ރޯދަ މަހާ ރޯއްޖާ

ދުޝްމަނުންގެ ބަޑިއަށް ނުސިހުނު ނަރުސް!

މީގެ 28 އަހަރުކުރިން ތަމަޅަ ޓައިގަރުންގެ ބަޔަކު މާލެ އަރައި ކުއްލިއަކަށް ނުރައްކާތެރި ހަމަލާތަކެއް ދިން ދުވަހަކީ މި ޖީލުގައި ފެނިގެން ދިޔަ އެންމެ ބިރުވެރި އެންމެ ހިތާމަވެރި އެއް ދުވަހެވެ. ދިވެހިންތަކެއް ޝަހީދުވި އެ ދުވަހަކީ ދިވެހިންގެ ގިނަ ބަޔެއްގެ އަދާޔާ ހިލާފު ހިތްވަރެއް ވެސް ފެނިގެންދިޔަ ދުވަހެކެވެ. އެތައް ދިމާލަކުން "ހީރޯ" އިން ނުކުތް ދުވަހެކެވެ. ނަމަވެސް އޭގެ ތެރެއިން މީހުންނަށް އެނގެނީ މަދު ބަޔަކެވެ. މިއީ ވެސް މީގެ ކުރިން އެ ހީރޯއެއްގެ ވާހަކަ އަޑު ނީވި އޮތް ނޮވެމްބަރު ތިނެއްގެ "ހީރޯ" އެކެވެ. އާސިޔާ ނާޒްލީ އެވެ.

އާސިޔާ ނާޒްލީގެ ކެރުމާއި ހިތްވަރުގެ ވާހަކައަށް ދިޔުމުގެ ކުރިން އޭނާގެ ތައާރަފެކެވެ. ނާޒްލީއަކީ މީގެ 40 އަހަރު ކުރިން ނަރުހުންގެ ހިދުމަތާ ގުޅުނު ނަރުހެކެވެ. އަމީނިއްޔާ ސްކޫލުން ފަށައި އީޕީއެސްއިން ގުރޭޑް ނުވައަކުން ނިންމާލި ގޮތަށް ނަރުހުންގެ ހިދުމަތާ ގުޅުނީ އޮފީހެއްގެ މޭޒު ކައިރީގައި އިނދެ ވަޒީފާ އަދާކުރާ ހިތް ނެތުމުންނެވެ. އޭނާގެ ހިތް އެދުނީ އިންސާނީ ހައްގުގައި މަސައްކަތް ކުރާށެވެ.

ނަރުހަކަށްވުމުގެ ހުވަފެނުގައި 1975 ވަނަ އަހަރު އޭނާ އެ ޓްރެއިނިން ހެދި އެވެ. އޭރުގެ ސަރުކާރު ހޮސްޕިޓަލް، ސެންޓަރަލް ހޮސްޕިޓަލުން ވަޒީފާ ހަމަޖެހުނީ 1976 ގަ އެވެ. އޭރު ނަރުހުންގެ ހިދުމަތުގައި މާގިނަ ބަޔަކު ނޫޅެ އެވެ. އަތުން ގުނާލެވޭހާ މަދުން ނޫނީ ނަރުހުން ނެތްއިރު އެފަދަ މީހަކަށްވުމަށް އޭނާއަށް ފުރަތަމަ ގޮންޖެހުންތައް ކުރިމަތިވި އެވެ. އާއިލާއިން އެކަމާ އެންމެ ރުހޭ ގޮތް ނުވުމުންނެވެ. ނަރުހަކަށް ވުމަކީ ނާޒްލީގެ މަންމައަށް ކަމުދާ ކަމަކަށް އޭރު ނުވި އެވެ.

