓަކަ އެވެ. ރަސޫލާ މުހައްމަދު صلى الله عليه وسلم ވަނީ ރޯދަ ހިފާ މީހާގެ ފާފަ ފުއްސަވާނެ ކަމަށް ހަދީޘް ކުރައްވާފަ އެވެ.

އެހެންކަމުން މި ކުރިމަތިލަނީ ބަރަކާތްތެރި މޫސުމަކާ އެވެ. ވަރަށް މާތް ދުވަސްތަކާ އެވެ. މި ދުވަސްތަކުގައި ކުރާ ހެޔޮ އަމަލުގެ ސަވާބާއި ދަރުމަ، އެހެން މައްސަރުތަކުގަ ކުރާ ހެޔޮ އަމަލުތަކުގެ ސަވާބާއި ދަރުމައަށްވުރެ މާތްﷲ އިތުރުކޮށްދެއްވަ އެވެ.

ރަމަޟާން މަހަކީ ސުވަރު ގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުވާ މައްސަރެކެވެ. ސައިތާނުން ބަންދުކުރެވެ އެވެ. އަދި ބަރަކާތްތެރި ރެއެއް އެ މައްސަރުގައި ހިމެނެ އެވެ. އެއީ، ލައިލަތުލްގަދުރުވި ވިލޭ ރޭ އެވެ. އެ ރޭގެ އިންތިޒާރުގައި މުސްލިމުން މަސައްކަތް ކުރަންޖެހެ އެވެ. އެ ރޭ ހާސިލުކުރުމަށް މަސައްކަތް ކުރަންޖެހެ އެވެ. އެ ރެއަކީ 1،000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ.

އެހެންކަމުން ރަމަޟާން މަހަށް ކުރިމަތިލާންވީ ސާފު ހިތަކާއެކު އެވެ. ހެޔޮ އަމަލުތައް ކުރުމަށް ތައްޔާރުވެގެންނެވެ. އެކަމަށް އަޒުމު ކަނޑައަޅައިގެންނެވެ.