ދީން

ރޯދައިގެ ދަރުމަ: ހާރު ވީހާވެސް ފަތިހާ ކައިރި ކުރޭ!

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު އަވަސްއިން ގެނެސްދޭ، "ރޯދައިގެ ދަރުމަ" އިގެ ދެވަނަ އެޕިސޯޑްގެ މައުލޫއަކީ ހާރު ކެއުމުގެ މުހިންމު ކަމާއި އޭގެ ފައިދާ އެވެ.

ރޯދައަށް ހުންނަ މީހާ ހާރު ކެއުމަކީ މުހިންމު ކަމެއް ކަމަށް ރަސޫލާ މުހައްމަދު صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފަ އެވެ. ހާއްސަކޮށް ރަމަޟާން މަހުގެ ރޯދަ ހިފާއިރު ހާރު ކެއުމަކީ ބަރަކާތް ލެއްވިގެންވާ ކަމެއް ކަމަށް ރަސޫލާގެ ހަދީޘްތަކުން އެނގެ އެވެ.

ހާރު ކެއުމަކީ ދީނުގައި ކިހާ މުހިންމުކަމެއް؟

ހާރު ކެއުމުގައި ބަރަކާތް ލެއްވިގެންވާ ގޮތް އިލްމްވެރިން ތަފާތު ގޮތްގޮތަށް ބަޔާންކޮށް ދެއްވާފައިވެ އެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ވީހާވެސް ފަތިސް ނަމާދު ގަޑިއާ ގާތްކޮށްފައި ހާރު ކެއުމުން ދުވާލު ބަނޑުހައިވެ ވަރުދެރަވުން ކުޑަވެ، ގިނައިން އަޅުކަންތައް ކުރެވެ އެވެ. ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަށްވާއިރު ހާރު ކެއުމުން އެކަމަށް މީހާގެ ގައިގާ ވަރު ހުރެ އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އިލްމްވެރިން ބަޔާން ކުރައްވާފައިވަނީ، ހާރު ކެއުމަކީ ހަމައެކަނި މި އުއްމަތަށް ހާއްސަ ކަމަކަށް ވުމެވެ. އެހެން އުއްމަތްތަކުގެ މީހުން ރޯދަ ހިފުމަށް ދަންވަރު ހާރެއް ނުކަ އެވެ.

ތިންވަނަ ކަމަކީ ހާރު ކެއުމަށް ހޭލުމަކީ ފަތިސް ނަމާދަށް ދިޔުމަށް ފަސޭހަވާ ކަމަކަށް ވުމެވެ. ހާރު ކެއުން އެންމެ ރަނގަޅީ ނުވަތަ ސުންނަތް ގޮތަކީ ފަތިސް ނަމާދު ގަޑިއާ ވިހާވެސް ކައިރިކޮށްފަ ހާރު ކެއުމެވެ. މިހާރަކަށް އައިސް ވަރަށް ގިނަ ޒުވާނުން ހާރު ކައިގެން ނިދަ އެވެ. ނަމަވެސް އެއީ ސުންނަތް ގޮތެއް ނޫނެވެ.

ހާރު ކެއުމުގައި އިސްކަންދޭންވީ ކޮން ކަމަކަށް؟

ހާރު ކެއުމަށް މާގިނަ ކާއެއްޗެއް މުހިންމެއް ނޫނެވެ. ބަންގިއާ ގާތްކޮށްފަ ކަދުރެއް ކައި، ފެންފޮދެއް ބުއިމުން ވެސް ހާރު ކެއުން ކަމަށް ބެލެވޭނެ އެވެ. އެ ގަޑިއަށް ބޮޑު ކެއުމެއް ކޮންމެހެން ތައްޔާރު ކުރަން ނުޖެހެ އެވެ.

ހާރު ކެއުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ ސުންނަތާ އެއްގޮތަށް ހާރު ކެއުމަށެވެ. އެއީ ފަތިސް ނަމާދު ވަގުތާ ވީއެންމެ ކައިރިކޮށްފަ ހާރު ކެއުމެވެ. ރަސޫލާ ބަޔާން ކުރައްވާފައިވާ ބަރަކާތް އޭގެން ލިބޭނީ އޭރަށެވެ.

ރޯދައިގެ ފައިދާ ލިބޭނީ ހާރު ކައިގެން ފަތިސް ނަމާދުކޮށް، ދުވާލު އަޅުކަމުގައި ހޭދަކޮށްގެންނެވެ. ދަންވަރު ބާރަ އެކެއް ޖަހާއިރު ހާރު ކާލައިގެން ނިދާ ގޮތަށް މުޅި ދުވަހު ނިދުމުގައި ހޭދަކޮށްގެން ރަމަޟާން މަހުގެ ބަރަކާތް އެމީހަކަށް މިންވަރެއް ނުކުރާނެ އެވެ.