"އެއީ ހަޑި މަސައްކަތެއް ކަމަށް ގަބޫލު ކުރެވޭތީ އޭރު، ޑިއުޓީ ނަގަންޖެހި، ރޭގަނޑު ހޭލާ ހުންނަން ޖެހޭ ވަޒީފާއަކަށް ވާތީ، ކޮންމެ ވަގުތަކު ވެސް ދާންޖެހިދާނެ، އެހެންވެ އާއިލާއިން އެހާ ގަބޫލު ކަމަކަށް ނުވީ، އެކަމަކު އަޅުގަނޑު ހަމަ ކުރާ ހިތްވާ ކަމަކަށް ވާތީ ކުރިއަށް ދިޔައީ،" ނާޒްލީ ބުންޏެވެ.

ނާޒްލީ ނަރުހުންގެ ހިދުމަތާ ގުޅި ފުރަތަމަ ސެންޓަރަލް ހޮސްޕިޓަލުގައި މަސައްކަތްކުރި އެ ހޮސްޕިޓަލަކީ މާގިނަ ހިދުމަތްތަކާއި ވަސީލަތްތަކެއް ހުރި ހޮސްޕިޓަލެއް ނޫނެވެ. އިންސާނީ ވަސީލަތްތައް ވެސް މަދެވެ. ކޮންމެ ވޯޑެއްގައި ވެސް ތިބެނީ ދެ ނަރުހުންނެވެ. އެހެންކަމުން މަސައްކަތް ވެސް ބުރަ އެވެ. ނަމަވެސް ފޫހިކަމެއް ނެތި ކުރިއަށް ދިޔައީ އިންސާނީ ހިދުމަތަށް އޮތް ލޯތްބަކުންނެވެ.

"ސްކޫލްގަ އުޅުނުއިރު ވެސް ފެނޭ ނަރުހުންގެ ޔުނީފޯމް ލައިގެންދާ ކުދިން، އެއީ ވެސް އެކަމަށް ޝައުގު ޖެހުނު ކަމެއް، އެކަމަކު އޭރު ނަރުހުން ވަރަށް މަދުވާނެ، އަޅުގަނޑު ވަންއިރު ވެސް ވަރަށް މަދު، ބޭރު ނަރުހުންނެއް ނޫޅޭނެ،" ނާޒްލީ ބުންޏެވެ.

"މުޅިން ވެސް އާ ކަންތައްތަކާ އެންމެ ފުރަތަމަ ކުރިމަތިލާން ޖެހުނީ، ގޭ ތެރެއިން ނުފެންނަ ކަހަލަ އެކި ބަލިބަލީގެ މީހުން ފެންނަން ފެށީ، ވަރަށް އިންޓްރެސްޓިން އެކަންތައްތައް އަޅުގަނޑަށް، މީހުންގެ ގައިގާ ބޭސްއަޅާ ދިނުމާއި ކަނޑައިގެންދާ ތަންތަން ފަހައިދިނުން ފަދަ ކަންކަމަކީ އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމަކަށްވީ،"

ހިދުމަތުގައި މުރާލިކަމާއެކު ކުރިއަށް ދަނިކޮށް އިރު އެރީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހަށެވެ. އެ ދުވަހުގެ އަލި މާލެއަށް ވިލުނީ ގަދަފަދަ އަޑުފަށްގަނޑާއެކު އެވެ. ބަޑީގެ ހަމަލާގެ އަޑުފަށް ގަނޑެވެ. މީހުން ތިބީ އެ އަޑުފަށްގަނޑުގެ ހަގީގަތް އޮޅުން ނުފިލާ ވާނުވާއެއް ނޭނގި އެވެ. އޭގެ ތެރެއިން އެކަކަކީ ނާޒްލީ އެވެ.

"އަޅުގަނޑު އެ ދުވަހު އޮތީ ހެނދުނު ދާން، ފަތިހު ވެސް ބަޑީގެ އަޑުފަށްގަނޑު އިވޭ، އެކަމަކު ބަޔަކު އަރައިގެން އުޅެނީއޭ ހިތަކަށް ނާރާ، އޭރު ގެ ހުންނަނީ މިހެން ބުރިބުރިއަށް ނަގާފައެއް ނޫން، ބޭރަށް ނިކުމެ ބަލާލިއިރު މި ގޭ ބޭރުގައި ބަޑި ހިފައިގެން ބަޔަކު ތިބި، ދެން އެނގިއްޖެ މިއީ ރަނގަޅު ކަމެއް ނޫންކަން،" ނާޒްލީ ބުންޏެވެ.

ނުބައެއް އުޅޭކަން އެނގުމުން ނަޒްލީ އަވަސްވެ ގަތީ، އެ ދުވަހު ޑިއުޓީގައި ހުރި ޑޮކްޓަރަށް ގުޅުމަށެވެ. އެއީ ޑޮކްޓަރު މުހައްމަދު އަހުމަދެވެ. ޑޮކްޓަރު ނާޒްލީ ކައިރީ، "އަންނާށެކޭ ވަކި ނުބުނާނަމޭ، އައްޔާ ރަނގަޅޭ،" އެވެ. އަދި ހޮސްޕިޓަލަށް އަންނަނަމަ ޔުނީފޯމްގައި ނައިސް ކުލަ ހެދުމުގައި އައުމަށް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ.

ޑޮކްޓަރު އެހެނުން ބުނުމުން ނާޒްލީގެ ހިތަށް އެރީ އެންމެ އެއްޗެކެވެ. "މިއީއޭ އިންސާނީ ހިދުމަތް ކުރުމަކީ، މިއީއޭ ދުވަހަކީ،" އެވެ. އެހެން ހިތާ ނާޒްލީގެ ކުޑަ ދެ ފިރިން ދަރިން ގާތުގައި ގެއިން ނުނިކުތުމަށް ބުނެ ކުލަ ހެދުމުގައި ހޮސްޕިޓަލަށް ދިޔުމަށް މަގު މައްޗަށް ނުކުތެވެ.

"އަޅުގަނޑު ނިކުމެގެން ދިޔައީ ބައިސިކަލްގައި އެކަނި، ދިޔައިރު އެމީހުންނާ ވެސް ދިމާވޭ، އެކަމަކު ވެސް ދިޔައީ ހަމަ، ފުރަތަމަ ނިކުތްއިރު ވަރަށް ބިރު ގަތް، އެއީ ގޯޅި ކަންމައްޗަށް ނިކުތްއިރު ބަރިއަކަށް ބަޑި ހިފައިގެން ތިބި، އެކަމަކު ވެސް ހިތަށް އެރީ އަޅުގަނޑު ދާނަމޭ،"
ނާޒްލީ ބުންޏެވެ.

އިސްކަންދަރު ސްކޫލް ކުރިމަތީ ގޯޅީގައި ހުރި، އޭނާ ގެއިން މިހާރުގެ އޭޑީކޭ ހޮސްޕިޓަލް ހުންނަތާ ހުރި ސެންޓަރަލް ހޮސްޕިޓަލާ ހަމައަށް ނާޒްލީ އެ ދަތުރުކުރީ ގޭގައި އޮންނަން ފުރުސަތު ލިބުނު ނަމަވެސް އެ ދުވަހުގެ އޭނާގެ ހިދުމަތަށް ގައުމު ގޮވާތީ އެވެ. ކުލަ ހެދުމުގައި ނާޒްލީ ހުރުމުން ދުޝްމާނުން މާބޮޑު އަޅައެއް ނުލި އެވެ. ފަސޭހަކަމާއެކު ހޮސްޕިޓަލަށް ދެވުނެވެ. ހޮސްޕިޓަލަށް ދިޔައިރު ގިނަ މީހުން އެ ދުވަހު ޑިއުޓީއަކަށް ނުނިކުމެ އެވެ. ހޮސްޕިޓަލް ތެރޭގައި އޮތީ ފާޑެއްގެ ބިރުވެރި ކަމެކެވެ. ބަލި މީހުން ތިބީ އިތުރަށް ބަލިވެފަ އެވެ.

"ތިން ކުދިން ކަންނޭނގެ ޑިއުޓީއަށް ނިކުތީ، އަޅުގަނޑު އެކަނި އެއް ވޯޑްގަ ހުރީ އެ ދުވަހު، އެއީ އަންހެނުންގެ ވޯޑް، ތިބި ވަރަށް ގިނަ ބަލި މީހުން، ގިނަ މީހުން ބޭނުންވީ ގެއަށް ދާން، އެއީ ހޮސްޕިޓަލް ހިފަން ދުޝްމަނުން އަންނަ ވާހަކަ ބޭރު ތެރެއިން އަޑުއިވިފަ އޮތީމަ، އޭރުގަ ހުންނެވީ ސްޓާފް ނަރުސް އަދި ޑޮކްޓަރުން ވިދާޅުވީ، ބޭނުންވާ މީހުން ގެއަށް ފޮނުވަން، އެގޮތުން ހައެއްކަ މީހުން ގެއަށް ފޮނުވާލިން، އެ ދުވަހު ވިހޭ މީހާ ވެސް އެ ދުވަހު ގެއަށް ދިޔައީ، ނުގޮސް ތިބީ މުސްކުޅިވެ ގައިބާރު ނެތް މީހުން، އަޅުގަނޑު ހުރިން އެ ދުވަހު އިރުއޮއްސެންދެން ޑިއުޓީގަ، ވަރަށް ހަވީރުވި ފަހުން އެހެން ކުއްޖަކު ޑިއުޓީއަށް ނިކުތުމުން ދެން އަޅުގަނޑު ގެއަށް ދިޔައީ،" މިހާރު އުމުރުން 58 އަހަރުގެ ނާޒްލީ ބުންޏެވެ.

އެ ދުވަހު ނާޒްލީ ވަނީ، ދުޝްމަނުންގެ ހަމަލާތަކުގައި ޒަހަމްވި ދިވެހިންނަށް އަވަސް ފަރުވާދީފަ އެވެ. އެ ދުވަހު ޒަހަމްވެގެން ގެނައި އާންމުންނާއި ސިފައިންނަށް އެހީތެރިކަމެއް ފޯރުކޮށްދެވުމަކީ އޭނާ މިއަދު އެންމެ އުފާވާ ކަމެވެ. އިންސާނީ ހިދުމަތެއް ކޮށްދެވިއްޖެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ދެން ނާޒްލީ އެންމެ ބޮޑު ތަޖުރިބާއެއް ކޮށްފައިވާ ކޮލެރާ ރާއްޖޭގައި އަދާޔާ ހިލާފަށް ފެތުރިގަތް ދުވަސްވަރު އެވެ. އެ ދުވަސްވަރު ބަލި މީހުނުން މުޅި ހޮސްޕިޓަލް ފުރާލިއިރު އެ އެންމެންގެ ހިދުމަތުގައި މަސައްކަތް ކުރަން ތިބީ ނާޒްލީމެން ފަދަ މަދު ބަޔެކެވެ.

"ކޮލެރާ ފެށުނުއިރު އަޅުގަނޑު ހުރީ ލ. އަތޮޅުގަ، މާލެ އައިއިރު ކޮލެރާ ވަނީ ފެތުރިފަ، އޭރު އެނދަކާ ޖެހި އެނދެއްގަ ބަލި މީހުން ތިބީ، އެކަކު ސާފުކޮށް އަނެއްކަކު ސާފުކޮށް އުޅެން ޖެހުނީ، ފަތްޖެހި އެނދުގަ ތަންކޮޅެއް ކަނޑާފަ ނަޖިސް ފައިބާ ގޮތަށް ބާލިދީ ލައްވާފަ މީހުން ބައިތިއްބީ،"

އުމުރުން 18 އަހަރުގައި ހިދުމަތް ފެށި ނާޒްލީ ވަނީ ސެންޓްރަލް ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ އިތުރުން އައްޑޫ އަދި ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި މަސައްކަތްކޮށްފަ އެވެ. ލިބިފައިވާ ތަމްރީނު އެހެން މީހުންނަށް އުނގަންނައިދޭން ބޭނުންވާތީ، އިތުރު ގަޑިތަކުގަ ޝީގައި ވެސް ނާޒްލީ ވަނީ މަސައްކަތްކޮށްފަ އެވެ. ޝީގައި މަސައްކަތްކުރި ދުވަސްވަރު ރ އަތޮޅާއި ށ. އަތޮޅު އަދި ބ. އޭދަފުށީގަ ވެސް މަސައްކަތްކޮށްފައި ވެއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގެ ސިސްޓެންޓް ނާސް މިޑްވައިފްގެ މަގާމުގައި މިހާރު ހުރި ނާޒްލީ ވަނީ މޭލެޝިއާ، ޗައިނާ އަދި އިންޑިއާ އަދި ތަމްރީނުތައް ހާސިލުކޮށްފަ އެވެ. ނާޒްލީ ގަބޫލުކުރާ ގޮތުގައި ބޭނުންވި ވަރަށް އޭނާއަށް ވަނީ ގައުމަށް ހިދުމަތް ކޮށްދެވިފަ އެވެ. ނަމަވެސް އަދިވެސް ހަމަ ހުރީ އެ ހިދުމަތުގައި ކުރިއަށް ދާށެވެ.

ނަރުހުންގެ ދާއިރާގައި 40 އަހަރު ނާޒްލީ ހިދުމަތްކޮށް، އަގު ވަޒަންކުރުމުގެ އެވޯޑް އޭނާއަށް މި އަހަރު ލިބިފައިވާއިރު އޭނާގެ އާއިލާގެ އެއްބާރުލުން ވެސް ވަރަށް ބޮޑަށް ލިބެ އެވެ. ކުރިން އޭނާގެ އާއިލާ އެކަމާ ނުރުހުނު ނަމަވެސް މިހާރު ނާޒްލީ ކުރިއަށް ދަނީ އޭނާގެ އާއިލާގެ އެހީއާއެކު އެވެ. ދެ ދަރިންނާއި ފިރިމީހާގެ އެއްބާރުލުން ވެސް ވަރަށް ބޮޑެވެ.

"އަޅުގަނޑު ފިރިމީހާ އަޅުގަނޑު މިހިސާބަށް ފޮނުވީތީ ޝުކުރު އަދާކުރަން، އަޅުގަނޑު ދެ ކުދިން ބަސް އަހައިގެން ތިބީތީ ޝުކުރު އަދާކުރަން، ކުދިން ވެސް ރަނގަޅުވީމަ މިހާ ހިސާބަށް މި އާދެވުނީ،"

ނާޒްލީ ވަނީ އަލަށް ދާއިރާއަށް ނިކުންނަ ކުދިންނަށް ހާއްސަ މެސެޖެއް ދީފަ އެވެ. އެއީ އެ ހިދުމަތުގައި 40 އަހަރު މަސައްކަތްކޮށް، އެންމެ ދުވަހަކު ވެސް ޑިއުޓީއަށް ގަޑި ޖެހިފައިނުވާ މީހެއްގެ ހައިސިއްޔަތުން އޭނާ ދިން މެސެޖެކެވެ.

"ނަރުސްކަން ކުރަން ބޭނުންނަމަ ކުރަންވީ ވަޒީފާއެއްގެ ގޮތުގައި ނޫން، އިންސާނީ ހިދުމަތެއް ކޮށްދިނުމުގެ ގޮތުން، ބަޔަކަށް ހިދުމަތެއް ދިނުމުގެ ގޮތުން، ވަޒީފާގެ ގަޑި ނިމޭއިރަށް ނިކުމެގެންދާ ގޮތަށް މިކަންކުރާނަމަ މިފަދަ ބުރަ މަސައްކަތެއް ނުކުރެވޭނެ،" ނާޒްލީ ބުންޏެވެ.